އަލްފާޟިލް ޢަބްދުއްރަޙީމް އިދުރީސް
ހިޔާ ލ. ހިތަދޫ

ޢަބްދުއްރަޙީމް އިދުރީސް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހައްދުންމަތީ އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބު ކަމުން 26 ޖޫން 1980 ގައެވެ. މެދުނުކެނޑި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 43 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ހައްދުންމަތީ އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ހައްދުންމަތީ ހިތަދޫ ކަތީބު ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ހައްދުންމަތީ ހިތަދޫ ކަތީބު ކަމާއި، ހިތަދޫ ބޮޑުކަތީބު ކަމާއި، ހިތަދޫ ކައުންސިލުގެ ބޮޑުކަތީބު ކަމާއި، ހައްދުންމަތީ ހިތަދޫ ކައުންސިލުގެ އިދާރާގެ ޑިރެކްޓަރުކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ކައުންސިލް އެގްޒެކެޓިވް ކަމުގެ މަގާމުގައެވެ.

ޢަބްދުއްރަޙީމް އިދުރީސް، މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ހައްދުންމަތީ އަތޮޅުއޮފީހުން ރަށްރަށުގެ ރަށުއޮފީސްތަކަށާއި، ސަރުކާރުގެ މިނިސްޓްރީތަކަށާއި، ޑިޕާޓްމަންޓުތަކަށް ފޮނުވާ ސިޓީއާއި، ފޮނުވާ މެސެޖުތައް ލިޔުއްވުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުމާއި، އަހަރު ރިޕޯޓް ލިޔުއްވުމާއި، މައްސަލަތަކާ ބެހޭ ލިޔުންތައް ހޯއްދެވުމާއި، އޮފީހަށް ލިބޭ ލިޔުންތައް ދަފުތަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޢަބްދުއްރަޙީމް އިދުރީސް، ހައްދުންމަތީ އަތޮޅުއޮފީހުގެ ސެކްރެޓެރީ ކަމުގެ މަގާމަށް ބަދަލުކުރެއްވުމުން، އަތޮޅުއޮފީހުގައި ހަވާލުވެވަޑައިގެން ހުންނެވި ސެކްޝަން ހިންގެވުމުގެ އިތުރުން، އެކިއެކި މައްސަލަތައް ތަޙުޤީގު ކުރައްވައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވުމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުވާ މައްސަލަތައް ޝަރީޢަތަށް ހުށަހެޅުއްވުމަށް ފޮނުއްވުމާއި، އަހަރު ރިޕޯޓް އެކުލަވައިލައްވައި ތައްޔާރުކޮށް ފޮނުއްވުމާއި، އަތޮޅުއޮފީހުގެ ފައިސާއާބެހޭ ސެކްޝަން ހިންގެވުމާއި، އެ އޮފީހުގެ ބަޖެޓާއި ރިޕޯޓުތައް ހެއްދެވުމާއި، މުވައްޒަފުން މަސައްކަތަށް އަހުލުވެރި ކުރުވުމާއި، އަތޮޅުގެ ރަށްރަށުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން، ރަށުއޮފީސްތައް ހިންގުމުގައި ދަތިވާ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، ހިންގުން ހަލުވިކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، އޭރުގެ އެޓޮލްސް މިނިސްޓަރު އަތޮޅުވެރިންނަށް ފޮނުއްވާ ޚާއްޞަ މެސެޖުތަކަށް އަތޮޅުވެރިންގެ މަޝްވަރާގެ މަތިން ޖަވާބު ދެއްވުންވެސް އެއީ، ޢަބްދުއްރަޙީމް އިދުރީސް ކުރައްވަމުން ގެންދެވި މަސައްކަތެކެވެ.

ޢަބްދުއްރަޙީމް އިދުރީސް، ހައްދުންމަތީ ހިތަދޫ ކަތީބު ކަމުގެ މަގާމަށް ބަދަލުކުރައްވައިފައި ވަނީ، ހިތަދޫގެ އިޖުތިމާޢީ، އުމްރާނީ، ޞިއްޙީ އަދި ތަޢުލީމީ ހާލަތަށް ހެޔޮ ބަދަލެއް ގެންނަން ޖެހިފައިވި ދުވަސްވަރެއްގައެވެ. ތަޢުލީމީ ހާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ތަކެތި ދެއްވުމުން، ރައްޔިތުންގެ މަސައްކަތުން ހަތަރު ކުލާސްރޫމާއި، ސްޓާފް ރޫމަކާއި، ގުދަނަކާއެކު، ހައްދުންމަތީ ހިތަދޫ ސްކޫލް އިމާރާތްކޮށް، ވަށާފާރު ރާނައި، އެ ފުރާޅުގެ ދަށަށް ކިޔެވުން ބަދަލުކުރައްވައި، ގްރޭޑް 7ގެ ފެންވަރަށް ކިޔަވައިދެއްވަން ފެށްޓެވުމާ އެކީގައި، ރައްޔިތުންގެ ޚަރަދުގައި ބިދޭސީ ޓީޗަރަކާއި، މަސައްކަތު މީހަކު ހޯއްދަވައިގެން، ގްރޭޑް 8 އުފައްދަވައި، ތިން އަހަރަށްވުރެ ގިނަ ދުވަހު ސްކޫލުގެ ނާޒިރަކަށް ޢަބްދުއްރަޙީމް އިދުރީސް ހުންނަވައިގެން، ސްކޫލް ހިންގަވައިފައި ވެއެވެ. ހަމައެއާއެކު، ލ. މާވަށާއި، މާމެންދުއާއި، ކުނަހަންދޫ އަދި ގާދޫގެ ރައްޔިތުންނާއި، ހިތަދޫ ރައްޔިތުން ގުޅިގެން، އެ ރަށްރަށުގެ ރައްޔިތުންގެ އަމިއްލަ ޚަރަދާއި މަސައްކަތުން ހައްދުންމަތީ ހިތަދޫ ޞިއްޙީ މަރުކަޒު ޤާއިމުކުރައްވައި، ފަރުނީޗަރާއެކު ސަރުކާރާ ހަވާލުކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޔޫ.އެން.ޑީ.ޕީ.ގެ ހިލޭ އެހީއާއި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީގައި، ރައްޔިތުންގެ "ހަތިކޮޅު" (ގެސްޓްހައުސް) ހައްދަވައި ހިންގަވައިފައި ވެއެވެ. އަދި ޔޫ.އެން.ޑީ.ޕީ.ގެ ހިލޭ އެހީގައި ބޭސްފިހާރައެއް ގާއިމުކުރައްވައި ހިންގަވަމުން ގެންދެވިއެވެ.

