ޢަބްދުލްޢަޒީޒް ޔޫސުފް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މަޖީދިއްޔާ ސްކޫލްގެ ވަގުތީ ކާތިބެއްގެ ގޮތުގައި، 19 ޑިސެންބަރު 1968 ގައެވެ. 43 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ، 25 ސެޕްޓެންބަރު 2013 ގައެވެ. ޢަބްދުލްޢަޒީޒް ޔޫސުފް ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓައިޕިސްޓް ކަމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރައިމް މިނިސްޓަރުގެ އޮފީހުގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ވަޒީރުލްއަޢުޡަމްގެ ޕާރސަނަލް އެއިޑުގެ ހައިސިއްޔަތުން، ވަޒީރުލްއަޢުޡަމްގެ ރަސްމީ ގެކޮޅުގެ އިނގިރޭސި ސެކްރެޓެރީކަން ކުރެއްވިއެވެ. އަދި ޝިޕިންގ ޑިޕާޓްމަންޓުގެ މެނޭޖަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވަކީލު ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ނައިބުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.
ޢަބްދުލްޢަޒީޒް ޔޫސުފް، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވަނީ، ޚާރިޖީ ދާއިރާގައެވެ. ޚާރިޖީ ދާއިރާގައި ޖުމުލަ 37 އަހަރު ޚިދުމަތް ކުރައްވައިފައި ވެއެވެ. އެގޮތުން، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޑަބްލިޔޫ.އެޗް.އޯ. ޑިވިޜަންގެ ޓައިޕިސްޓް ކަމާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ 1 ނަންބަރު ކާތިބުކަން ކުރެއްވިއެވެ. އަދި ސަރުކާރުގެ ޚިދުމަތް ފެށްޓެވިތާ ގިނަ ދުވަސްތަކެއް ނުވަނީސް، ސިލޯނުގައި ހުންނަ ދިވެހި އެމްބަސީގެ ޕާސްޕޯޓް އޮފިސަރުގެ މަގާމު އަދާކުރެއްވިއެވެ. އޭގެފަހުން، ފޮރިން މިނިސްޓްރީގައި އިސް މަގާމުތަކެއްގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމަށްފަހު، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ ކަމުގެ މަގާމާއި، އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ ކަމުގެ މަގާމު، ދިގު މުއްދަތެއް ވަންދެން އަދާކުރެއްވިއެވެ. އެ ދެ ޤައުމުގެ ހައިކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި މުއްދަތުގެ ތެރޭގައި، އަފްޣާނިސްތާނަށާއި، ބަންގްލަދޭޝްއަށާއި، ބޫޓާނަށާއި، ނޭޕާލަށާއި، ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން ރެޒިޑެންޓް ހައިކޮމިޝަނަރ ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.
ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރެއްވި 37 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، ސްރީލަންކާގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު ކަމުގެ މަގާމު އަދާކުރެއްވި ދުވަސްވަރަކީ، ރާއްޖެއަށް ލިބޭ އެހީއާ ބެހޭ ކަންކަމާއި، ރާއްޖޭގެ އެކި ކަންކަމާ ބެހޭގޮތުން ގާތްކަން ބަހައްޓަން ޖެހުނު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ތިއްބަވާ ސަފީރުން ސްރީލަންކާގައި ތިއްބެވި ދުވަސްވަރު ކަމުން، ޤައުމުގެ ކަންކަމުގައި، ކޮންމެ ދުވަހަކުހެން އެ ފަރާތްތަކާ ގުޅުއްވައި، މަޝްވަރާ ކުރައްވައި، ދިގު މުއްދަތެއް ވަންދެން ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެކަމުން ދިވެހި ޤައުމަށް އަގުހުރި ފައިދާތަކެއް ލިބިގެންދިޔަ މަސައްކަތްތަކެއްކަންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.
