އަޙްމަދު ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 13 މޭ 1982ގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ރެފިއުލަރ ކްރޫމަންގެ ވަޒީފާއިންނެވެ. ވޭތުވެދިޔަ 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެ ކުންފުނީގެ ލޭބަރަރ ކަމާއި، ސަޕޯޓް ސްޓާފްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަޙްމަދު ޔޫސުފް މިހާރު ހުންނެވި ސީނިއަރ ސަޕޯޓް ސްޓާފްގެ މަގާމަށް ބަދަލުކުރައްވައިފައި ވަނީ 1 އޮކްޓޫބަރު 2019 ގައެވެ. މި ވޭތުވި ދިގު މުއްދަތުގައި އަޙްމަދު ޔޫސުފް ޚިދުމަތް ކުރައްވައިފައި ވަނީ، ފުލައިޓްތަކަށް ތެޔޮއެޅުމާ ބެހޭ މަސައްކަތްތަކުގައެވެ.
އަޙްމަދު ޔޫސުފަކީ، ފުލައިޓްތަކަށް ތެޔޮއެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން، ވަރަށް ފަރުވާތެރިކަމާ އެކުގައި އެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ވަރަށް ޒިންމާދާރުކަމާ އެކުގައި ކުރަންޖެހޭ މަސައްކަތެއްކަން ދެނެވަޑައިގެން، ޝައުޤުވެރިކަމާއި، އިޚުލާޞްތެރިކަމާ އެކުގައި ކަމަށް ކަމޭހިއްތަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބޯޓުފަހަރަށް ތެޔޮއެޅުމުގައި މިހާތަނަށް އެއްވެސްކަހަލަ މައްސަލައެއް ދިމާވެފައި ނުވާކަން އެއީ، ޒިންމާދާރުކަމާ އެކުގައި އަޙްމަދު ޔޫސުފް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ފުރިހަމަ ހެއްކެކެވެ.
އަޙްމަދު ޔޫސުފަކީ، ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްވެސް ފުރިހަމައަށް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެއަރޕޯޓުގެ ކުރީގެ ފިއުލް ފާރމުން އާ ފިއުލް ފާރމަށް ބަދަލުވުމުގައި ކުރަންޖެހުނު މަސައްކަތްތައް ކުރުމުގައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހީވާގިކަމާއެކުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފިއުލް ސަރވިސަސް އިން ބައިވެރިވާ އެކިއެކި ކުޅިވަރުތަކުގައި އަޙްމަދު ޔޫސުފް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައެވެ. އަދި ކުންފުނިން ބާއްވާ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެން، ވަރަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވަމުން ގެންދަވައެވެ.