ޔުނިސެފުގެ ހިލޭއެހީއާއި، ރައްޔިތުންގެ ޚަރަދާއި މަސައްކަތުން، ރައްޔިތުންގެ އިންޖީނުގެއާއި، ސޯޝަލް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ނިންމަވައި، ސަރުކާރުގެ ލޯނުއެހީއާ އެކުގައި، ރައްޔިތުންނަށް އާންމުކޮށް ކަރަންޓުގެ ޚިދުމަތް ދެއްވަން ފެށްޓެވިއެވެ. 2500 ލީޓަރުގެ 10 ތާނގީ ބަހައްޓައި، ރައްޔިތުންނަށް ވާރޭފެން ލިބޭނެމަގު ފަހިކޮށްދެއްވުމާއި، ރައްޔިތުންގެ އަމިއްލަ ޚަރަދާއި މަސައްކަތުން 170x300 ފޫޓުގެ ބޮޑުމިނުގައި ޤަބުރުސްތާނު ހައްދަވައި، ވަށާފާރު ރޭނުމާއި، ހައްދުންމަތީ ހިތަދޫ އާސާރީ މިސްކިތާއި، ހުކުރު މިސްކިތް "މަސްޖިދުއްނޫރު" މަރާމާތު ކުރުމުގެ މަސައްކަތް ހިނގައިދިޔައީ، ޢަބްދުއްރަޙީމް އިދުރީސްގެ ބެއްލެވުމުގެ ދަށުންނެވެ. މީގެއިތުރުން، 1999ވަނަ އަހަރު ފެށި 700 ފޫޓުގެ ބަނދަރުގައި ވާޓަރު ޖެހުމުގެ މަސައްކަތް ރައްޔިތުން ކުރާގޮތަށް ހިތަދޫ އޮފީހުން ހަވާލުވެ، މަސައްކަތް ނިންމައިނުލެވި ގިނަ ދުވަސްތަކެއް ވެފައިވުމުން، ޢަބްދުއްރަޙީމް އިދުރީސް، ހިތަދޫ އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެންނެވިތާ ފަނަރަވަރަކަށް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކުގައި، ވާޓަރުގެ ނުނިމިހުރި މަސައްކަތް ނިންމެވިއެވެ. އަދި ބައްތިޖަހައި، ފަސޭހަކަމާއެކު ލަފައި ފުރޭނެ މަގު ތަނަވަސްކޮށްދެއްވުންވެސް މިއީ، ހިތަދޫގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ޢަބްދުއްރަޙީމް އިދުރީސް ކުރެއްވި މުހިންމު މަސައްކަތްތައްކަން ފާހަގަކޮށްލަން ޖެހެއެވެ.

1 ޖޫން 2000 ގައި ޢަބްދުއްރަޙީމް އިދުރީހަށް ހައްދުންމަތީ ހިތަދޫ ކަތީބުކަން ދެއްވިއިރު، ހިތަދޫ އޮފީސް ހިންގަމުން ގެންދިޔައީ، އަމިއްލަ މީސްމީހުންގެ ގޭގޭގައި ކަމަށްވިޔަސް، ކުރީގައި އޮފީސް ހިންގި އިމާރާތް މަރާމާތުކޮށް، އެ ތަނަށް އޮފީސް ހިންގުން ބަދަލުކުރައްވައި ހިންގަވަން ފެށްޓެވީ، މަހެއްހާ ދުވަހުގެ މަސައްކަތުންނެވެ. މީގެއިތުރުން، ޒަމާނާ އެއްގޮތަށް އިމާރާތް ކޮށްފައިވާ ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާއާއި، މަސްޖިދުލްޢިއްޒު އިމާރާތް ކުރުމުގައި ވެރިއެއްގެ ގޮތުން އަދާކުރައްވަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރައްވައިފައި ވެއެވެ.