ޢަބްދުލްޢަޒީޒް ޔޫސުފް ވަނީ، އަތޮޅުތަކާ ބެހޭ ދާއިރާގައިވެސް މުހިންމު ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، މިލަދުންމަޑުލު ދެކުނުބުރީގެ އަތޮޅުވެރިޔާގެ މަގާމާއި، ނޮދަން ގުރޫޕުގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެންބަރުކަންވެސް، ވިދިވިދިގެން ތިން ދައުރު އަދާކުރައްވައިފައި ވެއެވެ.
ޢަބްދުލްޢަޒީޒް ޔޫސުފް ރިޓަޔަރ ކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ވަޒީފާ އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އެހެންކަމުން، ދިގު މުއްދަތެއްގައި ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުލްޢަޒީޒް ޔޫސުފަށް އެ މިނިސްޓްރީން ހަނދާނީ ފިލައެއް ދެއްވައިފައި ވެއެވެ. މީގެ އިތުރަށް، އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ވަނީ، ޢަބްދުލްޢަޒީޒް ޔޫސުފް ރިޓަޔަރ ކުރެއްވުން ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރަސްމިއްޔާތެއް ބާއްވަވައި، ޢަބްދުލްޢަޒީޒް ޔޫސުފްގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަން ކުރައްވައިފައެވެ. އަދި ޢަބްދުލްޢަޒީޒްގެ ޚިދުމަތަށް ޝުކުރު އަދާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފައިވާ ސިޓީފުޅެއް ޢަބްދުލްޢަޒީޒަށް އެ ރަސްމިއްޔާތުގައި އަރުވައިފައި ވެއެވެ.
ޢަބްދުލްޢަޒީޒް ޔޫސުފް ވިދާޅުވާގޮތުގައި، އޭނާ އަދާކުރެއްވި ވަޒީފާތަކުން ގިނަ ތަޖުރިބާތަކެއް ކުރެއްވި، އަދި ޤައުމަށް ފައިދާކުރަނިވި ކަންތައްތަކެއް ހާސިލު ކުރެއްވުނު ކަމުގައި ދެކެވަޑައިގަންނަވައެވެ. އޭގެތެރޭގައި، ވަރަށް ޒުވާން އުމުރުގައި އަދާކުރެއްވި، އަތޮޅުވެރިކަމުގެ ވަޒީފާއަކީ، ގައުމުގެ ހާލަތު ރަނގަޅަށް އެނގިވަޑައިގެން ހުންނަވައި، ރައްޔިތުންގެ އިޙުސާސްތަކާއި ބޭނުންތައް ރަނގަޅަށް ވަޒަންކުރައްވަން ލިބިވަޑައިގެންނެވި އަގުހުރި ފުރުޞަތެކެވެ. އަދި އެ ތަޖުރިބާއަކީ، އޭގެފަހުން އަދާކުރެއްވި ހުރިހާ ވަޒީފާތަކެއް އަދާކުރެއްވުމުގައި ފައިދާކުރަނިވި ހިއްސާއެއް އަދާކުރި ތަޖުރިބާއެއްވެސް މެއެވެ.
ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކަކީ، އެ މަސައްކަތްޕުޅުން ޤައުމަށް އަގުހުރި މަސައްކަތެއް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހިވަޑައިގަތުން އިޙުސާސް ކުރެއްވުނު މަސައްކަތްޕުޅުތަކެކެވެ. އަދި ވަކިން ޚާއްޞަކޮށް، ތާނަ ޓައިޕްރައިޓަރު އުފެއްދުމަށް ތަޢުލީމީ ދާއިރާގައި ކުރެވުނު މަސައްކަތް ނިންމުމުގައި އަދާކުރެއްވި ދައުރު ހަނދާންކޮށްލަން ޖެހެއެވެ. އޭގެތެރެއިންވެސް ތާނަ ކީބޯޑެއް އުފަން ކުރެއްވުމުގައްޔާއި، ރީތިކޮށް ތާނަ ލިޔުއްވައި އުޅުއްވި ބޭފުޅުންގެ އަކުރުތައް ޓެކްނިކަލް ގޮތުން ކީބޯޑަށް ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅަކީ ފާހަގަކޮށްލަންޖެހޭ އަގުހުރި މަސައްކަތްޕުޅެކެވެ.