އަލްފާޟިލް ޢަބްދުﷲ ޢަބްދުލްޢަޒީޒް
މުލަ ށ. ފުނަދޫ

ޢަބްދުﷲ ޢަބްދުލްޢަޒީޒް (ސެންޓަރު ޢަބްދުﷲ) ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރގެ މަގާމުގައި 6 ސެޕްޓެންބަރު 1980 ގައެވެ. އެއަށްފަހު، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފެމިލީ ހެލްތު ވަރކަރ ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު އަދި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ޢާއިލާގެ އެހީތެރިޔާ ކަމާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް އާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް އާއި، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލުގެ އިދާރާއާއި، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފެމިލީ ހެލްތު އޮފިސަރގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ގިނަދުވަހު މެދުނުކެނޑި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަބްދުﷲ ޢަބްދުލްޢަޒީޒް މިހާރު ހުންނެވީ، ށ. އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތު އޮފިސަރގެ މަގާމުގައެވެ. ވޭތުވެދިޔަ 43 އަހަރު ދުވަހުގެ ތެރެއިން 25 އަހަރާއި 5 މަސް ދުވަހު، ޚިދުމަތް ކުރެއްވީ ށ. ނޫމަރާގައެވެ.

ޢަބްދުﷲ ޢަބްދުލްޢަޒީޒް، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، ޞިއްޙީ ގޮތުން ރައްޔިތުން ހޭލުންތެރިކުރެއްވުމާއި، ރައްޔިތުންނަށް ދިމާވާ އެކިއެކި ހާލަތްތަކުގައި އަވަސްފަރުވާ ދެއްވުމުގެ މަސައްކަތެވެ. ރަށްރަށުގައި ހަސްފަތާލެއް، ޞިއްޙީ މަރުކަޒެއް، ޒަމާނީ ފަރުވާގެ ވަސީލަތެއް ނެތް އެ ޒަމާނުގައި ރަށު އޮފީހުގައި މަސައްކަތް ކުރެއްވި މޭޒަކީ، އޭރުގެ "ފަރުވާކުރާ ކޮޓަރި" އެވެ. އިންޖެކްޝަން ޖެހުމާއި، ބޭސް އެޅުމެވެ. އެއީ، ބޭސް ދޫކުރާ ބޭސްފިހާރަވެސް މެއެވެ. އަދި ހަމައެހެންމެ، ގޭގެއަށް ވަޑައިގެން ދެއްވަންޖެހޭ ފަރުވާ، ވަކި ދަމެއް، ވަކި މޫސުމެއް ތަފާތުކުރުމެއްނެތި ދެއްވިއެވެ. އަދި، މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތާއި، އަލަށް އުފަންވާ ކުދިންނަށް ދޭންޖެހޭ ވެކްސިން ދެއްވުމާއި، މަހުންމަހަށް ބަރުދަން ބަލައި، ރެކޯޑުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް އުފުއްލަވައި، ފެތުރޭ ރޯގާތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އަދި، އޭރު ރަށުގައި ހުރި މަދު ވަސީލަތްތަކުން ދެވެންހުރި އެންމެ ފުރިހަމަކަމާ އެކުގައި ޚިދުމަތް ދެއްވައިފައި ވެއެވެ.

މީގެ އިތުރުން، ޢަބްދުﷲ ޢަބްދުލްޢަޒީޒް ވަނީ، ވެކްސިން ޕުރޮގުރާމާއި، ނޭޝަނަލް ނިއުޓްރިޝަން ޕުރޮގުރާމާއި، މަދިރި ކޮންޓްރޯލް ކުރުމުގެ ޕުރޮގުރާމުގެ ށ. އަތޮޅުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އެގޮތުން، އެ ޕުރޮގުރާމުތަކަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓެވުމާއި، އަތޮޅުގެ ރަށްރަށަށް ފޮނުއްވުމާއި، ރިޕޯޓު ތައްޔާރުކުރެއްވުން ފަދަ ކަންކަން ކުރައްވައިފައި ވެއެވެ. އަދި، ޞިއްޙީ ހޭލުންތެރިކަމުގެ ޕުރޮގުރާމުތަކާއި، އާއިލާ ރޭވުމާބެހޭ ހޭލުންތެރި ކުރުވުމުގެ ޕުރޮގުރާމު ފަދަ ކަންކަން ހިންގެވުމުގައި، ޢަބްދުﷲ ޢަބްދުލްޢަޒީޒް ހަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ.

ޢަބްދުﷲ ޢަބްދުލްޢަޒީޒް ކުރައްވައިފައިވާ ޚާއްޞަ އެހެން މަސައްކަތްތަކުގެ ތެރޭގައި، ރަށުން ދެވެން ނެތް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބަލިމީހުންނާ އެކުގައި ދަތުރުކުރެއްވުން ހިމެނެއެވެ. މެންދަމަކަސް، މެންދުރަކަސް، އަތްވަކަސް، ވާރެއަކަސް، ދަތުރުކޮށްދޭނެ ދޯންޏެއް ލިބިއްޖެނަމަ، ރިޔަލާއި ފަލީގައި ވީހާއިރަކުން، ޚިދުމަތް ލިބެން އޮތް ރަށަކަށް ބަލިމީހާއާ އެކުގައި ދަތުރުކުރެއްވީ، ޚިދުމަތެއްގެ ގޮތުގައި ދެކިވަޑައިގެންނެވެ.

ރ.ކ.ކޮމިޓީއާއި، އަތޮޅު ކޮމިޓީއާއި، ސްކޫލް ޕީ.ޓީ.އޭ.ގެ މެންބަރުކަންވެސް ކުރައްވައިފައިވާ ޢަބްދުﷲ ޢަބްދުލްޢަޒީޒަކީ، މިހާރުވެސް އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ)ގެ މެންބަރެކެވެ. އަދި ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި އިޖުތިމާޢީ ގޮތުން ހިންގާ ގިނަ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

ޢަބްދުﷲ ޢަބްދުލްޢަޒީޒް، ޤައުމީ ޚިދުމަތުގައި މި ހޭދަކުރެއްވި ދިގުމުއްދަތުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބީއަކީ، ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އަދި ލިބެމުންދާ އިޙްތިރާމާއި ލޯތްބާއި އިތުބާރެވެ.