އަލްފާޟިލާ ފާޠިމަތު ރަޝީދާ
އިރުދޭމާގެ ދ. ހުޅުދެލި

ފާޠިމަތު ރަޝީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރ ކަމުގެ މަގާމުގައި 1 ސެޕްޓެންބަރު 1979 ގައެވެ. 29 ޑިސެންބަރު 1980 ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފެމިލީ ހެލްތު ވަރކަރގެ މަގާމަށް ބަދަލުވެވަޑައިގަތުމަށްފަހު، ދާއިރާއިން އިތުރަށް ތަޢުލީމު އުނގެނި، ތަމްރީނުވެވަޑައިގަތުމަށްޓަކައި 6 ޖުލައި 2003 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމާ ހަމައަށް ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ އާއިލާގެ އެހީތެރިޔާގެ މަގާމުގައެވެ. ފެމިލީ ހެލްތުގެ ދާއިރާއިން ތަމްރީނު ހާސިލު ކުރެއްވުމަށްފަހު، އަލުން ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ އާއިލާގެ އެހީތެރިޔާގެ މަގާމަށް ހަމަޖައްސަވައިފައި ވަނީ 9 އޮގަސްޓު 2004 ގައެވެ. ދިވެހި ދައުލަތަށް މިހާތަނަށް 43 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ފާޠިމަތު ރަޝީދާ މިހާރު ހުންނެވީ، ދ. ހުޅުދެލީ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރު ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފެމިލީ ހެލްތު ވަރކަރ ކަމާއި، އާއިލާގެ އެހީތެރިޔާ ކަމާއި، ހުޅުދެލީ ޞިއްޙީ މަރުކަޒުގެ އާއިލާގެ އެހީތެރިޔާ ކަމާއި، ފެމިލީ ހެލްތު އޮފިސަރު ކަމާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ފެމިލީ ހެލްތު އޮފިސަރު ކަމާއި، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާގެ ފެމިލީ ހެލްތު އޮފިސަރު ކަމާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފެމިލީ ހެލްތު އޮފިސަރު ކަމާއި، ހުޅުދެލީ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރުކަން ފާޠިމަތު ރަޝީދާ ކުރައްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ފާޠިމަތު ރަޝީދާ ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، ޞިއްޙީ ދާއިރާއިން ހުޅުދެލީގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމެވެ. މިގޮތުން، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އެއިރަކަށް ކުރަންޖެހުނު ކޮންމެ ކަމެއް، އެންމެ ކުރީ ސަފުގައި ހުންނަވައިގެން، ވަރަށް އިޚުލާޞްތެރިކަމާ އެކުގައި ކުރައްވައިފައި ވެއެވެ. އެގޮތުން، ރައްޔިތުން ހޭލުންތެރި ކުރެއްވުމާއި، މާބަނޑު މީހުންނަށް ބޭނުންވާ ކަންކަން ކުރެއްވުމާއި، މާބަނޑު މީހުން ވިއްސުމާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށް، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެއްވުން ހިމެނެއެވެ.

ފާޠިމަތު ރަޝީދާ ކުރައްވައިފައިވާ ޚާއްސަ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖެއަށް ޝިގެއްލާގެ ނުރައްކާ ކުރިމަތިވި ހާލަތުގައި، ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ކުރެއްވި މަސައްކަތްތަކާއި، ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫގައި ކުރެއްވި މަސައްކަތްތަކާއި، 2004ވަނަ އަހަރުގެ ސުނާމީއާ ގުޅިގެން ދ. ވާނީގައި އެއްމަސް ދުވަހު ގާއިމުވެ ހުންނަވައިގެން، އެ ރަށުގައި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި ވެކްސިން ދިނުމަށްޓަކައި އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވައިފައިވެސް ވެއެވެ.

ފާޠިމަތު ރަޝީދާ ވަނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކޮމިޓީގެ މެންބަރު ކަމުގެ އިތުރުން، ދ. ހުޅުދެލީ ރަށް ކުރިއަރުވާ ކޮމިޓީއާއި، އަންހެނުންގެ ކޮމިޓީގައި ޚިދުމަތް ކުރައްވައި، އަންހެނުން ކުރިއެރުވުމަށް އިސްނަންގަވައިގެން ޢަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ފާޠިމަތު ރަޝީދާއަށް ވަނީ، 25 އަހަރަށްވުރެ ގިނަ ދުވަހު ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި ހަނދާނީ ލިޔުން އަރުވައިފައެވެ.