އަލްފާޟިލް މުޙައްމަދު ޔޫސުފް
ވ. މާއުނި

މުޙައްމަދު ޔޫސުފް، ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 27 ނޮވެންބަރު 1973ގައި، ޕްރޮޕަރޓީ ކްލެއިމްސް ޑިވިޜަންގެ އެއްނަންބަރު ކާތިބު ކަމުގެ ވަޒީފާއިންނެވެ. އޭރު ކުރެއްވީ، ބަޖެޓު ބެލެހެއްޓެވުމާއި، ތަރިކަ އަގުކުރެއްވުމާއި، ތަރިކަ ބަހައިދިނުމުގެ މަސައްކަތާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ މަޙްޟަރު ކުރެއްވުމާއި، ބަޔާން ލިޔުއްވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔުއްވުން ފަދަ މަސައްކަތްތަކެވެ. އޭގެ އިތުރުން، ދައުލަތުގެ ބޭނުމަށް ނަންގަވާ ގޯތިގެދޮރާއި، ބިންބިމާއި، ތަކެތީގެ އަގުކޮށް ބަދަލުދިނުމާބެހޭ މަސައްކަތްވެސް މުޙައްމަދު ޔޫސުފް ކުރައްވައިފައި ވެއެވެ.

ޕްރޮޕަރޓީ ކްލެއިމްސް ޑިވިޜަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް ބަދަލުކުރެއްވީ 6 އެޕްރީލް 1981 ގައެވެ. މުޙައްމަދު ޔޫސުފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، އެއްނަންބަރު ކާތިބު ކަމާއި، ކުލެރިކަލް އެސިސްޓެންޓް (އެއް ނަންބަރު) ކަމާއި، ސްޓޮކް ކީޕަރު ކަމާއި، ސީނިއަރ ސްޓޮކް ކީޕަރު ކަމާއި، ސްޓޯސް އޮފިސަރު ކަމާއި، ސީނިއަރ ސްޓޯސް އޮފިސަރު ކަމާއި ސްޓޮކް ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. 43 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވުމަށްފަހު، އުމުރުން 65 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ޕްރޮކިއުމަންޓާ ބެހޭ ކަންތައްތައް ހިންގެވުމުގެ އިސް ބޭފުޅެއްގެ ގޮތުގައެވެ. އޭރު ހުންނެވީ، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގަތުމަށްފަހު، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން، މުޙައްމަދު ޔޫސުފް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބަޖެޓާބެހޭ މަސައްކަތާއި، ރައީސުލްޖުމްހޫރިއްޔާގެ އެހީފުޅުގެ ދަށުން މަރާމާތު ކުރައްވާ ބައެއް އޮފީސްތަކާއި ތަންތަން މަރާމާތު ކުރެއްވުމާ ގުޅޭ މަސައްކަތްތައް ހިމެނެއެވެ. އަދި، އޮފީހުގެ ފަރާތުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރުފުޅާ ގުޅޭގޮތުން ކުރައްވަންޖެހޭ ބައެއް މަސައްކަތްތައް ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ތަކެތީގެ ތެރެއިން، ގުދަނުގައި ރައްކާކޮށްފައި ހުންނަ ތަކެތި ރައްކާތެރިކަމާ އެކުގައި ބެލެހެއްޓެވުމާއި، ގުދަނަށް ވައްދާ ތަކެއްޗާއި، ގުދަނުން ނެރޭ ތަކެތީގެ ހިސާބު ބެލެހެއްޓެވުމާއި، ގުދަންތަކުގައި ހުންނަ ތަކެތި، އޮފީހުން އެންގެވުމުން، އެކިއެކި ފަރާތްތަކުގެ ބޭނުމަށް ދޫކުރެއްވުމާއި، މެޝިނަރީއާއި، އެކިއެކި ތަކެތި މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް ފަދަ ތަކެތީގެ ސްޓޮކް ބެލެހެއްޓެވުމާއި، އޮފީހުގައި ހުންނަ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ކަނޑައަޅައި ނީލަމަށް ފޮނުއްވުމުގެ މަސައްކަތް ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، އޮފީހުގެ އެކި ބޭނުންތަކުގައި ބޭނުންކުރާ ދިދަތައް ތައްޔާރުކުރެއްވުމުގައްޔާއި، އޮފީހުން، މުވައްޒަފުންނަށް ދޭ ޔުނިފޯމާއި ބައިސްކަލް ދޫކުރެއްވުމާއި، ބައިސްކަލް ރަޖިސްޓަރީ ކުރުވުމާއި، މަރާމާތު ކުރުވުމާއި، އެކިއެކި ފަރާތްތަކުން އޮފީހަށް ފޮނުވާ ބިލުތަކާއި، އިންވޮއިސްތައް ޗެކް ކުރެއްވުމާއި، ކާގޯގެ ގޮތުގައި އޮފީހުން ރާއްޖެއިން ބޭރަށް ފޮނުވާ މުދާފަދަ ތަކެތި ފޮނުއްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރެއްވުން ހިމެނެއެވެ.

