އަލްފާޟިލް މުޙައްމަދު ޒާހިރު
މަޒާ ރ. ހުޅުދުއްފާރު

މުޙައްމަދު ޒާހިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 ޖުލައި 1971 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނެއްގެ ވަޒީފާއެވެ. އޭގެފަހުން، އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރާއި، ޑިޕާޓްމަންޓް އޮފް ޑިވެލޮޕްމަންޓް އެންޑް ފޮރިން އެއިޑްގައިވެސް ޕިޔޯނެއްގެ ވަޒީފާ އަދާކުރެއްވިއެވެ. ސީނު ބޮޑު އިސްޓޯރުގެ 2 ނަންބަރު ކާތިބު ކަމާއި، ރ. އަތޮޅު އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބު ކަމުގެ މަގާމު އަދާކުރެއްވުމަށްފަހު، 13 ސެޕްޓެންބަރު 1979 ގައި، ރ. އުނގުލު ކޯޓުގެ ކާތިބު ކަމުގެ މަގާމަށް މުޙައްމަދު ޒާހިރު ބަދަލުވެވަޑައިގަތެވެ. އޭގެފަހުން، އުނގުލު ކުޑަކަތީބު ކަމާއި، ރ. ހުޅުދުއްފާރު ކުޑަކަތީބުކަން ކުރެއްވިއެވެ. މީގެއިތުރުން، ރ. ހުޅުދުއްފާރު ކައުންސިލް އިދާރާގެ ސީނިއަރ ޕްލޭނިންގ އޮފިސަރު ކަމާއި، އެ އިދާރާގެ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވުމަށްފަހު، 6 ސެޕްޓެންބަރު 2015 ގައި، ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރެއްވިއެވެ. އޭރު މުޙައްމަދު ޒާހިރު ވަނީ، 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.

މުޙައްމަދު ޒާހިރު، ރ. އުނގުލު އޮފީހުގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވިއިރު، އެ އޮފީހަކީ 153 އަކަފޫޓުގެ ކުޑަކުޑަ ތަނެކެވެ. ރަށުއޮފީހާއި، ރަށުކޯޓު ހިންގަމުން ގެންދިޔައީ، އެ އިމާރާތުގެ ތެރޭގައެވެ. ނަމަވެސް، ދީލަތި ފަރާތެއްގެ އެހީތެރިކަން ހޯއްދަވައިގެން، ރަށުއޮފީހާއި ރަށުކޯޓުގެ މުވައްޒަފުންނާއި، ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކާ އެކުގައި މަސައްކަތް ކުރައްވައިގެން، ރަށުއޮފީހާއި ރަށުކޯޓު ހިންގާނެ 1225 އަކަފޫޓުގެ އާ އޮފީހެއް އިމާރާތް ކުރެއްވިއެވެ. އަދި، ޖަމުޢިއްޔާއެއް ރަޖިސްޓަރީ ކުރައްވައިގެން، ޖަމުޢިއްޔާގެ އެހީތެރިކަމާ އެކުގައި، ރަށުގެ ދެ އަވަށުގައި ދެ ނަމާދުގެވެސް އިމާރާތް ކުރެއްވިއެވެ. މިއީ، މުޙައްމަދު ޒާހިރު އިސްނަންގަވައިގެން ކުރައްވައި ނިންމެވި މަސައްކަތްތަކެވެ.

މުޙައްމަދު ޒާހިރު، ދައުލަތަށް ޚިދުމަތް ކުރެއްވި 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އަތޮޅުވެރިޔާގެ އެދިވަޑައިގަތުމުގެ މަތީން، އަތޮޅުއޮފީހުން ބައްލަވަންޖެހޭ ގިނަ މައްސަލަތަކެއް ބައްލަވައި ނިންމެވިއެވެ. އޭގެތެރޭގައި، ބިންބިމާ ބެހޭ މައްސަލަތަކާއި، ތަޙުޤީޤު މަރުޙަލާގައި ހުރި މައްސަލަތަކާއި، ތަޙުޤީޤު އަލުން ފުރިހަމަކުރަންޖެހޭ ގިނަ މައްސަލަތަކެއް ހިމެނުނެވެ. އަދި ތަފާތު އެތައް މަރުޙަލާތަކެއްގައި، އަތޮޅުގެ އެކި ރަށްރަށުގެ ރަށުއޮފީސްތައް ހިންގެވުމާ ހަވާލުވެވަޑައިގެން ޒިންމާތައް އަދާކުރައްވައިފައި ވެއެވެ. އަދި، ކުޑަކަތީބު ކަމުގެ މަގާމުގައި ހުންނަވައިގެން، މުދިމު ކަމާއި، ކަށުކަމާކެމީގެ ކަންކަމުގެ އިތުރަށް، 35 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޚަޠީބުކަންވެސް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ޒާހިރު، އުނގުލުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވުމަށްފަހު، އެންމެ ބޮޑަށް އިސްނަންގަވައިގެން ކުރެއްވި އެއް މަސައްކަތަކީ، އުނގުލަކީ، ގާމަތީ ކުޑަކުޑަ ރަށަކަށް ވުމުން، ރަށުގެ ޒުވާނުންނަށް އިތުރަށް ގޯތި ދެވޭނެ ގޮތެއް ނެތުމާއެކު، ބިންބޮޑު އެހެން ރަށަކަށް އުނގުލުގެ ރައްޔިތުން ބަދަލުކޮށްދެއްވުމަށް ސަރުކާރާ އެކުގައި ކުރެއްވި މަސައްކަތްތަކެވެ. މިގޮތުން ކުރެއްވި މަސައްކަތްތަކުން، އަތޮޅުވެރިން ދެތިންފަހަރަކު އުނގުލަށް ވަޑައިގެން، ރައްޔިތުންނާ މަޝްވަރާ ކުރެއްވިއެވެ. އަދި ރަށުގެ ފިރިހެނުންގެ ތެރެއިން ގިނަ ބަޔަކު ރާއްޖޭގެ އެތަން މިތަނުގައި ވަޒީފާ އަދާކުރުމަށާއި، އެހެނިހެން ކަންކަމުގައި ތިބުމުގެ ސަބަބުން، ސަރުކާރުން އިރުޝާދު ދެއްވައިފައިވާ ގޮތަށް އެފަހަރު، ތިންބައިކުޅަ ދެބައި ރައްޔިތުންގެ ތާއީދު ލިބޭގޮތެއް ނުވިއެވެ.

އޭގެފަހުން، އެކަން ހިނގިގޮތް ސަރުކާރުގައި ދެންނެވުމުން، އޭރު މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ހުންނެވި އޮނަރަބްލް ޢަބްދުﷲ ޖަމީލް އުނގުލަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމުންވެސް އެ މަސައްކަތް ކާމިޔާބު ނުވުމުން، އޭގެފަހުން، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަގާމާ ހަވާލުވެވަޑައިގެންނެވި އޮނަރަބްލް އިލްޔާސް އިބްރާހީމްގެ މަޝްވަރާއާއި، ރަށުގެ ޒުވާނުންގެ އެހީތެރިކަމާ އެކުގައި ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމާ އެކުގައި އެ މަސައްކަތް ކާމިޔާބުވެ، ފަޅުރަށެއްގެ ގޮތުގައި އޭރު އޮތް ހުޅުދުއްފާރަށް، އުނގުލުގެ ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވިއެވެ. ހަމަ އެއާއެކުގައި، ރ. ގާއުނޑޫދޫގެ ރައްޔިތުންވެސް ހުޅުދުއްފާރަށް ބަދަލުކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ.