އަލްފާޟިލާ ޢާއިޝަތު އަޙްމަދުދީދީ
ދިގުވާނޑު. ދިގަލަގެދަރު، ޏ. ފުވައްމުލައް

ޢާއިޝަތު އަޙްމަދުދީދީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕަބްލިކް ހެލްތު ޑިވިޜަންގައި، ކޮމިއުނިޓީ ހެލްތު ވަރކަރ ކަމުގެ މަގާމުގައި، 21 އޮކްޓޫބަރު 1975 ގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު 43 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޢާއިޝަތު އަޙްމަދުދީދީ، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޕަބްލިކް ހެލްތު ޑިވިޜަންގެ ކޮމިއުނިޓީ ހެލްތު ވަރކަރ ކަމުގެ އިތުރުން، ހަމަ އެ މަގާމުގައި މިނިސްޓްރީ އޮފް ހެލްތުގެ ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ބައެއް ޔުނިޓުތަކުގައިވެސް މަސައްކަތް ކުރެއްވިއެވެ. މީގެއިތުރުންވެސް، މިނިސްޓްރީ އޮފް ހެލްތުގެ މުވައްޒަފެއްގެ ގޮތުގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، މާލޭ ހެލްތު ސެންޓަރުގެ ސުޕަވައިޒަރު ކަމާއި، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރާއި، އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސްގެ އެސިސްޓެންޓް ޓިއުޓަރ ކަމުން ފެށިގެން އެސިސްޓެންޓް ލެކްޗަރަރ ކަމުގެ މަގާމާ ހަމަޔަށް މަސައްކަތް ކުރެއްވިއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ލެކްޗަރަރގެ މަގާމުގައެވެ.

ޢާއިޝަތު އަޙްމަދުދީދީ، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވި މަސައްކަތުގެ ތެރޭގައި، އަތޮޅުތެރޭގެ ހެލްތު ސެންޓަރުތައް ހިންގެވުމާއި، ބަލިމީހުން ބައްލަވައި ފަރުވާ ދެއްވުމާއި، ހެލްތު ޕްރޮމޯޝަނާ ބެހޭ މަސައްކަތް ކުރެއްވުމާއި، ޖޫނިއަރ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒް ކުރެއްވުމާއި، އަދި ޞިއްޙީ ދާއިރާއިން ކުރިއަށް ގެންދެވި މުހިންމު ދިރާސާތަކުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. ޞިއްޙީ ދާއިރާއަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޢާއިޝަތު އަޙްމަދުދީދީ ކުރެއްވި މަސައްކަތުގެ ތެރޭގައި، އެކި ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ތައްޔާރުކުރެއްވުމާއި، ދިރާސާ ކުރެއްވުމާއި، ކޯސްތަކުގައި ކިޔަވައިދެއްވުން ހިމެނެއެވެ.

މީގެއިތުރުން، ޔުނިވަރސިޓީގެ ބައެއް ޑިޕާޓްމަންޓް ހިންގެވުމާއި، އެކިއެކި ކޯސްތަކަށް މުޤައްރަރު ތައްޔާރުކުރެއްވުމާއި، ކޮމިޓީތައް ޗެއަރ ކުރައްވައި އަދި މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި ޔުނިވަރސިޓީން ބޭރު އެކިއެކި މުއައްސަސާތަކުގައި ހިންގި ތަފާތު އެކި ހަރަކާތްތަކުގައި، ޔުނިވަރސިޓީ ތަމްސީލު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން މަސައްކަތްތަކެއް ކުރެއްވިއެވެ.

ޢާއިޝަތު އަޙްމަދުދީދީ، ވަޒީފާގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ލިބިވަޑައިގެންނެވި އެންމެ މުހިއްމު އެއްކަމަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރު ތަމްރީނުތައް ފުރިހަމަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޢާއިޝަތު އަޙްމަދުދީދީ ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އޭރުގެ އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސްއިން، ހަނދާނީ ފިލައެއް ވަނީ އަރުވައިފައެވެ. މި ފިލާ، ޢާއިޝަތު އަޙްމަދުދީދީއަށް އެރުވީ، އެ އިންސްޓިޓިއުޓަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި، 1995ވަނަ އަހަރު ބޭއްވެވި ޖަލްސާގައި، އޭރުގެ ހެލްތު މިނިސްޓަރ އަޙްމަދު ޢަބްދުﷲ އެވެ.

ޢާއިޝަތު އަޙްމަދުދީދީގެ ވަޒީފާގެ ދިގު މުއްދަތުގައި، މަސައްކަތުގެ އަޚުލާޤަށް ވަރަށް ބޮޑަށް ފަރުވާތެރިވެވަޑައިގެން، ޤާނޫނާއި ގަވާއިދުތަކާއި، ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރެއްވިއެވެ.