އަލްފާޟިލް އަޙްމަދު މުފީދު
ފަލަކު މ. ރަތްމަންދޫ

އަޙްމަދު މުފީދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން އެންމެ 16 އަހަރުގައި، މުލަކަތޮޅު ރަތްމަންދޫ ކޯޓުގެ ކާތިބު ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން ރަތްމަންދޫ ކޯޓުގެ ސީނިއަރ ކުލާކް ކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ. ކޯޓުގައި ވަޒީފާ އަދާކުރެއްވި 18 އަހަރަށްވުރެ ދިގު މުއްދަތުގައި، ކޯޓުގެ އެންމެހައި ކަންކަން ބެލެހެއްޓެވުމުގައި، އަޙްމަދު މުފީދު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އޭރު ކޯޓުގައި ލިޔަންޖެހޭ މަޙްޟަރު ބަޔާންތަކާއި، ޔައުމިއްޔާއާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި، ފައިސާ ބަލަހައްޓާ ފޮތްތައް ބެލެހެއްޓުމާއި، މި ހުރިހާ ލިޔުންތައް ލިޔުއްވަމުން ގެންދެވީ އަތުންނެވެ. ކޯޓުގެ މަސައްކަތްތައް އޭރު ހިނގަމުންދިޔައީ، ރަތްމަންދޫ އޮފީހުގެ އިމާރާތުގެ ތެރޭގައި ކަމަށްވާތީ، ކޯޓުގެ މަސައްކަތް ނިމުމުން، އޮފީހުގެ މަސައްކަތް ބުރަވެގެންދާ ވަގުތު، ބައެއް ރިޕޯޓުތައް އަތުން ލިޔުއްވައި ތައްޔާރުކުރުމުގައި އަޙްމަދު މުފީދު ރަށުއޮފީހަށް އެހީތެރިވެ ދެއްވަމުންވެސް ގެންދެވިއެވެ.

ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސްވަރު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން، ކޯޓުތަކުގެ އިދާރީ ކަންކަން ތަރުތީބު ކުރެއްވުމަށް ފޮނުއްވި އިދާރީ ވަފުދުގައިވެސް އަޙްމަދު މުފީދު ހިމެނިވަޑައިގެންނެވިއެވެ. ވަފުދުގެ ކަންކަން ބެހިފައި އޮތްގޮތުން، އަޙްމަދު މުފީދު ކުރައްވަން ޖެހުނީ، ރަށްރަށުގެ ކޯޓުތަކުގެ ބަޖެޓުގެ އެކި ކަންކަމާބެހޭ ފޮތްތަކާއި، ސްޓޮކް ބަލަހައްޓަންޖެހޭ ފޮތްތައް ތައްޔާރުކުރައްވައި، އެ ކޯޓެއްގެ ކަމާބެހޭ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގެ މަސައްކަތެވެ.

އަޙްމަދު މުފީދު، ރަތްމަންދޫ ކުޑަކަތީބު ކަމަށް ބަދަލުކުރެއްވީ، 23 އެޕްރީލް 2000 ގައެވެ. އޭގެފަހުން ރަތްމަންދޫ ކަތީބު ކަމުގެ މަގާމާއި، ލާމަރުކަޒީ ޤާނޫނު ވުޖޫދުވެ، ރާއްޖޭގެ އަތޮޅުތަކުގައި އޮފީސްތައް ހިންގުމުގެ ނިޒާމު ލާމަރުކަޒީ ނިޒާމަށް ބަދަލުވުމާ ގުޅިގެން، ރަތްމަންދޫ ކައުންސިލްގެ އިދާރާގެ ކަތީބު ކަމުގެ މަގާމުވެސް އަޙްމަދު މުފީދު އަދާކުރެއްވިއެވެ. އޭގެފަހުން، 14 ޖޫން 2011 ގައި ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމަށް ހަމަޖެއްސެވިއެވެ. އެ މަގާމުގައި ހުންނަވައިގެން، ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ. އަދި، ރަތްމަންދޫ އޮފީހުގައި ސެކްރެޓެރީ ޖެނެރަލެއް ނެތުމުން، އެ މަގާމުވެސް ވަގުތީގޮތުން އަދާކުރެއްވިއެވެ. އަޙްމަދު މުފީދު މިހާރު ހުންނެވި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމަށް ބަދަލުކުރެއްވީ 1 ޖޫން 2021 ގައެވެ.

އަޙްމަދު މުފީދު، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގައި، ރަތްމަންދޫގެ ތަރައްޤީއަށްޓަކައި ކުރެވުނު ގިނަގުނަ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އޭގެ ތެރޭގައި، ރަށުގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ ޕުރޮގުރާމެއް ރަށުގައި ހިންގުމާއި، ރަށުގެ ބޭރު ދުނީގެ ނެރާއި، އެތެރެ ދުނީގައި ފަހުން ކެނޑި ނެރު ކެނޑުމާއި، ރަތްމަންދުއާއި މަޑިފުށްޓާ ގުޅައިލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، ރަތްމަންދޫ ޞިއްޙީ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތުގައްޔާއި، ރަށުގައި ކުނި އުކާލެވޭނެ ނިޒާމު ޤާއިމުކުރުމުގައްޔާއި، ރަތްމަންދޫ ކޯޓު، އާ އިމާރާތަކަށް ބަދަލުކުރުމުގެ މަޝްރޫޢު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތްތަކުގައި، އަޙްމަދު މުފީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރަތްމަންދޫ ރަށްކުރިއަރުވާ ކޮމިޓީއާއި، އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުކަން ކުރައްވައި، ކޮމިޓީގެ އިދާރީ އެންމެހައި ކަންކަން، ވެރިންގެ އިރުޝާދުގެ ދަށުން ކުރައްވަމުން ގެންދަވައި، ރަށުގައި ހިނގާ ރަށްވެހިކަމުގެ މަސައްކަތްތަކުގައްޔާއި، ތަރައްޤީގެ މަސައްކަތްތަކުގައި އަޙްމަދު މުފީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށިގެން އައި ދުވަސްވަރު، ވޮލަންޓިއަރެއްގެ ގޮތުން މަސައްކަތް ކޮށްދެއްވައި، އަތޮޅުން އެންމެ ފުރަތަމަ ލިޔަންކިޔަން ނުދަތުން ފޮހެލި ރަށެއްގެ ގޮތުގައި ރަތްމަންދުއަށް އެ ރީތި ނަން ލިބިގެންދިޔައީ، ވެރިންގެ އިރުޝާދުގެ ދަށުން އަޙްމަދު މުފީދުގެވެސް ބައިވެރިވެވަޑައިގަތުން އޮވެގެންކަން ފާހަގަކޮށްލަންޖެހެއެވެ.