އަލްފާޟިލާ އަނީސާ އިސްމާޢީލް
އަނީސާމަންޒިލް މ. ދިއްގަރު

އަނީސާ އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 އޮކްޓޫބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މ. ދިއްގަރު ކޯޓުގެ ކާތިބު ކަމުގެ ވަޒީފާއެވެ. 43 އަހަރާއި 3 މަހަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވީ، 20 ޖަނަވަރީ 2023 ގައެވެ. ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ، ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޚިދުމަތް ކުރައްވައިފައި ވަނީ، ދިއްގަރު މެޖިސްޓްރޭޓް ކޯޓުގައެވެ.

އަނީސާ އިސްމާޢީލް، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، މ. ދިއްގަރު ކޯޓުގެ ކާތިބާ ކަމާއި، އެ ކޯޓުގެ ސީނިއަރ ކުލާކުގެ މަގާމާއި، އެ ކޯޓުގެ އެސިސްޓެންޓް ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އެންމެފަހުން ހުންނެވީ، ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި އަނީސާ އިސްމާޢީލް، ދިއްގަރު މެޖިސްޓްރޭޓް ކޯޓުގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކޯޓުގެ އެންޓްރީ ބެލެހެއްޓެވުމާއި، ޝަރުޢީ ރިޕޯޓުތަކާއި، ޙުކުމްތައް އަދި ޝަރުޢީ ފޮތްތައް ލިޔެ ބެލެހެއްޓެވުމާއި، ކޯޓުގެ ފައިސާއާ ބެހޭ ހުރިހާ މަސައްކަތެއް ކުރެއްވުން ހިމެނެއެވެ. ކޯޓުގެ ތަފާސް ހިސާބު ރިޕޯޓް ލިޔުއްވައި ފޮނުއްވުމާއި، ކޯޓުން ނެރެންޖެހޭ އެންމެހައި އަމުރުތައް ތައްޔާރުކުރެއްވުމާއި، ކޯޓުން ބަލަހައްޓަވާ ކައިވެންޏާއި ވަރީގެ އެންމެހައި މަސައްކަތްތަކާއި، އަދި ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްތައްވެސް ކުރެއްވިއެވެ.

އަނީސާ އިސްމާޢީލް، ޖުޑީޝަލް ދާއިރާއަށް ކޮށްދެއްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ކޯޓުގެ ހިންގުމަށް އެކި ދުވަސްވަރު އައި ބަދަލުތަކާ ގުޅިގެން ކޯޓުގެ މަސައްކަތްތައް ރޭއްވެވުމާއި، ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ތަރައްޤީއަށް ކުރައްވައިފައިވާ މަސައްކަތްތައް ހިމެނެއެވެ.

އަނީސާ އިސްމާޢީލަކީ، ކޯޓުގައި ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ވަރަށްބޮޑަށް އިސްކަން ދެއްވި ބޭފުޅެކެވެ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދެވި އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވައިފައިވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

އަނީސާ އިސްމާޢީލް ވަނީ، އަދާކުރައްވަމުން ގެންދެވި ވަޒީފާގެ އިތުރުން، ދިއްގަރުގެ ތަރައްޤީއަށްޓަކައި ކުރެވުނު ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. ޚާއްޞަ ގޮތެއްގައި، ދިއްގަރު އަންހެނުންގެ ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަނީސާ އިސްމާޢީލް ވަނީ، ދިއްގަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމާއި، ނައިބު ރައީސާ ކަމާއި، ސެކްރެޓެރީކަންވެސް ދިގު މުއްދަތަކަށް ކުރައްވައިފައެވެ.