އަލްފާޟިލް އަޙްމަދު ނަޢީމް ޔޫސުފް
ނަސީމީގެ ބ. ދޮންފަން

އަޙްމަދު ނަޢީމް ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އެޕްރީލް 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ބ. ދޮންފަނު އޮފީހުގެ ކާތިބެއްގެ ވަޒީފާއެވެ. އަޙްމަދު ނަޢީމް ޔޫސުފް، 43 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

އަޙްމަދު ނަޢީމް ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ބ. ދޮންފަނު އޮފީހުގެ ކާތިބު ކަމާއި، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސްޓެންޓް ފައިނޭންސް އޮފިސަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ފައިނޭންސް އޮފިސަރުގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އަޙްމަދު ނަޢީމް ޔޫސުފް ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ކުރެއްވީ، އެކި އޮފީސްތަކަށް ފޮނުއްވަންޖެހޭ ސިޓީ ލިޔުއްވުމާއި، ކޮންމެ މަހެއް ނިމުމުން، ރިޕޯޓު ތައްޔާރުކުރައްވައި، އަތޮޅުއޮފީހަށް ފޮނުއްވުމާއި، ކޮންމެ ދުވަހަކު ފޮނުވަންޖެހޭ މަސްވެރިކަމުގެ ރިޕޯޓު، ވޯކީޓޯކީގެ ޒަރީއާއިން ފޮނުއްވުމުގެ މަސައްކަތެވެ. އަދި އެ ދުވަސްވަރު ނުކުތް ފާރުނޫހުގެ ޚަބަރުތައް ރޭޑިއޯއިން އަޑު އައްސަވައިގެން، ނަންގަވައި، ލިޔުއްވައިގެން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. 31 ޖުލައި 2011 ގައި، އެސިސްޓެންޓް ފައިނޭންސް އޮފިސަރުގެ މަގާމަށް ބަދަލުވުމަށްފަހު ކުރެއްވީ، ކައުންސިލް އިދާރާގެ ފައިސާއާ ބެހޭ މަސައްކަތެވެ. އޭގެތެރޭގައި، އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، އެ ފަރާތްތަކަށް ހަވާލުކުރެއްވުމާއި، އޮފީހަށް ލިބޭ ފައިސާ ބަލައިގަނެ، ފޮތްތަކަށް ނެގުމުގެ މަސައްކަތް ހިމެނެއެވެ.

އަޙްމަދު ނަޢީމް ޔޫސުފް ވަޒީފާ އަދާކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެއްވެސް މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަޙްމަދު ނަޢީމް ޔޫސުފް ވަނީ، ރަށުގެ ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކާއި، ޤައުމީ ގޮތުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.