ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ޚަލީލް
ހ. ގިއްސާގެ

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ޚަލީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 27 ޖުލައި 1967 ގައެވެ. 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ، 20 އެޕްރީލް 2011 ގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި އިބްރާހީމް ޚަލީލް ޚިދުމަތް ކުރެއްވީ، ނޭޝަނަލް ސެކިޔުރިޓީ ސަރވިސް ގައްޔާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައެވެ. އެން.އެސް.އެސް.ގައި ޚިދުމަތް ކުރެއްވިއިރު، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވުމާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރިވިސްގައި ޗީފް އިންސްޕެކްޓަރ ކަމާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ޚަލީލް، ސިފައިންގެ މީހެއްގެ ގޮތުގައި ހުންނެވިއިރު ފޯރިމެރުމާއި، ޑިއުޓީ ސެކްޝަންގެ އެން.ސީ.އޯ.ކަން ކުރެއްވިއެވެ. އަދި ފުލުސް އޮފީހަށް ހުށަހެޅޭ ވައްކަމާ ބެހޭ މައްސަލަތައް ބެއްލެވުމާއި، ރާއްޖޭގެ ރަށްރަށުގައި ހިނގާ އެކިއެކި ކަންކަމާ ގުޅޭ މައްސަލަތައް ބެއްލެވުމާއި، ބެލެހެއްޓުމުގައި ކޮމާންޑިންގ އޮފިސަރުގެ އެހީތެރިއެއްގެ ގޮތުގައި ދޫނިދޫ ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވިއެވެ.

2006ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ފުލުހުންގެ ބިލުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ބޭއްވުނު ސެމިނާރުގައި އިބްރާހީމް ޚަލީލް ބައިވެރިވެވަޑައިގެން ހުށަހެޅުއްވި ބިނާކުރުވަނިވި ޚިޔާލުތަކުގެ އަގު ވަޒަންކުރައްވައި ދެއްވި ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ. އަދި އިޚުލާޞްތެރިކަމާއެކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 2009ވަނަ އަހަރު، ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ.

ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން، އަމިއްލައަށް އިސްނަންގަވައިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފާހަގަކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި ހަނދާނީ ލިޔުންވެސް އިބްރާހީމް ޚަލީލަށް ލިބިވަޑައިގެންފައި ވެއެވެ. އަދި 41 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާ އެކުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދެއްވި ހަނދާނީ ލިޔުންވެސް ލިބިވަޑައިގެންފައި ވެއެވެ. މި ލިޔުން ލިބިވަޑައިގަތީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 76 އަހަރު ފުރުމަށް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައެވެ. މީގެއިތުރުން، މުޖުތަމަޢާ ގުޅިގެން އެކިއެކި ޕުރޮގުރާމުތައް ރާއްވަވައި ހިންގެވުމުގައި އިޚުލާޞްތެރިކަމާ އެކުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ދެއްވި ހަނދާނީ ލިޔުންވެސް އިބްރާހީމް ޚަލީލަށް ލިބިވަޑައިގެންފައި ވެއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ޚަލީލް އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 8 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، މަތިވެރި ޚިދުމަތުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ މެޑެލް، ސައްތައިގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް ހިމެނެއެވެ.