މުޙައްމަދު ޔޫސުފް ކުރައްވައިފައިވާ ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެކިއެކި ފަރާތްތަކަށް ހަދިޔާގެ ގޮތުގައި ދެއްވުމަށް ހޯދަންޖެހޭ ތަކެތި ހޯއްދެވުމާއި، އެކިއެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ތަކެތި، ރައްކާތެރިކަމާ އެކުގައި ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސެވުން ހިމެނެއެވެ. އަދި އެކިއެކި މުނާސަބަތުތަކާ ގުޅިގެން، މާލެތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ބައެއް ތަކެއްޗާއި، އެކިއެކި ރަސްމިއްޔާތުތަކަށް ބޭނުންވާ ތަކެތި ހޯއްދަވައި ހަވާލުކުރެއްވުންވެސް ހިމެނެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމު ކުރައްވައިގެން ބާއްވަވާ ހުރިހާ ރަސްމިއްޔާތުތަކާއި ޚާއްޞަ ޙަފުލާތައް އިންތިޒާމު ކުރުމަށް ބޭނުންވާ ތަކެތި ގެނެސް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސެވުމުގައި، މުޙައްމަދު ޔޫސުފް އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ އެހެން ބައެއް ރަސްމިއްޔާތުތަކާއި ޙަފުލާތަކާ ގުޅޭގޮތުން ހޯދަންޖެހޭ ތަކެތި ހޯއްދަވައި ހަވާލުކުރެއްވުމުގެ މަސައްކަތްތަކަކީވެސް މުޙައްމަދު ޔޫސުފްގެ ޚިދުމަތުން ފާހަގަކޮށްލަންޖެހޭ ކަންކަމެވެ. މުޙައްމަދު ޔޫސުފް ވަނީ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް އަކިރި ހަދިޔާކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އަކިރި ހަދިޔާކުރުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މުޙައްމަދު ޔޫސުފް ފާހަގަކުރެވިފައި ވަނީ، އިޚުލާޞްތެރިކަމާއި، ކެތްތެރިކަމާއި، ފަރުވާތެރިކަމާ އެކުގައި، ކަމަށް ކަމޭހިއްތަވައިގެން، ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާ އެކުގައި، މުވައްޒަފުންނާ ގާތުން ޚިދުމަތް ދެއްވި، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް، މަސައްކަތުގެ އަޚުލާޤު ހިފަހައްޓަވައިގެން، ޝައުޤުވެރިކަމާއި، ޒިންމާދާރުކަމާ އެކުގައި ކުރެއްވި، ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މެދުކެނޑުމެއްނެތި 36 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މުޙައްމަދު ޔޫސުފަށް ވަނީ އެކަމުގެ ހަނދާނީ ފިލާ، 2022ވަނަ އަހަރު އަރުވައިފައެވެ.