އަލްފާޟިލާ ޢާޠިފާ އަޙްމަދު
މ. ޕީސްހެވަން

ޢާޠިފާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ 1 ނަންބަރު ކާތިބާ ކަމުގެ މަގާމުގައި 16 ޖޫން 1980 ގައެވެ. ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ ޢާޠިފާ އަޙްމަދު މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ 1 ނަންބަރު ކާތިބާ ކަމާއި، 2 ނަންބަރު ކާތިބާ ކަމާއި، ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ 2 ނަންބަރު ކާތިބާ ކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސީނިއަރ ކުލާކް ކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ސެކްރެޓެރީކަން ޢާޠިފާ އަޙްމަދު ކުރައްވައިފައި ވެއެވެ. އަދި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގއިން ނެރުއްވި ފާރު ނޫހުގެ ސަބް އެޑިޓަރު ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރއާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ސީނިއަރ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރއާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް އެންވަޔަރަންމަންޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޢާޠިފާ އަޙްމަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކޮންސްޓްރަކްޝަނާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޢާޠިފާ އަޙްމަދު، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޕޯސްޓް އޮފީހުން ވިއްކަމުން ގެންދާ ސްޓޭމްޕުގެ ސްޓޮކް ބެލެހެއްޓެވުމާއި، ސެންސަރު ކުރަން ހުށަހެޅޭ ފިލްމުތައް ސެންސަރު ކުރުމުގެ އެންމެހައި އިދާރީ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވައި، ސެންސަރުކޮށް ނިމުމުން، ހުށަހެޅި ފަރާތްތަކަށް ފިލްމުތައް ހަވާލުކުރައްވައި، ރެކޯޑު ބެލެހެއްޓެވުމާއި، އަތްތެރި މަސައްކަތުގެ މައުރަޒާއި، މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވަވާ ރަސްމިއްޔާތުތަކުގެ އިދާރީ އެންމެހައި މަސައްކަތްތައް ހިމެނެއެވެ. އޭގެފަހުން، މަސައްކަތް ކުރެއްވި ތަފާތު އޮފީސްތަކުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ފުޓުބޯޅަ މުބާރާތުގެ ޓިކެޓް ވިއްކުމާއި، ކުލަބު ޖަމުޢިއްޔާއާއި، ނޫސް މަޖައްލާ ރަޖިސްޓަރީ ކޮށްދިނުމުގެ މަސައްކަތްތަކާއި، ރެކޯޑު ބެލެހެއްޓެވުމާއި، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށްޓަކައި އިދާރީ އެންމެހައި އިންތިޒާމު ހަމަޖައްސަވައި، ރެކޯޑު ބެލެހެއްޓެވުން ހިމެނެއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށްޓަކައި އިދާރީ އެންމެހައި އިންތިޒާމު ހަމަޖައްސަވައި، ރެކޯޑު ބެލެހެއްޓެވުމާއި، ނޫސްވެރިކަމުގެ ކާޑު ހެދުމަށް ބޭނުންވާ ފަރާތްތަކަށް ކާޑު ހެއްދެވުމާއި، ނޫސްވެރިކަމުގެ ދާއިރާއަށް ގެންނަންޖެހޭ ބިދޭސީން ގެނައުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، އެ ފަރާތްތަކުގެ ވިސާގެ ރެކޯޑު ބެލެހެއްޓެވުމާއި، މޯލްޑިވްސް ޕްރެސް ކައުންސިލާ ގުޅޭގޮތުން އޮފީހުން ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުއްވުމާއި، ކައުންސިލްގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތައް އިންތިޒާމު ކުރައްވައި ބެލެހެއްޓެވުމާއި، ނޫސް އޭޖެންސީތައް ގަވާއިދުން ހިނގާތޯ ބައްލަވައި، އޭޖެންސީތަކުން ދިމާވާ މައްސަލަތައް ބައްލަވައި، ރެކޯޑު ބަލަހައްޓަވައިފައި ވެއެވެ. މީގެއިތުރުން، ހިއުމަން ރިސޯސް ސެކްޝަންގެ އެންމެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން ސެކްޝަންގެ މެންޑޭޓް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، ކަމާބެހޭ އެހެނިހެން މުވައްޒަފުން ލައްވައި މަސައްކަތްތައް ކުރުވުން ހިމެނެއެވެ.

ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް 1993ވަނަ އަހަރު އިންފޮމޭޝަން ޑިޕާޓްމަންޓުން ކުރެއްވި މަސައްކަތްތަކުގައްޔާއި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް 2006، 2007 އަދި 2008ވަނަ އަހަރު އެންވަޔަރަންމަންޓް މިނިސްޓްރީން ބޭއްވެވި ރަސްމިއްޔާތުތަކުގައިވެސް ޢާޠިފާ އަޙްމަދު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.