އަލްފާޟިލާ ޒުހުރާ އަޙްމަދު
ދޫރެސް ކ. ގާފަރު

ޒުހުރާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 ސެޕްޓެންބަރު 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ފެމިލީ ހެލްތު ވަރކަރ ކަމެވެ. އޭރު ޞިއްޙީ މަރުކަޒު ނުހުންނާތީ، ޚިދުމަތް ދެއްވަމުން ގެންދެވީ، ގާފަރު އޮފީހުގައެވެ. އޭރު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އާންމު ބަލިތަކަށް ފަރުވާ ދެއްވުމާއި، އާންމު ޞިއްޙަތަށް މީހުން ހޭލުންތެރި ކުރުވުމާއި، ކުޑަކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތައް ބައްލަވައި މޮނިޓަރ ކުރެއްވުމާއި، މީހުން ވިއްސުމުގައި އެހީތެރިވެދެއްވުމާއި، މާބަނޑު މީހުންނަށް ޞިއްޙީ ގޮތުން ދޭންޖެހޭ މައުލޫމާތު ދެއްވުމާއި، ވަޅުތައް ކްލޮރިން ކުރުންފަދަ މަސައްކަތްތައް ހިމެނެއެވެ.

1 ފެބުރުވަރީ 2009 ން ފެށިގެން ޒުހުރާ އަޙްމަދު، ފެމިލީ ހެލްތު އޮފިސަރެއްގެ މަގާމަށް ބަދަލުކުރެއްވިއެވެ. އަދި، ގާފަރު ޞިއްޙީ މަރުކަޒުގައި ޕަބްލިކް ހެލްތު ޔުނިޓެއް އުފެއްދެވުމާ ގުޅިގެން، މަސައްކަތް ކުރައްވަމުން ގެންދެވީ، އެ ޔުނިޓުގައެވެ. އޭރު ކުރައްވަމުން ގެންދެވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ވެކްސިން ދިނުމާއި، ވެކްސިންގެ ރެކޯޑުތައް ބެލެހެއްޓެވުމާއި، ގޭގެއަށް ޒިޔާރަތް ކުރައްވައި، މީހުންގެ ޞިއްޙީ ހާލަތު ބައްލަވައި، އިރުޝާދު ދެއްވައި، މަދިރި އުފެދޭ ތަންތަން ބައްލަވައި، އެފަދަ ތަންތަން ނައްތައިލުމާއި، ފެމިލީ ޕްލޭނިންގގެ ޚިދުމަތް ދެއްވުން ހިމެނެއެވެ. އަދި ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނަށް ޒިޔާރަތް ކުރައްވައި، އެ ތަންތަން ޗެކް ކުރައްވައި، ސެޓުފިކެޓު ދޫކުރެއްވުމާއި، މަސްވެރިކަން ކުރާ އުޅަނދުފަހަރު ޗެކް ކުރައްވައި، ސެޓުފިކެޓު ދޫކުރެއްވުމާއި، މާބަނޑު މީހުންގެ ރަޖިސްޓަރީ ބަލަހައްޓަވައި، ގަވާއިދުން ޑޮކްޓަރަށް ދައްކަމުން ގެންދޭތޯ ބެއްލެވުމާއި، ކާބޯތަކެތި ވިއްކާ ތަންތަން ބައްލަވައި ޗެކް ކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އަދި ޞިއްޙީ މަރުކަޒުން ހަދަންޖެހޭ ހުރިހާ ރިޕޯޓުތަކެއް ތައްޔާރުކުރައްވައި، ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުއްވުމުގެ މަސައްކަތްވެސް ޒުހުރާ ކުރެއްވިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން އަތޮޅުތެރޭގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރެއްވި ދުވަސްވަރު، ވެކްސިން ޓީމުތަކާ އެކުގައި ޒުހުރާ އަޙްމަދު ބައިވެރިވެވަޑައިގެން ދަތުރުކުރައްވައިފައި ވެއެވެ. އަދި، ގާފަރު ބޭސް ފިހާރައިގައި ބޭސް ވިއްކުމުގެ މަސައްކަތްވެސް، ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައިފައި ވެއެވެ.

ޒުހުރާ އަޙްމަދަކީ، ގާފަރު އޮފީހުގެ އިދާރީ މަސައްކަތްތައްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، ގާފަރު މަދަރުސާގައި ކިޔަވައި ދެއްވައިފައިވެސް ވެއެވެ. މީގެއިތުރުން، ގާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމާއި، ނައިބު ރައީސާ ކަމާއި، ޚަޒާންދާރު ކަމާއި އަދި މެންބަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ރަށުގެ ތަރައްޤީއަށް ކުރަމުންދިޔަ މަސައްކަތްތަކުގައި އިސްނަންގަވައިގެން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، އަންހެނުންގެ ކޮމިޓީން ރަށުތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓި ދުވަސްވަރު، އެ މަސައްކަތްތަކުގައި އިސްވެ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި ޕްރީސްކޫލް އުމުރުފުރާ ކުދިންނަށް ތަޢުލީމު ދެވޭނެ ގޮތެއް ރަށުގައި ނެތް ދުވަސްވަރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަންގަވައިގެން ޒުހުރާ އަޙްމަދުވެސް އެކަމުގައި އިސްވެ ހުންނަވައި، "ވޮށުފިލާ ޕްރީސްކޫލް"ގެ ނަމުގައި ސްކޫލެއް ރަޖިސްޓަރީ ކުރައްވައިގެން ހިންގަވައިފައި ވެއެވެ.

ޒުހުރާ އަޙްމަދު ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 43 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.