އަލްފާޟިލާ މަރްޔަމް ވަޙީދާ
ހ. ދުނި

މަރްޔަމް ވަޙީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އަމީނިއްޔާ ސްކޫލްގެ ޓީޗަރު ކަމުގެ މަގާމުގައި 7 ޑިސެންބަރު 1970 ގައެވެ. 26 އެޕްރީލް 1976 ގެ ނިޔަލަށް އެ މަގާމުގައި ހުންނެވިއެވެ. އޭގެފަހުން، އަމީނިއްޔާ ސްކޫލްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ކަމުގެ މަގާމު އަދާކުރެއްވިއެވެ.

އޭގެފަހުން، 16 ޑިސެންބަރު 1978 ން ފެށިގެން 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، ޕްލޭނިންގގެ ދާއިރާގައެވެ. މިގޮތުން، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓުގެ ސީނިއަރ އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމު އަދާކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ޑިރެކްޓަރ ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

މަރްޔަމް ވަޙީދާ ދެވަނައަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައެވެ. އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރެއްވިއެވެ. މަރްޔަމް ވަޙީދާ 30 އެޕްރީލް 2013 ގައި ސަރުކާރުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓެރީ ކަމުގެ މަގާމުގައެވެ.

މަރްޔަމް ވަޙީދާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރައްވައިފައި ވަނީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ސެކްރެޓެރީއެއްގެ ގޮތުގައެވެ. ޕްލޭނިންގ މިނިސްޓްރީގައި ޚިދުމަތް ކުރެއްވިއިރު، އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ސެކްޝަންގައްޔާއި، ފައިނޭންސް ސެކްޝަންގައި އިސް ވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. އަދި ބޯހިމެނުމުގެ މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން މަރްޔަމް ވަޙީދާ ބައިވެރިވެވަޑައިގެންނެވިއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި ޚިދުމަތް ކުރެއްވިއިރު އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރައްވައިފައި ވަނީ، އަތުން ލިޔެގެން އޭރު ބޭނުންކުރި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ކޮމްޕިއުޓަރައިޒް ކާޑަކަށް ބަދަލުކުރެއްވުމާއި، އަތޮޅުތަކުގައްޔާއި، ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކަލެކްޝަން ޕޮއިންޓުތައް ޤާއިމުކުރެއްވުމުގެ މަސައްކަތެވެ. މަރްޔަމް ވަޙީދާއަކީ، އެ ޑިޕާޓްމަންޓްގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓެރީގެ މަގާމުގައި މަރްޔަމް ވަޙީދާ ހުންނެވިއިރު، އެ މިނިސްޓްރީގެ ދަށުން އޭރު ހިންގަމުން ގެންދިޔަ އެކިއެކި އޮފީސްތަކުގެ ކަންކަން ބެލެހެއްޓެވިއެވެ. އަދި އެ މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވިއިރު، މަރްޔަމް ވަޙީދާގެ މޭސްތިރިކަމުގެ ދަށުން ތައްޔާރުކުރި އިންޓަރނެޓް ސޮފްޓްވެއަރއަކަށް ސިވިލް ސަރވިސް ކޮމިޝަނުން އިނޮވޭޝަން އެވޯޑް ދެއްވައިފައި ވެއެވެ.

މަރްޔަމް ވަޙީދާ، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ސަރުކާރުގެ އެކިއެކި އޮފީސްތަކުގައި އުފެއްދެވި އެކިއެކި ކޮމިޓީތަކުގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގެން، ތަފާތު ގިނަ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އަދި، އަންހެނުންގެ ޤައުމީ މަޖިލީހުގައިވެސް، ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މަރްޔަމް ވަޙީދާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ވަޒީފާ އަދާކުރެއްވި ހުރިހާ އޮފީހެއްގެ މުވައްޒަފުންނަށްވެސް ކަންކަން އޮޅުންފިލުއްވައި ދެއްވުމަށް މަސައްކަތް ކުރެއްވިއެވެ.

އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން 1990ވަނަ އަހަރު، މަރްޔަމް ވަޙީދާއަށް ވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން 2020ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، މަރްޔަމް ވަޙީދާއަށް ވަނީ ލިބިވަޑައިގެންފައެވެ.