ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ
ހ. ކްރެސްޓް

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، 30 ޑިސެންބަރު 1965 ން ފެށިގެން 31 އޮގަސްޓު 2004ގެ ނިޔަލަށް، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި އަދި 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތަށް ބަދަލުވެވަޑައިގަތުމަށްފަހު، ވަރަށް އިޚުލާޞްތެރިކަމާ އެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، 4 މާރިޗު 2009ގައި ރިޓަޔަރ ކުރައްވައިފައިވާ ބޭފުޅެކެވެ. ރިޓަޔަރ ކުރެއްވިއިރު، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން، ސިފައިންގެ ޚިދުމަތުގައި 39 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، ސިފައިންގެ ތަފާތު ރޭންކުތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. އެން.އެސް.އެސް.ގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ.

ސިފައިންގެ ޚިދުމަތުގައި ޢަބްދުއްޝަކޫރު ޢަބްދުﷲ ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދިވެހި ޤައުމާއި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުންގެ ދިފާޢުގައި ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކާއި އަދި 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގެ ތަޙުޤީޤުގައި އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ސިފައިންގޭގައި ކުރައްވަން ޖެހުނު ކޮންމެ ކަމެއް ޢަބްދުއްޝަކޫރު ޢަބްދުﷲ ކުރައްވައިފައި ވަނީ، ތެދުވެރިކަމާއި، މުރާލިކަމާއި، ހީވާގިކަމާ އެކުގައެވެ. ހަވާލުކުރެއްވި އެއްވެސް ކަމަކަށް، އެއްވެސް ފަހަރަކު ނޫނެކޭ ވިދާޅެއްނުވެއެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވަނީ ތަޙުޤީޤީ އިދާރާގައެވެ.

1 ސެޕްޓެންބަރު 2004 ގައި، މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާ ގުޅިގެން، ޢަބްދުއްޝަކޫރު ޢަބްދުﷲ ހަމަޖެއްސެވީ، ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކަށެވެ. 5 އޮގަސްޓު 2008 ން ފެށިގެން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޢަބްދުއްޝަކޫރު ޢަބްދުﷲ ޚިދުމަތް ކުރެއްވިއިރު، ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއަރމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއަރމަންކަންވެސް ކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 8 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚުލާޤީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެއެވެ. ފަހުން ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވިއިރު، ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލްވެސް ޢަބްދުއްޝަކޫރު ޢަބްދުﷲ ހާސިލު ކުރައްވައިފައި ވެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، އެން.އެސް.އެސް.ގެ ޚިދުމަތުގައި އުޅުއްވަމުން، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގައި މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުންނާއި މީހުންގެ އަދަދު، އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔުމާ ގުޅިގެން، އެކަން ކޮންޓްރޯލް ކުރެއްވުމަށް ސަރުކާރުން އޭރު އުފެއްދެވި މުއައްސަސާ ޢަބްދުއްޝަކޫރު ޢަބްދުﷲ ހިންގެވީ، ޤާބިލުކަމާއި އިޚުލާޞްތެރިކަމާ އެކުގައިކަން ފާހަގަކޮށްލަން ޖެހެއެވެ. މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ފަރުވާދޭން ޖެހުނު ގިނަ އަދަދެއްގެ ޒުވާނުންނާއި މީހުންނަށް ފަރުވާ ދެއްވައި، މަސައްކަތްތެރި ބައެއްގެ ގޮތުގައި، އެ މީހުން މުޖުތަމަޢަށް ނެރެދެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ، އޭރު ފެނިގެންދިޔަކަން އެއީ، ޢަބްދުއްޝަކޫރު ޢަބްދުﷲގެ ޤާބިލުކަމާއި، ވަޒީފާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި ހުނަރުވެރިކަމުގެ އަލިގަދަ ހެއްކެކެވެ.