އަލްފާޟިލް އަޙްމަދު ރަޝީދު
ފަރެސްއަވަށް. މޭގަ، ގދ. ފަރެސްމާތޮޑާ

އަޙްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 13 ޖޫން 1964ގައި ގދ. ފަރެހު އޮފީހުގެ ކުޑަކަތީބު ކަމުގެ މަގާމުންނެވެ. ތަފާތު ދެ ދާއިރާއެއްގައި 43 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ، 1 މޭ 2008 ގައެވެ.

އަޙްމަދު ރަޝީދު، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ފަރެހު ކުޑަކަތީބު ކަމާއި، ފަރެހު ސްކޫލްގެ ވަގުތީ މުދައްރިސް ކަމާއި، ޕްރައިމަރީ ޓީޗަރު ކަމާއި، ހުވަދޫ ސްކޫލްގެ މުދައްރިސް ކަމާއި، ޕްރައިމަރީ ޓީޗަރު ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ފަރެސްމާތޮޑާގައި ހުންނަ ފަރެހު ހުވަދޫ ސްކޫލްގެ މުދައްރިސް ކަމުގެ މަގާމުގައެވެ.

އަޙްމަދު ރަޝީދު ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، އަތޮޅުއޮފީހަށް ފޮނުވަންޖެހޭ މެސެޖުތައް ފޮނުއްވުމާއި، ލިބޭ މެސެޖުތައް ނެންގެވުމުގެ އިތުރުން، ރަށުގެ ގޯތިތަކާއި، ގޭގޭގެ މީހުންގެ ރަޖިސްޓަރީއާއި، ވިހާމަރުވާ ބެލެހެއްޓެވުން ފަދަ މަސައްކަތްތަކެވެ.

އަޙްމަދު ރަޝީދު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ދެކުނުގެ އަތޮޅުތަކުގައި ހިނގައިދިޔަ ބަޣާވާތް ހުއްޓުވުމަށްޓަކައި އޭރު ދައުލަތުން ކުރެއްވި މަސައްކަތުގައި، މީހުން ހޭލުންތެރި ކުރެއްވުމަށް ތިނަދުއަށް ވަޑައިގެން، މީހުންނަށް ނަސޭހަތް ދެއްވައި، އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވައިފައި ވެއެވެ.

މީގެއިތުރުން، ވާދޫ ދަންނަކަލޭފާނުގެ އަރިހުން ދަރިވަރުވެގެން ތިބި، ޖަމާލުއްދީން މަކުތަބުގެ އެދުރުންގެ އަރިހުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، އެނބުރި ފަރެހަށް ވަޑައިގެން، އުމުރުން 16 އަހަރުގައި، ގދ. ފަރެހުގައި "ވުސްތާނިއްޔާ"ގެ ނަމުގައި މަދަރުސާއެއް ބިނާކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެ މަދަރުސާގައި ހިލޭސާބަހަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކިޔަވައިދެއްވީ ދިވެހިބަހާއި، ދީނިއްޔާތާއި، ޢަރަބި ތާނަ ލިޔުން އަދި ހިސާބެވެ. އޭގެ ފަހުން، މި މަސައްކަތަށް ރަސްމީ ހައިސިއްޔަތެއް ލިބި، ދައުލަތުން އުޖޫރަ ލިބޭ ވަޒީފާއެއްގެ ގޮތުގައި ހަމަޖެހުނެވެ. މަދަރުސާގައި ކިޔަވައިދެއްވުމުގެ އިތުރުން، ރަށުގެ ޒުވާނުންނަށާއި، ޢިލްމަށް ލޯބިކުރެއްވި އެންމެހައި ފަރާތްތަކަށް ދިވެހިބަހާއި، ދީނިއްޔާތު، ޢަރަބި ތާނަ ލިޔުން އަދި ހިސާބު ކިޔަވައި ދެއްވައިފައި ވެއެވެ. މީގެ އިތުރުން، އަމިއްލަ ގޭގައިވެސް ވަގުތުވީ މިންވަރަކުން ވަކިވަކި ކުދިންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަޙްމަދު ރަޝީދު ފާހަގަކުރެވިފައި ވަނީ އޭރު މުޅި އަތޮޅުންވެސް ފާހަގަކޮށްލެވޭ ރީތިކޮށް ޢަރަބި ތާނަ ލިޔުއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ފަރެހުގެ ތަޢުލީމީ ބިންގާ އެޅިގެންދިޔަ ދުވަސްވަރު މަދަރުސާ ކުދީންނަށް ކިޔަމުން ގެންދިޔަ ނަންތައް އެކަށީގެންނުވާ ކަމަށް ދެކިވަޑައިގެން، މަދަރުސާގެ ކޮންމެ ދަރިވަރަކަށް ރީތި ޢަރަބި ނަމެއް ދެއްވައި، އެ ނަންތައް ފާސްކުރައްވައި ރަޖިސްޓަރީ ކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވިއެވެ.

އަޙްމަދު ރަޝީދު، 1 މޭ 2008 ގައި ވަޒީފާއިން މުސްކުޅި ކުރައްވައި، ވަކިކުރެއްވިއިރު، ހުވަދޫ ސްކޫލްގެ މުދައްރިސްގެ ގޮތުގައި 23 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަޙްމަދު ރަޝީދަކީ، ފަރެސްމާތޮޑާގެ ފަހުގެ ޖީލުގެ ޢިލްމީ އުސްތާޛެވެ. ފަރެސްމާތޮޑާގެ ތަޢުލީމީ އަދި އިދާރީ ޙަޔާތުގެ ވަރުގަދަ މޫލަވެރި އެއް ބޭފުޅެކެވެ.