އަލްފާޟިލާ ޢާއިޝަތު ޝާފިޢާ
މަސަލަސް ސ. ހިތަދޫ

ޢާއިޝަތު ޝާފިޢާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 އޮކްޓޫބަރު 1982ގައި، ސެންޓްރަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ނަރުހެއްގެ ވަޒީފާއިންނެވެ. ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ވަޒީފާއަށް ބަދަލުކުރައްވައިފައި ވަނީ 5 ޖަނަވަރީ 1985 ގައެވެ. ޢާއިޝަތު ޝާފިޢާ ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

މި ވޭތުވެދިޔަ 41 އަހަރު ދުވަހުގެ ތެރެއިން 35 އަހަރު ޚިދުމަތް ކުރައްވައިފައި ވަނީ، އިމަރޖެންސީ ރޫމްގައްޔާއި، ހުރިހާ ވާރޑެއްގެ ޝިފްޓް ޑިއުޓީގައެވެ. ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ދެއްވުމުގައިވެސް ޢާއިޝަތު ޝާފިޢާ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިޑްވައިފްރީ ކޯސް ފުރިހަމަކުރެއްވުމަށްފަހު، އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައި ވަނީ، މީހުން ވިއްސުމުގައި، ލޭބަރ ރޫމްގައެވެ. ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވި ބަލިމީހުންނާ އެކުގައި އެންމެ ގިނައިން ދަތުރުކުރެއްވި ނަރުހުންގެ ތެރޭގައި، ޢާއިޝަތު ޝާފިޢާ ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން، ބަލިމީހުންގެ ގާތަށް ގޭގެއަށް ޒިޔާރަތް ކުރައްވައި، ބަލިމީހުންގެ ހާލަތު ބައްލަވައި، އިންޖެކްޝަން ޖައްސަވައި ދެއްވުން ފަދަ ކަންތައްތައް، ހިލޭސާބަހަށް ޢާއިޝަތު ޝާފިޢާ ކޮށްދެއްވަމުން ގެންދަވައެވެ. އަދި، ހޮސްޕިޓަލުން ހިންގަވާ ތަފާތު ޕުރޮގުރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ޑޮކްޓަރުންނާ އެކުގައި އަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ވެކްސިނޭޝަން ޕުރޮގުރާމުތައް ހިންގެވުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

2003ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ވޭސްޓް މެނޭޖްމަންޓް ކޯހެއް ފުރިހަމަކުރެއްވުމަށްފަހު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކުނީގެ ކަންތައްތައް މެނޭޖް ކުރުމުގައި، ޢާއިޝަތު ޝާފިޢާ އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ތުއްތު ކުދިންނަށް، ގާތުން ދިނުމާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ހިންގުނު ގިނަ ޕުރޮގުރާމުތަކުގައި ބައިވެރިވެވަޑައިގެން، ޑައިބިޓީސް އެސޯސިއޭޝަނުން ހިންގެވި ޑައިބެޓިކް އެޑިޔުކޭޓަރސް ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައި، ހަކުރުބައްޔާ ގުޅޭ މައުލޫމާތު، އާންމުންނަށް ދެއްވައި، ހަކުރުބައްޔާމެދު މީހުން ހޭލުންތެރިކުރުވުމުގެ ގިނަ ޕުރޮގުރާމުތައް، ހޮސްޕިޓަލާ ގުޅިގެން ހިންގަވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ޑައިބިޓީސް އެސޯސިއޭޝަނުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގި ޑައިބެޓިކް ސްކްރީނިންގ ޕުރޮގުރާމުގައި ޢާއިޝަތު ޝާފިޢާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި މަރުވާ މީހުންނާއި، އުފަންވާ ކުދިންގެ މައުލޫމާތު ހޯއްދަވައި، އީ-ގަވަރންމަންޓް ޕޯޓަލްއަށް އެ މައުލޫމާތު އެޅުއްވުމަށްފަހު، އެ ފޯމު އެ ފަރާތްތަކާ ހަވާލުކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.

ޢާއިޝަތު ޝާފިޢާއަކީ، ހޮސްޕިޓަލްގެ ވަޒީފާއާ އަލަށް ގުޅޭ ނަރުހުންނަށް، ހޮސްޕިޓަލްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވައި، ޚާއްޞަކޮށް، ވާރޑުތަކާއި، ލޭބަރ ރޫމްގައި ކަންތައްތައް ކުރާނެގޮތް ދަސްކޮށްދެއްވައި، އެ ފަރާތްތަކަށް އެހީތެރިވެ ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢާއިޝަތު ޝާފިޢާ ފާހަގަކުރެވިފައި ވަނީ، ޑިއުޓީއަށް ފަރުވާ ބަހައްޓަވާ، އަދި އެހެން މުވައްޒަފުންނާއި، ޚިދުމަތް ހޯދުމަށް އަންނަ މީހުންނާ ގާތް ގުޅުމެއް ބާއްވަވައި، އޯގާތެރިކަމާ އެކުގައި ޚިދުމަތް ދެއްވަމުން ގެންދަވާ ނަރުހެއްގެ ގޮތުގައެވެ.