އަލްފާޟިލް ޢުމަރު ޢީސާ
ފުރެންކްވިލާ ފ. މަގޫދޫ

ޢުމަރު ޢީސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 މޭ 1963 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ފ. އަތޮޅުގޭގެ ބަނޑޭރިކަމެވެ. އޭގެފަހުން، ފ. އަތޮޅު އަތޮޅުއޮފީހުގެ ބަނޑޭރި ކަމާއި، ފ. އަތޮޅު ކޮމިޓީގެ މެންބަރުކަން ކުރައްވައިފައި ވެއެވެ. 1 މޭ 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ފ. މަގޫދޫ ކޯޓުގެ މަސައްކަތު މީހެއްގެ ވަޒީފާގައެވެ.

ޢުމަރު ޢީސާ، ފ. އަތޮޅުގޭގެ ބަނޑޭރި ކަމާއި، ފ. އަތޮޅު އަތޮޅުއޮފީހުގެ ބަނޑޭރި ކަމުގައި ހުންނެވިއިރު އަތޮޅުގޭގައްޔާއި، އަތޮޅުއޮފީހުގައި ކުރައްވަން ޖެހުނު ހުރިހާ މަސައްކަތެއް ވަނީ ކުރައްވައިފައެވެ. އެ ދުވަސްވަރަކީ، މާގިނަ މުވައްޒަފުންތަކެއް ވަޒީފާގައި ތިބޭ ދުވަސްވަރަކަށް ނުވާތީ، ހަވާލުކުރެއްވި ކޮންމެ ކަމެއްވެސް ޢުމަރު ޢީސާ ކުރައްވައިފައި ވަނީ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައެވެ.

އަތޮޅުގެއަށް ހޯދަންޖެހޭ އެއްޗެހި ހޯދުމުގައްޔާއި، އަތޮޅުވެރިންގެ ފަރީއްކޮޅުގެ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ އިތުރުން، އަތޮޅުގެއާއި، އަތޮޅުއޮފީސް ސާފުކޮށް ރީތިކޮށް ބެލެހެއްޓެވުމުގައިވެސް ޢުމަރު ޢީސާ އަދާކުރައްވައިފައިވާ ދައުރު ފާހަގަކޮށްލަންޖެހެއެވެ. ފ. އަތޮޅު އަތޮޅުއޮފީހުގެ ބަނޑޭރިކަމުން ޢުމަރު ޢީސާ ބަދަލުވެވަޑައިގަތީ، ފ. މަގޫދޫ ކޯޓުގެ މަސައްކަތު މީހެއްގެ ވަޒީފާއަށެވެ.

ފ. އަތޮޅު ކޮމިޓީގެ މެންބަރަކަށް ޢުމަރު ޢީސާ ހުންނެވި ދުވަސްވަރު، އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި އަތޮޅު ކޮމިޓީން ކުރައްވަން ޖެހުނު ކަންކަމުގައި ޢުމަރު ޢީސާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 43 އަހަރަށްވުރެ ގިނަ ދުވަހު ޢުމަރު ޢީސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.