އަލްފާޟިލް މުޙައްމަދު ޝާހިދު
މ. ހީނާމާގަލާ

މުޙައްމަދު ޝާހިދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 16 ޖޫން 1980 ގައެވެ. 1 ޑިސެންބަރު 1982ގެ ނިޔަލަށް ވަޒީފާ އަދާކުރެއްވުމަށްފަހު ވަކިވެވަޑައިގެން، އަލުން ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 ޖަނަވަރީ 1985 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ލައިންސްމަން ކަމުގެ ވަޒީފާއެވެ. ވޭތުވެދިޔަ 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އިންޖީނުގޭގައެވެ. މުޙައްމަދު ޝާހިދުގެ ހިތްޕުޅުގައި މި ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ، ތުއްޕުޅުއިރު ދިރިއުޅުއްވަމުން ގެންދެވީ، އޭރުގެ އިންޖީނުގެއާ ވަރަށް ކައިރި ހިސާބެއްގައި ކަމަށްވުމުން، އިންޖީނުގެ އަޑު އަބަދުވެސް އިވިއިވި ހުންނާތީއާ އެކުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، މުޙައްމަދު ޝާހިދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ސީނިއަރ ލައިންސްމަން ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރ ކަމާއި، ސުޕަވައިޒަރުކަން ހިމެނެއެވެ. އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސީނިއަރ ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އިންޖިނިއަރު ކަމާއި، އިންޖިނިއަރުކަންވެސް ކުރައްވައިފައި ވެއެވެ. މުޙައްމަދު ޝާހިދު މިހާރު އަދާކުރައްވަމުން ގެންދަވާ ސަރވިސް އިންޖިނިއަރު ކަމުގެ މަގާމަށް ބަދަލުކުރައްވައިފައި ވަނީ، 16 ސެޕްޓެންބަރު 2018 ގައެވެ.

މުޙައްމަދު ޝާހިދު އިންޖީނުގޭގައި ހޭދަކުރެއްވި މި ދިގު މުއްދަތުގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އިންޖީނުގޭގެ ޑީސަލް ޖެނެރޭޓަރުތަކާއި، ސައިލެންސަރާއި، ބޮއިލަރުތަކާއި، ބްލޯވަރ ރޫމްތަކާއި، ޑީސަލް ޕަމްޕް ހައުސްއާއި، ޑީސަލް ޕައިޕް ލައިނާއި، އަދި ޑީސަލް ޓޭންކުތައް މަރާމާތު ކުރައްވައި، ސާފުކޮށް ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، ޕްލާންޓް މެއިންޓެނަންސް ޔުނިޓަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ޝާހިދަކީ، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ޝައުޤުވެރިކަމާއި، ފަރުވާތެރިކަމާ އެކުގައި ކުރައްވަމުން ގެންދަވާ، ހާޒިރީއަށް ފަރުވާތެރި ބޭފުޅެކެވެ. އަދި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެއްވެސް މެއެވެ.