އަލްފާޟިލް އަޙްމަދު ރަޝީދު
އާހިޔާ ލ. މާބައިދޫ

އަޙްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހައްދުންމަތީ މާބައިދޫ އޮފީހުގެ ކާތިބު ކަމުގައި 1 އެޕްރީލް 1979 ގައެވެ. އޭގެފަހުން، 28 ސެޕްޓެންބަރު 1981 ން ފެށިގެން ލ. މާބައިދޫ ކޯޓުގެ ޤާޟީކަމާއި، މާބައިދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ލ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު އަދާކުރެއްވިއެވެ. އަދި މާބައިދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ދެވަނަ ފަހަރަށް ކުރައްވައި، އޭގެފަހުން ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމާއި، ލ. މުންޑޫ ކަތީބު ކަމާއި، ލ. މުންޑޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، މާބައިދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، މާބައިދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

އަޙްމަދު ރަޝީދު، ވަޒީފާ އަދާކުރެއްވި ގިނަ އިދާރާތަކުގައި، އެ އިދާރާތަކުގެ ޔައުމިއްޔާތަކާއި، ސިޓީތަކާއި، ރިޕޯޓު ފަދަ ލިޔުންތައް ލިޔުއްވައި، ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. ފުރަތަމަ މިކަންކަން ކުރެއްވީ، ފަރުވާތެރިކަމާއެކުގައި އަތުން ލިޔުއްވައިގެންނެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް ލިޔެކިޔުންތައް ލިޔުއްވައި ބަލަހައްޓަވައިފައި ވެއެވެ. އޭގެފަހުން، އަޙްމަދު ރަޝީދު މަސައްކަތް ކުރެއްވި އިދާރާތަކުގެ އެހެން ބައެއް މުވައްޒަފުން ލިޔާ ލިޔުންތައް ރަނގަޅުތޯ ބައްލަވައި، އިޞްލާޙު ކުރުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަމާއި، ކަތީބު ކަމުގައި އަޙްމަދު ރަޝީދު ހޭދަކުރެއްވި މުއްދަތުގައި، އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް، އެ ރަށްރަށުގެ ރައްޔިތުން ކުރި މަސައްކަތްތައް ރާއްވަވައި ހިންގެވުމާއި، އެކަންކަން ކުރާނެ ގޮތުގެ އިރުޝާދު ދެއްވައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން، ރަށްރަށުގައި އަލަށް އާބާދުވާ ސަރަޙައްދުތަކުގެ މަގުތައް ހެދުމާއި، ކުޅިވަރު ކުޅޭނެ ތަންތަން ހެދުމާއި، ގަބުރުސްތާނުތަކުގެ ވަށާފާރު ރޭނުން ހިމެނެއެވެ. އޭގެއިތުރުން، ރަށްރަށުގެ ގޮނޑުދޮށް ގިރާ ސަރަޙައްދުތައް ހިމާޔަތް ކުރުމަށް ތޮށިލުން ފަދަ މުހިންމު މަސައްކަތްތައް ރާއްވަވައި ހިންގަވައިފައި ވެއެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ، ލ. އަތޮޅުގައި ސަރުކާރުން ފުރަތަމަ ފަޅު ފުންކޮށްދެއްވި މާބައިދޫ ބަނދަރުގެ ތޮށިލުމަށްޓަކައި 1991ވަނަ އަހަރު އދ. މާމިގިލީން މީހުން ގެނެސްގެން ކުރެވުނު މަސައްކަތެވެ.

އަޙްމަދު ރަޝީދަކީ، ދައުލަތުގެ ވަޒީފާގެ އިތުރުން، އިޖުތިމާޢީ ގޮތުން ރަށާއި އަތޮޅު ފެންވަރުގައްޔާއި، ޤައުމީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، 1985ވަނަ އަހަރު މާބައިދުއަށް ފުރަތަމަ ފަހަރަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވުނު މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި، މާބައިދޫގައި ފުރަތަމަ އުފެއްދުނު މަދަނީ ޖަމުޢިއްޔާ "ލ.މާބައިދޫ ޒުވާނުންގެ ޖަމުޢިއްޔާ"ގެ މަސްއޫލު އެއް މެންބަރަކީވެސް އަޙްމަދު ރަޝީދެވެ. އަދި އެ ޖަމުޢިއްޔާގެ ފުރަތަމަ ދައުރުގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ރަޝީދެވެ. އެ ޖަމުޢިއްޔާގެ ފަރާތުން އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވެގެން ކާމިޔާބީ ހޯދައިފައި ވެއެވެ. މީގެއިތުރުން، މާބައިދޫގައި ހުންނަ ލ. އަތޮޅު މަދަރުސާގެ ޕީ.ޓީ.އޭ.ގެ ނައިބު ރައީސަކަށް އަޙްމަދު ރަޝީދު ހުންނަވައިގެން، ލައިބްރަރީއެއް އިމާރާތް ކުރައްވައި ޚިދުމަތް ދެއްވަން ފަށްޓަވައިފައި ވެއެވެ. އަދި 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، މާބައިދޫގައި އުފެއްދި ޓާސްކްފޯހުގައިވެސް އަޙްމަދު ރަޝީދު ވަރަށް އިސްކޮށް މަސައްކަތް ކުރެއްވިއެވެ.

އަޙްމަދު ރަޝީދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދެވިއެވެ. އަދި، އެކިއެކި ދުވަސްތައް ފާހަގަކުރުމުގެ ގޮތުން، ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި ހިންގޭ ހަރަކާތްތަކުގައި މިހާރުވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

ޚިދުމަތުގައި މި ހޭދަކުރެއްވި ދިގު މުއްދަތުގައި ކޮންމެ ދުވަހަކުވެސް ގަވާއިދުން އޮފީހަށް ހާޒިރުވެވަޑައިގެންފައިވާ ކަމާއި، އެއްވެސް ދުވަހަކު ގަޑިޖެހިފައި ނުވާކަން އެއީ، އަޙްމަދު ރަޝީދަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެކެވެ.