އަލްފާޟިލް ޢަބްދުﷲ ނަޞީރު
ވ. ރޯޝަން

ޢަބްދުﷲ ނަޞީރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 ސެޕްޓެންބަރު 1979 ގައެވެ. ޢަބްދުﷲ ނަޞީރު ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 43 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

ޢަބްދުﷲ ނަޞީރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ޕިޔޯނު ކަމުގެ ވަޒީފާއެވެ. އެ މިނިސްޓްރީގެ ޕިޔޯނަކަށް ހުންނެވިއިރު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އޮފީސްތަކަށް ފޮނުވާ ސިޓީ ހަވާލުކުރެއްވުމާއި، ސިޔާސީ ކުށްވެރިން ގޭގައި ބަންދުކުރަން ގެންދެވުމާއި، ސިފައިގެއަށް ގެނައުމާއި، އެ މީހުން ބަލިވުމުން ޑޮކްޓަރަށް ދެއްކުމާއި، ބޭސްނަގައިދިނުމާއި، އެކަމާ ގުޅޭ ބިލުތަކަށް ފައިސާ ދެއްކެވުން ހިމެނެއެވެ.

23 ފެބުރުވަރީ 1981 ގައި ނޭޝަނަލް ސެކިޔުރިޓީ ސަރވިސްގެ ޕްރައިވެޓެއްގެ ރޭންކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވުމަށްފަހު، 2 ސެޕްޓެންބަރު 1999 ގައި ފުރަތަމަ ޕެންޝަން ލިބިވަޑައިގަތުމާ ހަމަޔަށް އެން.އެސް.އެސް.ގެ ޚިދުމަތުގައި ދެމިހުންނެވިއެވެ. އޭރު ހުންނެވީ، އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލް ކަމުގެ ރޭންކުގައެވެ.

އެން.އެސް.އެސް.ގައި ޕްރައިވެޓުގެ ރޭންކުގައި ހުންނެވިއިރު ގިނަދުވަހު ކުރެއްވީ، ބަލަމުންގެންދާ މައްސަލަތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ކުރަންޖެހޭ މީހުން ހޯދައިގެން ފުލުސް އޮފީހަށް ހާޒިރު ކުރުވުމުގެ މަސައްކަތެވެ. އޭގެ ފަހުން ސިފައިންގެ އޮފީހުގައި، އޯ.ސީ.އެސް. ގައި ކުރެއްވީ ސިފައިންގެއަށް ވަންނަން އެދޭ މީހުންގެ ރެކްރޫމަންޓްގެ މަސައްކަތާއި، ސިފައިންނަށް ޕްރޮމޯޝަން ދިނުމާ ގުޅޭ މަސައްކަތްތަކާއި، ޕްރޮމޯޝަން ލިބޭ މީހުންނަށް ސިޓީ ހަވާލުކުރުމުގެ މަސައްކަތެވެ.

3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާ ކުރިމަތިވިއިރު ޢަބްދުﷲ ނަޞީރު ހުންނެވީ، ސިފައިންގޭގެ އެތެރޭގެ ޑިއުޓީގައި ކަމުން، ޤައުމުގެ ދިފާޢުގައި ކުރައްވަން ޖެހުނު ކޮންމެ ކަމެއް އެ ދުވަހު ކުރައްވައި، ހިތްވަރާއި ޖޯޝާ އެކުގައި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި، ޓެރަރިސްޓުންގެ ޙަމަލާތަކަށް ރައްދު ދިނުމުގައި ދެމިހުންނެވިކަން ފާހަގަކޮށްލަން ޖެހެއެވެ.

އޭގެފަހުން، 8 އޮކްޓޫބަރު 2000 ގައި ޢަބްދުﷲ ނަޞީރު އަލުން ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ވިލިނގިލީ އަވަށުގެ އަވަށު އޮފީހުގެ ސުޕަވައިޒަރެއްގެ ގޮތުގައެވެ. އޭގެފަހުން، ވިލިނގިލީ އަވަށު އޮފީހުގެ ސީނިއަރ ސުޕަވައިޒަރު ކަމާއި، މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ސީނިއަރ ސުޕަވައިޒަރު ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ ސުޕަވައިޒަރު ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސީނިއަރ ސުޕަވައިޒަރު ކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ.

ވިލިނގިލީ އަވަށު އޮފީހުގައި ސުޕަވައިޒަރެއްގެ މަގާމުގައި ހުންނެވިއިރު ކުރެއްވީ، ރަށުތެރެ ބެލެހެއްޓެވުމާއި، މަގުތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ މަސައްކަތާއި، ގޯތިގޯތީގައި އިމާރާތްތައް ހަދާފައި ހުންނަނީ ގަވާއިދާ އެއްގޮތަށްތޯއާއި، އެ ތަންތަނުގައި ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކުރަންޖެހޭ ކަންކަން ކޮށްފައި ހުރިތޯ ބެއްލެވުމުގެ މަސައްކަތެވެ.

ޢަބްދުﷲ ނަޞީރު މިހާރު ހުންނެވި، އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ 1 ޖޫން 2021 ން ފެށިގެންނެވެ. މިހާރު ހުންނެވި މަގާމުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވަނީ، މުނިސިޕަލް މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އެ މަސައްކަތް ކުރާ މީހުން ލައްވައި މަސައްކަތް ކުރުވުމުގެ މަސައްކަތެވެ.

މާލޭ ސިޓީ ކައުންސިލަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާތީ، ޢަބްދުﷲ ނަޞީރަށް ވަނީ ދިގު މުއްދަތުގެ ހަނދާނީ ފިލާ އަދި ހަނދާނީ ލިޔުން ލިބިވަޑައިގެންފައެވެ.