މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަބްދުލްޢަޒީޒް މޫސާ
ފަރެސްއަވަށް. އުދަރެސް، ގދ. ފަރެސްމާތޮޑާ

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަބްދުލްޢަޒީޒް މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ގދ. އަތޮޅު ވަގުތީ ޤާޟީކަމުގެ މަގާމުގައި 1 އޮކްޓޫބަރު 1969 ގައެވެ. 43 އަހަރަށްވުރެ ގިނަދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ، 3 ޑިސެންބަރު 2012 ގައެވެ.

އަލްއުސްތާޛު ޢަބްދުލްޢަޒީޒް މޫސާ، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ގދ. ފަރެހު ކޯޓުގެ ޤާޟީ ކަމާއި، ފަރެހު ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ސީނިއަރ މެޖިސްޓްރޭޓް ކަމާއި، ގދ. ފަރެސްމާތޮޑާ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ގދ. ފަރެސްމާތޮޑާ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓުގެ މަގާމުގައެވެ.

ގދ. އަތޮޅުކޯޓުގައި ޚިދުމަތް ކުރެއްވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މޫސުން ގޯސް ދުވަސްވަރުގައިވެސް ރިޔަލު ދޯނީގައި އަތޮޅުތެރޭގެ އެކި ރަށްރަށަށް ދަތުރުކުރައްވައި، އެ ރަށްރަށުގެ މައްސަލަތައް ބެއްލެވިއެވެ. އޭގެ އިތުރުން، ހަވާލުކުރެވޭ ޚާއްޞަ މައްސަލަތައް، އަތޮޅުކޯޓުގައްޔާއި، އަތޮޅުތެރޭގެ ރަށްރަށުގައި ބައްލަވައި ނިޔާ ކަނޑައެޅުއްވިއެވެ.

އަތޮޅު ކޯޓުގެ ޚިދުމަތްތައް ފެށުނު ދުވަސްވަރު ތިއްބެވި މުވައްޒަފުންގެ އަދަދު މަދުކަމާއި، އިދާރީ މުވައްޒަފުން ނެތުމުގެ ސަބަބުން އޭރު ކޯޓުގެ އިދާރީ ލިޔެކިޔުންތަކާއި، ޝަރީޢަތްތަކާ ބެހޭ ހުރިހާ ލިޔުންތައް ލިޔުއްވަމުން ގެންދެވީ، ޤާޟީންނެވެ. މިގޮތުން، ޢަބްދުލްޢަޒީޒްވެސް އޭރު އެ މަސައްކަތްތައް ކުރެއްވިއެވެ. މި މަސައްކަތުގެ ތެރެއިންވެސް ޢަބްދުލްޢަޒީޒް މޫސާ ފާހަގަކުރެވިފައި ވަނީ، މަސައްކަތް އަވަހަށް ނިންމަވާ މަޝްހޫރު ޤާޟީއެއްގެ ގޮތުގައެވެ.

އޭރުގެ އުސޫލުތައް އޮންނަގޮތުން ޤާޟީން ނިންމަވާ ބައެއް މައްސަލަތައް، އެކިއެކި ސަބަބުތަކާހުރެ މިނިސްޓްރީ އޮފް ޖަސްޓިސްއިން ބާޠިލުކުރައްވައި، އެ މައްސަލައެއް ބެއްލެވި ޤާޟީއަކާ މެދު ފިޔަވަޅު އަޅުއްވާތީއާއި، އެކަންކަން އާންމުކޮށް އެނގެން އޮންނާތީ، ޤާޟީން އޭރު އުފުއްލަވަން އޮންނަ ބުރަ އެތައް ގޮތަކުން އިތުރެވެ. ވަކި ކަހަލަ މައްސަލަތައް ނިންމެވުމުގައި އޮންނަ އުޒުރުތައް އިންތިހާއަށް ގިނަ ނަމަވެސް ޢަބްދުލްޢަޒީޒް މޫސާ މިފަދަ ކަންކަމާ ކުރިމަތިލައްވައި ކާމިޔާބީ ހޯއްދަވައިފައި ވަނީ ޔަގީންކަމާއި ސާބިތުކަމާ އެކުގައެވެ.

އަތޮޅު ކޯޓުގެ ދުވަސްވަރުގައި، އޭރު އޮތް މަސްރަހުގައި ތިއްބެވި ރާއްޖޭގެ ނުފޫޒުގަދަ އެކިއެކި ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތައްވެސް ޢަބްދުލްޢަޒީޒް މޫސާ ބައްލަވައި ނިންމެވިއެވެ.

އަލްއުސްތާޛު ޢަބްދުލްޢަޒީޒް މޫސާ ގަބޫލުފުޅު ކުރައްވާ ގޮތުގައި، އޭނާއަށް ހޯއްދެވުނު އެންމެ ބޮޑު ކާމިޔާބީއަކީ، ޚިދުމަތުގެ 43 އަހަރުގެ ދިގު ތާރީޚުގައި ނިންމެވި މައްސަލައެއް، އެއްވެސް ގޮތަކުން ބާޠިލު ކުރައްވައިފައި ނުވާކަމެވެ. އަދި މިއާއެކު، ޢަބްދުލްޢަޒީޒް މޫސާއަށް އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅުއްވައިފައި ނުވާކަމެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަބްދުލްޢަޒީޒް މޫސާއަކީ، ރަށުގެ އިޖުތިމާޢީ ކަންކަމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެކެވެ. ކުޅިވަރު ކުޅުމާއި ކުޅުވުމުގައި ދީލަތި އެހީތެރިއެކެވެ. ރަށު ފެންވަރުގައި ވޮލީއާއި ބެޑްމިންޓަން ކުޅުއްވުމުގެ އިތުރަށް، މި ރޮނގުން ކޮށްދެއްވި ޚިދުމަތުގެ ހެއްކަކަށް ޢަބްދުލްޢަޒީޒް މޫސާގެ ގޯތިތެރޭގައި މިހާރުވެސް އޮތް ބެޑްމިންޓަން ކޯޓު އެކަނިވެސް ފުދެއެވެ.