އަލްފާޟިލް ޢަބްދުއްރަޝީދު
މ. މަޑިހެރަ

ޢަބްދުއްރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1964 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މޯލްޑިވްސް ގަވަރންމަންޓް ބޯޓްޔާޑުގެ 1 ނަންބަރު ކާތިބެއްގެ ވަޒީފާއެވެ. 43 އަހަރާއި 3 މަހަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ، 1 މޭ 2008 ގައެވެ.

ޢަބްދުއްރަޝީދު ދައުލަތަށް ޚިދުމަތް ކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވިއަން ގަވަރންމަންޓް އިލެކްޓްރިކް ޑިޕާޓްމަންޓްގެ 1 ނަންބަރު ކާތިބު ކަމާއި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ 2 ނަންބަރު ކާތިބު ކަމާއި، ބަޖެޓު ބަލަހައްޓާ ކާތިބު ކަމާއި، ސެކްރެޓެރީ (ބަޖެޓު ބަލަހައްޓާ) ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ސެކްރެޓެރީ (ބަޖެޓު ބަލަހައްޓާ) ކަމާއި، ބަޖެޓް ސެކްރެޓެރީ ކަމާއި، ފައިނޭންޝަލް ކޮންޓްރޯލަރކަން ކުރެއްވިއެވެ. އަދި އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ އޮފީސް އެސިސްޓެންޓް ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އެސިސްޓެންޓް މެނޭޖަރ ކަމާއި، ކަސްޓަމްސްގެ ޗީފް ކަސްޓަމްސް އޮފިސަރ ކަމާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސުޕްރިންޓެންޑެންޓް ކަމުގެ މަގާމުގައެވެ.

ޢަބްދުއްރަޝީދު، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، ބޯޓުޔާޑުގެ އިދާރީ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތެވެ. މީގެތެރޭގައި، ބޯޓުޔާޑުގެ ބޮޑުކީހުގެ މަސައްކަތް ހިންގައި ބެލެހެއްޓެވުމާއި، މުވައްޒަފުންގެ މުސާރައާ ބެހޭ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ. މޯލްޑިވިއަން ގަވަރންމަންޓް އިލެކްޓްރިކް ޑިޕާޓްމަންޓްގައި ވަޒީފާ އަދާކުރެއްވިއިރު، ގޭގެޔަށް ވަޑައިގެން، ކަރަންޓް ރީޑިންގ ނެންގެވުމާއި، އެއަށް ބިލް ހެއްދެވުމާއި، އެ އިދާރާގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓެވިއެވެ. މީގެތެރޭގައި، މުވައްޒަފުންގެ މުސާރައާ ބެހޭ ކަންކަމާއި، ބަޖެޓް ހެއްދެވުމާއި، ބަޖެޓާ ބެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުމާއި، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރެއްވުމާއި، ކޮންމެ އަހަރެއްގެ މާލީ ބަޔާން ތައްޔާރުކުރެއްވުން ހިމެނެއެވެ. އަދި، އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިދާރީ ބައިގައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކުރެއްވިއެވެ. މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އެސިސްޓެންޓް މެނޭޖަރެއްގެ ހައިސިއްޔަތުން، އެޑްމިން ހިންގަވައި ބެލެހެއްޓެވިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ވަޒީފާ އަދާކުރެއްވިއިރު، ޓްރޭނިންގ ބްރާންޗުގެ މަސައްކަތްތަކާއި، އިދާރީބައި ބެލެހެއްޓެވުމާއި، ޕެސެންޖަރ ޓަރމިނަލް އަދި ކާގޯގެ މަސައްކަތްތައް އިސްވެ ހުންނަވައިގެން ކުރެއްވިއެވެ. މީގެ އިތުރުން، ކަސްޓަމްސްގެ އައްޑޫ އޮފީސް ހިންގެވުމުގެ ޒިންމާވެސް އަދާކުރެއްވިއެވެ. ހަމައެހެންމެ، ކަސްޓަމްސްގައި ކުރެއްވި އިދާރީ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ފޮނުއްވުމާއި، ރާއްޖެ އެތެރެކުރުމަށް ޤާނޫނު މަނާކުރާ ތަކެތި ނައްތައިލުމަށްޓަކައި އެ ތަކެތި ޑިފެންސް މިނިސްޓްރީއަށް ފޮނުއްވުން ހިމެނެއެވެ.

ޢަބްދުއްރަޝީދަކީ، ސަރުކާރުގެ ފައިސާއާބެހޭ އެންމެހައި ކަންކަން، މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވަމުން ގެންދެވި ބޭފުޅެކެވެ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދެވި އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދެވި ނަމޫނާ ޚިދުމަތްތެރިއެކެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 18 ޖުލައި 2008 ގައި ޢަބްދުއްރަޝީދަށް ވަނީ ކަސްޓަމްސް އިން ހަނދާނީ ފިލައެއް އަރުވައިފައެވެ.