ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ރަމްޒީ
މއ. އީގަލް

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ރަމްޒީ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 ޑިސެންބަރު 1968 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. 1 ފެބުރުވަރީ 2012 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ލެފްޓިނަންޓް ކާނަލްގެ ރޭންކުގައެވެ. ވޭތުވެދިޔަ 43 އަހަރަށްވުރެ ދިގު މުއްދަތުގައި، ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ރަމްޒީ ޚިދުމަތް ކުރައްވައިފައި ވަނީ، ސިފައިންގެ ތެރޭގައެވެ. އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކުގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ރަމްޒީ، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ، ޤައުމަށް ޚިދުމަތް ކުރެއްވުމުގެ މަތިވެރި ޢަޒުމުގައެވެ. އަބަދުވެސް އިސްކަންދެއްވީ، ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައިވެސް ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގަތުމަށެވެ. އެހެންކަމުން، މުޙައްމަދު ރަމްޒީއަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި، ހަވާލުކުރެއްވި ކޮންމެ ކަމެއްވެސް ވަގުތަށް ކަމޭހިއްތަވައިގެން، އެ ކަމަކަށް އިސްކަން ދެއްވައިގެން، ޤާބިލުކަމާއި ތެދުވެރިކަމާ އެކުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ސިފައިންގެ ޚިދުމަތުގައި ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ރަމްޒީ ހޭދަކުރެއްވި ދިގު މުއްދަތުގައި، ޤައުމަށް ދިމާވި ބޮޑެތި ކަންކަން ހައްލުކޮށްދެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި 2004ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި އެންމެހައި މަސައްކަތްތަކުގައިވެސް މުޙައްމަދު ރަމްޒީ ޢަމަލީގޮތުން ބައވެރިވެވަޑައިގެންފައި ވެއެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ރަމްޒީ، ސިފައިންގޭގައި އިޚުލާޞްތެރި ކަމާއި ތެދުވެރިކަމާ އެކުގައި ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 7 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހިތްވަރުގަދަ ކަމުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް ހިމެނެއެވެ.