އަލްފާޟިލް އިސްމާޢީލް ޢަލީ
ގ. ކެނެރީގެ

އިސްމާޢީލް ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 ފެބުރުވަރީ 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކަސްޓަމް ސަރުޖަނެއްގެ ވަޒީފާއެވެ. އޭގެފަހުން، މުނިސިޕަލްޓީގެ ކާތިބު ކަމާއި، މުނިސިޕަލްޓީގެ ހިސާބު ބަލަހައްޓާ ކާތިބު ކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ 1 ނަންބަރު ކާތިބު ކަމާއި، ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ކޮލަމްބޯ ޕްލޭނާބެހޭ ބައިގެ 1 ނަންބަރު ކާތިބުކަން ކުރައްވައިފައި ވެއެވެ. 19 ޖަނަވަރީ 1972 ން ފެށިގެން 27 ފެބުރުވަރީ 2008 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމާ ހަމަޔަށް، އިސްމާޢީލް ޢަލީ ޚިދުމަތް ކުރައްވަމުން ގެންދެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

36 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިސްމާޢީލް ޢަލީ ޚިދުމަތް ކުރެއްވިއިރު، އެ އޮފީހުގެ ތަފާތު މަގާމުތައް ވަނީ ފުރުއްވައިފައެވެ. ފުރަތަމަ އަދާކުރެއްވީ، 1 ނަންބަރު ކާތިބު ކަމެވެ. އޭގެފަހުން، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ، ލެޖިސްޓްލޭޓިވް އެފެއާޒް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ، ލެޖިސްލޭޓިވް އެފެއާޒް ކަމާއި، ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. އެންމެފަހުން އަދާކުރެއްވީ، މުސާޢިދު މުޝީރު ކަމުގެ މަގާމެވެ.

އިސްމާޢީލް ޢަލީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރައްވައިފައި ވަނީ، ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވާ ސިޓީ ލިޔެ ފޮނުއްވުމާއި، ދެންނެވުން ފޮނުއްވުމާއި، ހުކުރު ޚުޠުބާއާއި ދެންނެވުންތައް ސްޓެންސިލްގައި ލިޔުއްވުމާއި ޕްރޫފް ބެއްލެވުމުގެ މަސައްކަތްތަކާއި، ޚުޠުބާތައް ރަށްރަށަށް ފޮނުއްވުމާއި، މާލޭގެ މިސްކިތްތަކަށް ފޮނުއްވުމުގެ މަސައްކަތްތަކާއި، އޭރު ސަރުކާރުން އަލަށް ހައްދަވާ ޤާނޫނުތަކުގެ ބިލުތަކާއި، ޤާނޫނުތަކަށް ގެންނަވާ އިޞްލާޙުތައް ލިޔުއްވައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުގެ މަސައްކަތެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢު ކުރެއްވި "ދީނުގެ މަގު" މި ނޫހުގެ ލިޔުންތަކާ ގުޅޭގޮތުން ކުރައްވަން ޖެހުނު މަސައްކަތްތަކާއި، ޕްރޫފް ބެއްލެވުމުގެ މަސައްކަތްވެސް އިސްމާޢީލް ޢަލީ ވަނީ ކުރައްވައިފައެވެ. ނޫ ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި މަސައްކަތްތަކާއި، ފެހި ޤާނޫނުއަސާސީ އެކުލަވައިލުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި މަސައްކަތްތަކުގައިވެސް އިސްމާޢީލް ޢަލީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، އެކި މުނާސަބަތުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުންތަކަށް ދަޢުވަތު ކާޑުތައް ލިޔެ ފޮނުއްވުމާއި، ރޭޑިޔޯއާއި ޓީ.ވީ. އާއި، ނޫސްތަކަށް ޚަބަރު ލިޔުއްވައި ފޮނުއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

އިސްމާޢީލް ޢަލީ ކުރެއްވި އެހެން މުހިންމު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އަންނަ ބައެއް މައްސަލަތައް، ގަވަރުނަރުގެ އަރިހުގައި ދަންނަވައިގެން ނިންމެވުމާއި، ގަވަރުނަރުގެ އަރިހަށް އަންނަ ސިޓީތަކާއި ހިސާބުތަކުގެ މައުލޫމާތު އެއްކޮށް ބެލެހެއްޓެވުމާއި، ގަވަރުނަރު ފޮނުއްވާ ސިޓީތައް ފޮނުއްވުން ހިމެނެއެވެ. އަދި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވާ މީހުންނާ ބެހޭގޮތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުން ހިމެނެއެވެ. ސަރުކާރުން ހައްދަވާ ކަލަންޑަރު ހެދުމަށް ހޯއްދަވަންޖެހޭ މައުލޫމާތު ހޯއްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ގެންދެވުމަށް ތައްޔާރުކުރެއްވުންވެސް އިސްމާޢީލް ޢަލީ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އިސްމާޢީލް ޢަލީއަކީ، ދައުލަތުގެ ވަޒީފާ އަދާކުރެއްވުމުގައި، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަން ކުރެއްވުމުގައި ވަރަށްބޮޑު އިސްކަމެއް ދެއްވި، އަދި އެ ކުރައްވާ މަސައްކަތެއް، ވަރަށް ތެދުވެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައި ކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 36 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ދެއްވި ހަނދާނީ ފިލާ، 2022ވަނަ އަހަރުގެ ޖޫންމަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްމާޢީލް ޢަލީއަށް އަރުވައިފައެވެ.