އަލްފާޟިލް އިބްރާހީމް މުޙައްމަދުދީދީ
ހުޅުމާލެ. ހިޔާ 07-11-5

އިބްރާހީމް މުޙައްމަދުދީދީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 28 ޖުލައި 1982 ގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ލޭބަރަރ ކަމުގެ ވަޒީފާއިންނެވެ. ޚިދުމަތުގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް ފޯމަން ކަމާއި، ރޭމްޕް ޑްރައިވަރ ކަމާއި، ރޭމްޕް އޮޕަރޭޓަރ ކަމާއި، އިކުއިޕްމަންޓް އޮޕަރޭޓަރުކަން ކުރައްވައިފައި ވެއެވެ. އިބްރާހީމް މުޙައްމަދުދީދީ މިހާރު ހުންނެވީ، އެ ކުންފުނީގެ ސީނިއަރ އިކުއިޕްމަންޓް އޮޕަރޭޓަރުގެ މަގާމުގައެވެ.

އިބްރާހީމް މުޙައްމަދުދީދީ ފާހަގަކުރެވެނީ، އެއަރޕޯޓް ރޭމްޕުގައި ބޭނުންކުރާ ގްރައުންޑް ހޭންޑްލިންގ ހުރިހާ ވެހިކަލްތައް ދުއްވައި، އޮޕަރޭޓް ކުރައްވައި، ޑިއުޓީ ޕޮއިންޓުތައް ކަނޑައަޅުއްވައި، ފަސިންޖަރުންގެ މުދާ ރައްކާތެރިކަމާ އެކުގައި، ގަޑިއަށް ފޯރުކޮށްދެއްވައި، ކުންފުނީގެ މިންގަނޑަށް އޮޕަރޭޝަން ޚިދުމަތް ފެތޭކަން ޔަޤީން ކުރެއްވުން ފަދަ މަސައްކަތްތައް ފަރުވާތެރިކަމާ އެކުގައި ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

އިބްރާހީމް މުޙައްމަދުދީދީގެ ޚިދުމަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ހުރިހާ ދިމާއަކަށް ވަނީ ލިބިފައެވެ. އޭގެތެރޭގައި، އެއަރޕޯޓުގެ ކަނޑުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި، މުޅި އެއަރޕޯޓުގެ އެކި ސަރަޙައްދުތަކުގައި ހެދިފައި ހުންނަ ވިނަތައް، އެކްސްކަވޭޓަރ މެޝިނަރީ ބޭނުންކޮށްގެން ކޮށައި، އެއްކޮށް ސާފުކުރެއްވުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ކުންފުނީގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނު ކުރެއްވުމުގައި، ސީނިއަރ އިކުއިޕްމަންޓް އޮޕަރޭޓަރުގެ ހައިސިއްޔަތުންނާއި، އިބްރާހީމް މުޙައްމަދުދީދީ އަމިއްލަފުޅު ގޮތުން ކުރައްވާ މަސައްކަތްވެސް ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، އިބްރާހީމް މުޙައްމަދުދީދީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާ، އެފަދަ މުވައްޒަފުންނާ ހިއްސާ ކުރައްވައި، މަސައްކަތަށް އަހުލުވެރިކުރުވައި، ދާއިރާއަށް ހޭލުންތެރި ކުރައްވަމުން ގެންދަވައެވެ. އަދި އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވަމުންވެސް ގެންދަވައެވެ.

އިބްރާހީމް މުޙައްމަދުދީދީ ޚިދުމަތުގައި މިވީ ދިގު މުއްދަތުގެ ތެރޭގައި، ޓޯ ޓްރެކްޓަރ ފިޔަވައި އެއަރޕޯޓުގައި ގްރައުންޑް ހޭންޑްލިންގގައި ބޭނުންކުރާ ހުރިހާ ވެހިކަލް ދުއްވައި އޮޕަރޭޓް ކުރުމުގައި، އިރާދަކުރެއްވީތީ އެއްވެސް އެކްސިޑެންޓެއް އަދި އިންސިޑެންޓެއްވެސް ހިނގާފައި ނުވާކަން އެއީ، އިބްރާހީމް މުޙައްމަދުދީދީ ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާކަމުގެ ފުރިހަމަ ހެއްކެކެވެ.