އަލްފާޟިލް ޢަލީ އާދަމް
ހ. އާދިރުން

ޢަލީ އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޖަނަވަރީ 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މޯލްޑިވިއަން ގަވަރންމަންޓް ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ 2 ނަންބަރު ކާތިބެއްގެ ވަޒީފާއެވެ. އޭގެފަހުން، ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ 2 ނަންބަރު ކާތިބު ކަމާއި، ސީނު ބޮޑު އިސްޓޯރުގެ ކުއްޔަށް ތަކެތި ދޫކުރާ ބައިގެ 2 ނަންބަރު ކާތިބު ކަމާއި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ 1 ނަންބަރު ކާތިބު ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ 1 ނަންބަރު ކާތިބުކަން ކުރެއްވިއެވެ. އަދި މާލޭ މުނިސިޕަލްޓީގެ 2 ނަންބަރު ކާތިބު ކަމާއި، ކޭޝިއަރު ކަމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ކޭޝިއަރު ކަމާއި، ޤައުމީ ކުތުބުޚާނާގެ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އޯޑިޓް އޮފީހުގެ ސީނިއަރ އޮޑިޓް އެކައުންޓެންޓުގެ މަގާމުވެސް އަދާކުރެއްވިއެވެ. މީގެއިތުރުން، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ ބަޖެޓް އޮފިސަރު ކަމާއި، ހެންވޭރު އަވަށު އޮފީހުގެ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރުކަންވެސް ކުރެއްވިއެވެ. ޢަލީ އާދަމް، ހެންވޭރު އަވަށު އޮފީހުގައި 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ، 7 ފެބުރުވަރީ 2011 ގައެވެ. ރިޓަޔަރ ކުރެއްވިއިރު، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޢަލީ އާދަމް ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.

ޢަލީ އާދަމް، ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓްގެ ކާތިބު ކަމުގެ ވަޒީފާ އަދާކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރެއްވީ، އިދާރީ މަސައްކަތްތަކެވެ. އަދި ބައެއްފަހަރު ކާޑު ދޫކުރުމުގެ މަސައްކަތް ކުރައްވަންވެސް ޖެހިވަޑައިގެންނެވިއެވެ. ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގައިވެސް މައިގަނޑު ގޮތެއްގައި ކުރެއްވީ، އިދާރީ މަސައްކަތްތަކެވެ. މާލޭ މުނިސިޕަލްޓީގައި އިދާރީ މަސައްކަތްތައް ކުރެއްވުމުގެ އިތުރުން، ކޭޝިއަރެއްގެ ގޮތުގައި ހުންނަވައިގެން ފައިސާ ބަލައިގަތުމާއި، ހިސާބު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރައްވައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގައިވެސް ފައިސާއާބެހޭ މަސައްކަތްތައް ޢަލީ އާދަމް ކުރެއްވިއެވެ. ޤައުމީ ކުތުބުޚާނާގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، އިދާރީ ކަންތައްތަކެވެ. އަދި އޯޑިޓް އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، އޯޑިޓް ކުރުމާބެހޭ އެންމެހައި ކަންތައްތައް ކުރައްވައި، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގައި ކުރެއްވީ ބަޖެޓާބެހޭ ކަންކަމެވެ. އެންމެ ދިގު މުއްދަތެއްގައި ޢަލީ އާދަމް ޚިދުމަތް ކުރައްވައިފައި ވަނީ ހެންވޭރު އަވަށު އޮފީހުގައެވެ. ހެންވޭރު އަވަށުގައި ހިނގަމުންދާ ކަންތައްތަކާއި، މަގުމަތީގެ ސާފުތާހިރުކަން ބަލަހައްޓަވައި، އަދި އަވަށުގައި ތިބޭ ފަޤީރުންގެ ކަންތައްތައްވެސް ބެލެހެއްޓެވިއެވެ. މީގެއިތުރުން، ހެންވޭރު އަވަށުގައި އިމާރާތްކުރާ ސައިޓުތަކަށް ވަޑައިގެން، ސައިޓުތައް ޗެކް ކުރައްވައި، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރެއްވުމަށް ލަފައާއި އިރުޝާދު ދެއްވުމާއި، އެކިއެކި މަސައްކަތްތަކަށް މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތްވެސް ޢަލީ އާދަމް ކުރެއްވިއެވެ.

ޢަލީ އާދަމަކީ، ރައްޔިތުންގެ މަޖިލީހުގެ ށ. އަތޮޅު މެންބަރުކަން، 15 އަހަރު ދުވަހު ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.