އަލްފާޟިލް ޙަސަން ޙަލީމް
މއ. ނިކަމާގެ

ޙަސަން ޙަލީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 ޑިސެންބަރު 1980 ގައެވެ. ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޙަސަން ޙަލީމް މިހާރު ހުންނެވީ، ސިވިލް ކޯޓުގެ ސީނިއަރ ބަޖެޓް އެނަލިސްޓުގެ މަގާމުގައެވެ. ޙަސަން ޙަލީމް އެންމެ ފުރަތަމަ ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ބަޖެޓް ކާތިބެއްގެ މަގާމުގައެވެ.

ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ ޙަސަން ޙަލީމް ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޝަރުޢީ ދާއިރާގައެވެ. މިގޮތުން، ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 4ގެ ދެ ނަންބަރު ކާތިބެއްގެ ވަޒީފާއެވެ. އޭގެފަހުން، ކޯޓު ނަންބަރު 4ގެ ކޭޝިއަރު ކަމުގެ މަގާމާއި، ކޯޓު ނަންބަރު 5ގެ ކޭޝިއަރު ކަމުގެ މަގާމާއި، ކޯޓު ނަންބަރު 5ގެ ސެކްރެޓެރީ ކަމުގެ މަގާމާއި، ސީނިއަރ ކޭޝިއަރުގެ މަގާމާއި، ކޯޓު ނަންބަރު 2ގެ ސީނިއަރ ކޭޝިއަރުގެ މަގާމާއި، މަދަނީ ކޯޓުގެ ސީނިއަރ ކޭޝިއަރުގެ މަގާމާއި، ސީނިއަރ ބަޖެޓް އޮފިސަރު ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. 1 ޖުލައި 2008 ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ސިވިލް ކޯޓު (ކުރީގެ މަދަނީ ކޯޓު)ގެ ސީނިއަރ ބަޖެޓް އެނަލިސްޓުގެ މަގާމެވެ.

ބަޖެޓް ކާތިބެއްގެ މަގާމުން ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވި، ޙަސަން ޙަލީމަކީ މިހާރު، ކޯޓުގެ ފައިސާ ޚަރަދުކުރުމަށް ހުއްދަ ދެއްވާ އަދި ފައިސާއާބެހޭ ޕޭމަންޓް ވައުޗަރާއި، އިތުރު ލިޔެކިޔުންތައް، މިނިސްޓްރީ އޮފް ފިނޭންސަށް ސެޕުން ޕޯސްޓް ކުރައްވާ ވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ޙަސަން ޙަލީމް މައިގަނޑު ގޮތެއްގައި ކުރެއްވީ، ޝަރުޢީ ކޯޓުތަކުގެ ފައިސާއާ ބެހޭ ކަންތައްތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ. މީގެތެރޭގައި، މުވައްޒަފުންގެ މުސާރައާބެހޭ ކަންކަމާއި، އަހަރީ ބަޖެޓް ހެއްދެވުމާއި، ބަޖެޓާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރެއްވުން ހިމެނެއެވެ. ނަމަވެސް، ސިވިލް ކޯޓުގައި ރެކޯޑު ސެކްޝަނެއް އުފެދި، އެ ސެކްޝަންގެ އިސް ބޭފުޅަކަށް ބަދަލުވެވަޑައިގަތުމާ ގުޅިގެން މިހާރު ކުރައްވަމުން ގެންދަވަނީ، ސާބިތު ދަރަނީގެ ރެކޯޑުތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ.

ޙަސަން ޙަލީމް މިހާތަނަށް ޚިދުމަތް ކުރައްވަމުން ގެންދެވި ކޮންމެ ކޯޓަކީ، ސާބިތު ދަރަނީގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކޯޓެއް ކަމުގައިވާތީ، ޙަސަން ޙަލީމުގެ މަސައްކަތުގެ ބޮޑުބައި ބިނާވެފައި އޮންނަނީ، ސާބިތު ދަރަނީގެ ރެކޯޑުތައް ބެލެހެއްޓެވުމުގެ މައްޗަށެވެ. ޙަސަން ޙަލީމް، މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ޙަސަން ޙަލީމަކީ، ސަރުކާރުގެ ފައިސާއާބެހޭ އެންމެހައި ކަންކަން، މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓެވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ޙަސަން ޙަލީމަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތުގައި ދެމިހުންނެވި، އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

މީގެއިތުރުން، ޙަސަން ޙަލީމަކީ، ހޭންޑްބޯޅަ، ފުޓްބޯޅަ އަދި ވޮލީބޯޅަ މުބާރާތްތަކުގައި އޮފީސް ތަމްސީލު ކުރައްވައި އަދި ކުރިން ކުޅުއްވި ކުޅުންތެރިއެއްގެ ގޮތުގައި އަދި މިހާރު މެނޭޖަރެއްގެ ގޮތުންނާއި، އޮފިޝަލެއްގެ ގޮތުން ބައިވެރިވެވަޑައިގެން އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.