އަލްފާޟިލް މުޙައްމަދު ނިޒާރު
މުގުރީގެ ހއ. މޮޅަދޫ

މުޙައްމަދު ނިޒާރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 16 ޑިސެންބަރު 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މުލީއާގޭ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، މުލީއާގޭ ބަދިގޭ މަސައްކަތު މީހެއްގެ މަގާމާއި، ލޯންޗު މަސައްކަތު މީހެއްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. 11 ޖޫން 1990ން ފެށިގެން ކުރައްވަމުން ގެންދަވަނީ، ވެހިކަލްތައް ސާފުކޮށް ބެލެހެއްޓެވުމުގެ މަސައްކަތެވެ. އެގޮތުން، ވެހިކަލްތައް ސާފުކޮށް ބަލަހައްޓާ މީހާގެ އެހީތެރިޔާގެ މަގާމާއި، ވެހިކަލްތައް ސާފުކޮށް ބަލަހައްޓާ މީހެއްގެ މަގާމާއި، ރިޔާސީ ގަނޑުވަރުގެ ވެހިކަލް ކްލީނަރ ގްރޭޑް 3ގެ މަގާމާއި، ވެހިކަލް ކްލީނަރ ގްރޭޑް 4ގެ މަގާމު، މުޙައްމަދު ނިޒާރު އަދާކުރައްވައިފައި ވެއެވެ. އަދި މުޙައްމަދު ނިޒާރު މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ސީނިއަރ ވެހިކަލް ކްލީނަރ ކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، 21 ސެޕްޓެންބަރު 2005ން ފެށިގެންނެވެ.

މުޙައްމަދު ނިޒާރު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅުގައި ބޭނުންކުރާ ކާރުކޮޅުތައް ބަލަހައްޓަވައި، ކާރުކޮޅުތައް ސާފުކުރުމުގެ މަސައްކަތް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައި، ކަމަށް ކަމޭހިއްތަވައިގެން ކޮށްދެއްވައިފައި ވެއެވެ. އަދި މިހާރުވެސް ގެންދަވަނީ އެ މަސައްކަތް ކުރައްވަމުންނެވެ.

މުޙައްމަދު ނިޒާރަކީ، މަޑުމައިތިރި މިޒާޖެއްގެ އަދި ހުރިހާ މުވައްޒަފުންނާއި ވެރިންނާ ގުޅިގެން ފަރުވާތެރިކަމާ އެކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ހާޒިރީއަށް ފަރުވާތެރި، ހީވާގި، އިޚުލާޞްތެރި ބޭފުޅެއްވެސް މެއެވެ.

މުޙައްމަދު ނިޒާރު، މުލީއާގޭގައްޔާއި، ރިޔާސީ ގަނޑުވަރުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.