އަލްމަރްޙޫމް މުޙައްމަދުފުޅުގެ ހަނދާނަށް
މ. ކަރާދުނބުރިއާގެ

އަލްމަރްޙޫމް މުޙައްމަދުފުޅު، ދިވެހި ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 11 ނޮވެންބަރު 1962 ގައި މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިންނެވެ. ފަސް އަހަރަށްވުރެ ގިނަ ދުވަހު އެ ވަޒީފާގައި ޚިދުމަތް ކުރެއްވިއެވެ. އޭގެފަހުން، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުގެ ތޮށިލާ މަސައްކަތު މީހެއްގެ ވަޒީފާ 7 މަހެއްހާ ދުވަހު އަދާކުރެއްވިއެވެ. 14 ޖުލައި 1971 ގައި، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސިފައިންގެ މީހެއްގެ ވަޒީފާއަށް ބަދަލުކުރެއްވީއްސުރެ 10 ނޮވެންބަރު 1999 އާ ހަމައަށް، މުޙައްމަދުފުޅު ހުންނެވީ، ސިފައިންގެ ޚިދުމަތުގައެވެ. މުޙައްމަދުފުޅު ވަނީ ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓުގެ ރޭންކުގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައެވެ. ސިފައިންގެ ޚިދުމަތުގައި ހުންނަވައިގެން، މަގުމަތީ ފޯރިއާއި، އެންމެފަހުން ރަސްކަން ކުރެއްވި ރަސްކަލުން ދިރިއުޅުއްވި ގަނޑުވަރާއި، މުލީއާގެއާއި، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިފައިންގޭގައި ފޯރިމަރައިފައި ވެއެވެ.

ސިފައިންގޭގެ ޚިދުމަތަށްފަހު، 14 ފެބުރުވަރީ 2002 ން ފެށިގެން 30 އެޕްރީލް 2009ގައި ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް އަލްމަރްޙޫމް މުޙައްމަދުފުޅު ޚިދުމަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އޭރު ހުންނެވީ، ސެކިއުރިޓީ އޮފިސަރ ގްރޭޑް 3ގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ސެކިއުރިޓީ އޮފިސަރުގެ މަގާމުގެ ހައިސިއްޔަތުން، އޮފީހުގެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓެވުމާއި، އޮފީހަށް ވަންނަ މީހުންނާއި، އޮފީހަށް ވައްދާ ތަކެއްޗާއި، އޮފީހުން ނެރޭ ތަކެތި ބައްލަވައި ޗެކް ކުރެއްވުމާއި، އޮފީހުގައި، ޢާންމުން ސިޓީލުމަށް ބަހައްޓާފައި ހުންނަ ސިޓީލާ ފޮށްޓަށް ސިޓީލުމަށް އަންނަ ފަރާތްތަކަށް ސިޓީލުމުގެ ހުއްދަ ދެއްވުމާއި، އޮފީހުގައި ވެހިކަލް ޕާކުކުރަން ކަނޑައަޅައިފައިވާ ސަރަޙައްދުގައި ވެހިކަލްތައް ޕާކުކުރަނީ ގަވާއިދުންތޯ ބެއްލެވުމާއި، ގަވާއިދާ ޚިލާފަށް ކަމެއް ހިނގާނަމަ، އެކަން ރަނގަޅުކުރުވުމާއި، އޮފީސް ހުޅުވައި ލައްޕާ ގަޑި ނޯޓުކުރާ ފޮތް ގަވާއިދުން ފުރިހަމަކުރެއްވުމާއި، އޮފީހުގައި ނަގާފައި ހުންނަ ރަސްމީ ދިދަތައް ހަލާކުވެފައިވޭތޯ ބެއްލެވުމާއި، ދިދަ ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސެވުން ހިމެނެއެވެ.

އަލްމަރްޙޫމް މުޙައްމަދުފުޅު، ދާއިމީ މުވައްޒަފެއްގެ ގޮތުގައި ސަރުކާރުގެ ޚިދުމަތަށް ނުކުންނެވުމުގެ ކުރިން އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ، ސަރުކާރު ޗާޕުޚާނާގައެވެ. އެތާނގައި ފޮތްއެޅުމާއި، ފޮތުގައި ހީރަސްޖެހުމުގެ މަސައްކަތް ކުރެއްވިއެވެ. އޭގެފަހުން، ވުޒާރަތުއް ދާޚިލިއްޔާގައި، އެތާނގެ ދަށުން ބެލެހެއްޓެވި ޓެނިސްކޯޓުގެ ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތް ކުރެއްވިއެވެ.

އަލްމަރްޙޫމް މުޙައްމަދުފުޅު، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، ފާހަގަކުރެވިފައި ވަނީ، ހާޒިރީއަށް ފަރުވާތެރި، އޮފީހުގެ ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި، އަދި މުވައްޒަފުންނާ ގާތުން މަސައްކަތް ކުރެއްވި، މަސައްކަތަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ.

އަލްމަރްޙޫމް މުޙައްމަދުފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، 5 ޖުލައި 2024ވީ ހުކުރު ދުވަހުއެވެ. މާތްﷲ، މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.