އަލްފާޟިލް އަބޫބަކުރު އާދަމް
ސިލްވަރބީޗް ނ. މަނަދޫ

އަބޫބަކުރު އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުއޮފީހުގެ ދެ ނަންބަރު ކާތިބު ކަމުގެ މަގާމުގައި 26 ޖޫން 1980 ގައެވެ. ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އަބޫބަކުރު އާދަމް މިހާރު ހުންނެވީ، ނ. އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމުގައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުއޮފީހުގެ ކާތިބު ކަމާއި، އަތޮޅުއޮފީހުގެ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމާއި، ސީނިއަރ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމާއި، އޭގެފަހުން، ނ. އަތޮޅު ޞިއްޙީ މަރުކަޒުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

އަބޫބަކުރު އާދަމް، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ކުރެއްވީ، އެކިއެކި އޮފީސްތަކަށް ފޮނުވާ ސިޓީ ލިޔުއްވުމާއި، ވޯކީޓޯކީގެ ޒަރީއާއިން އަތޮޅުގެ ރަށްރަށާ ގުޅުއްވައިގެން މެސެޖް ނަންގަވައި ފޮނުއްވުމާއި، ލަކުޑިސިޓީ ތައްޔާރުކުރެއްވުމާއި، އަތޮޅު ރައްޔިތުންގެ ނަމުގައި ހިންގާ އަތޮޅު އިސްޓޯރު އޮޑިޓްކޮށް ބެލެހެއްޓެވުމާއި، މުވައްޒަފުންގެ ހާޒިރީއާއި، ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓެވުމާއި، ފައިސާއާބެހޭ މަސައްކަތްތަކެވެ. މީގެއިތުރުން ކުރެއްވީ، ރޭޑިއޯ ޓެލެފޯނުން ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓް (ޓީ.ސީ.ޑީ.) އާއި، ޑިފެންސް މިނިސްޓްރީއާއި، ނޯދަން ރީޖަނަލް އޮފީހާއި، މިނިސްޓްރީ އޮފް ޖަސްޓިހާއި، ޕްރިޒްންސް ޑިވިޜަނާ ގުޅަންޖެހޭ ރަސްމީ ގަޑިތަކުގައި ގުޅުއްވައިގެން، އެ ތަންތަނަށް ފޮނުވަންޖެހޭ މެސެޖް ފޮނުއްވުމާއި، ނަގަންޖެހޭ މެސެޖް ނެންގެވުމާއި، އަތޮޅުތެރެއަށް އަތޮޅުވެރިޔާ ކުރައްވާ ދަތުރުތަކުގައި ބައިވެރިވެވަޑައިގެން، ދަތުރުގެ ޔައުމިއްޔާ ލިޔުއްވުމުގެ މަސައްކަތާއި، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނާ އިންޓަރވިއު ކުރެއްވުމުގެ މަސައްކަތާއި، މުވައްޒަފުން އޮފީހުގެ ވަޒީފާއަށް އަހުލުވެރިކުރުވުމުގެ މަސައްކަތެވެ.

އަބޫބަކުރު އާދަމް ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ތޮޅެންދޫ މީހުން ނ. އަތޮޅު ކެނދިކުޅުދުއަށް ބަދަލުކުރުމުގެ ގޮތުން ތޮޅެންދޫގެ ގެތައް ކުރައްސަވައި، އެ ގެތައް އަގުކުރުމުގެ މަސައްކަތާއި، އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަލަށް ހެދުމަށް ސަރުކާރުން ހަމަޖެއްސެވި ޓީމުގައި މަސައްކަތް ކުރެއްވުންފަދަ މަސައްކަތްތައް ހިމެނެއެވެ.

މީގެއިތުރުން، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އަތޮޅުގައި ކުރެވޭ މަސައްކަތްތައް ބެލެހެއްޓެވުމާއި، ދިވެހި ނާދީގެ ނ. އަތޮޅު ގޮފި ހިންގައި ބެލެހެއްޓުމުގައި ބައިވެރިވެވަޑައިގެން ޚިދުމަތް ކުރެއްވުމާއި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައްޔާއި، ޤައުމީގޮތުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގެ މަސައްކަތްތަކުގައި އަބޫބަކުރު އާދަމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އަބޫބަކުރު އާދަމް ވަޒީފާ އަދާކުރެއްވި މުއްދަތުގެ ތެރޭގައި ލިބިވަޑައިގެންފައިވާ ކާމިޔާބީގެ ތެރޭގައި، ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު އެންމެ ރަނގަޅަށް ވަޒީފާ އަދާކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ނ. އަތޮޅު ހޮސްޕިޓަލުން ދެއްވި ހަނދާނީ ލިޔުމާއި، 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލްގައި ބޭއްވި އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ އަބޫބަކުރު އާދަމަށް ލިބިވަޑައިގެންފައި ވެއެވެ.