އަލްފާޟިލް ޢަލީ މޫސާފުޅު
އަމާން ޅ. ނައިފަރު

ޢަލީ މޫސާފުޅު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނ. މަނަދޫ ޕްރައިމަރީ ސްކޫލްގެ ޓީޗަރުގެ މަގާމުގައި 12 އެޕްރީލް 1979 ގައެވެ. 43 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ، 11 ޖުލައި 2022 ގައެވެ.

ޢަލީ މޫސާފުޅު ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ނ. މަނަދޫ ޕްރައިމަރީ ސްކޫލްގެ ޓީޗަރ ކަމާއި، ރާއްޖެތެރޭގެ މަދަރުސާ/މަކުތަބުގެ މުދައްރިސް ކަމާއި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރ ކަމާއި، މަދަރުސަތުލް އިފްތިތާޙުގެ ގުރެޖުއޭޓް ޓީޗަރުކަން ކުރައްވައިފައި ވެއެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މަދަރުސަތުލް އިފްތިތާޙުގެ ޓީޗަރ (އިސްލާމް)ގެ މަގާމުގައެވެ.

ޢަލީ މޫސާފުޅު، ރަސްމީކޮށް ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1978ވަނަ އަހަރު އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ފަރާތުން ހިންގި ޕްރައިމަރީ ޓީޗަރ ޓްރޭނިންގ ކޯހުގެ ދެވަނަ ބުރު ފުރިހަމަ ކުރެއްވުމަށްފަހުގައެވެ. އެ ދުވަސްވަރު ތަޢުލީމާބެހޭ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާ ގޮތުން ޚިދުމަތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްރަށަށް އިސްކަންދިނުމުގެ ގޮތުން ސަރުކާރުގެ ބޮންޑުގައި، ނ. މަނަދޫ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގައި ހުންނެވިއިރު، ދިވެހި، އިސްލާމް، ޤުރްއާން، ހިސާބު، އިނގިރޭސި، އަޚްލާޤު، މި މާއްދާތައް ކިޔަވައިދެއްވިއެވެ. އޭގެއިތުރުން، ސްކޫލްގެ އިދާރީ ހިންގުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. ނ. އަތޮޅު މަދަރުސާގައި ދެ އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ބަދަލުވެވަޑައިގެން، ޅ. ނައިފަރު މަދަރުސަތުލް އިފްތިތާޙުގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 20 ފެބުރުވަރީ 1982 ގައެވެ. ދަރިވަރުންނަށް އުނގަންނައިދިނުމުގައި މުދައްރިސެއްގެ ގޮތުން، ގްރޭޑް 1ން ފެށިގެން ގްރޭޑް 10އާ ހަމަޔަށް އެކި ދުވަސްވަރު ތަފާތު މާއްދާތައް ކިޔަވައިދެއްވިއެވެ. އެ މާއްދާތަކުގެ ތެރޭގައި، ދިވެހި، އިސްލާމް، ޤުރްއާން، އިނގިރޭސި، ހިސާބު، ސައިންސް، އިޖުތިމާޢީ ޢިލްމު، ފިޒިކަލް އެޑިޔުކޭޝަން ހިމެނެއެވެ.

ޢަލީ މޫސާފުޅު، މަދަރުސަތުލް އިފްތިތާޙުގައި ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތު އަދި ދުޅަހެޔޮކަން ތަރައްޤީ ކުރުމަށް ހިންގެވި އިތުރު ހަރަކާތްތައް ހިމެނެއެވެ. މިގޮތުން، ޕްރިފެކްޓް ބޯޑާއި، ތިމާވެށި ކުލަބާއި، ދިވެހި ކުލަބާއި، މަދަރުސާގެ އެކިއެކި ހައުސްތައް ހިންގެވުން ހިމެނެއެވެ. އެހެން ރަށްރަށުން ކިޔަވަން އައިސްތިބި ދަރިވަރުން ހިމެނޭގޮތަށް، އައިލެންޑް ކުލަބުވެސް ހިންގެވިއެވެ. މީގެއިތުރުން، ދަރިވަރުންގެ މެދުގައި އަދަބީ ރޫޙު އުފެއްދުމަށްޓަކައި އެކި މަޖައްލާތައް ލިޔުމުގައި އެހީތެރިވެދެއްވިއެވެ.

މީގެއިތުރުން، އަތޮޅުއޮފީހާއި، ރަށުއޮފީހާއި، ރަށުގެ އެހެނިހެން މުއައްސަސާތަކުން ޤައުމީ ފެންވަރުގައްޔާއި، ރަށު ފެންވަރުގައި ހިންގަވާ އެކިއެކި ޕުރޮގުރާމުތަކުގައި، ސްކޫލްގެ ފަރާތުންނާއި، އަމިއްލަ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ބައެއް ވާރކްޝޮޕްތަކާއި، އިންސަރވިސް ޓްރޭނިންގތަކާއި، ދުރުންދޭ ތަޢުލީމުގެ އިނގިރޭސި ކޯސްތަކުގެ ބައެއް މާއްދާތަކުން ފެންވަރު މަތިކުރުމުގެ ތަމްރީނުތައް ފުރިހަމަކުރައްވައި، ސެޓްފިކެޓް ހާސިލު ކުރައްވައިފައި ވެއެވެ. މީގެއިތުރުން، މަދުރަސަތުލް އިފްތިތާޙަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ، ޢަލީ މޫސާފުޅަށް ލިބިވަޑައިގެންފައި ވެއެވެ.

ޢަލީ މޫސާފުޅު މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 20 އަހަރު ވެގެން ޕެންޝަން ލިބިވަޑައިގެންފައި ވެއެވެ.