އަލްފާޟިލް ޢައްބާސް އިބްރާހީމް
ފެހިވިނަ އދ. ދަނގެތި

ޢައްބާސް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 ޖޫން 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އދ. ދަނގެތީ އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، 4 ޖަނަވަރީ 1983 ގައި ދަނގެތީ އޮފީހުގެ ކާތިބު ކަމަށް ބަދަލުވެވަޑައިގެންނެވިއެވެ. އެ ދުވަސްވަރު މައިގަނޑު ގޮތެއްގައި ކުރެއްވީ، ވޯކީޓޯކީން އަތޮޅުއޮފީހާ ގުޅުއްވައިގެން ފޮނުވަންޖެހޭ މެސެޖް ލިޔުއްވައި ފޮނުއްވުމާއި، މަހުން މަހަށް އަތޮޅުއޮފީހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ލިޔުއްވައި ފޮނުއްވުމާއި، ރަށުގެ ވެރިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭނުންވާ ދުވަސް ދުވަހު އެކަމުގެ އިންތިޒާމުތައް ހަމަޖެއްސެވުމުގެ މަސައްކަތެވެ. މީގެއިތުރުން، ރަށުގައި ހުކުރު ހަމަވާވަރަށް މީހުން ތިބޭ ދުވަސްދުވަހު، ހުކުރު ކުރެވޭކަން ރައްޔިތުންނަށް އެންގެވުމާއި، ރޯދަމަހު ރޯދަ ވީއްލުމަށްޓަކައި ސަންގު ފުންމުމުގެ މަސައްކަތްވެސް ޢައްބާސް އިބްރާހީމް ކުރެއްވިއެވެ. ރާއްޖެއަށް ދިމާވާ އެކިއެކި ހާދިސާތަކާ ގުޅިގެން، ރަށުގެ އާންމު ހާލަތު ހުރިނެތްގޮތް ބެއްލެވުމަށް ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތް ކުރައްވައި، ކާޑު ރިޕޯޓް ނަންގަވައި، ކޮންމެ މަހަކު އެއްފަހަރު، ކާޑު ރިޕޯޓް އަތޮޅުއޮފީހަށް ފޮނުއްވުމުގެ މަސައްކަތްވެސް ގަވާއިދުން ކުރައްވަމުން ގެންދެވިއެވެ. ޢައްބާސް އިބްރާހީމް ކުރައްވައިފައިވާ މައިގަނޑު އެހެން މަސައްކަތްތަކުގެ ތެރޭގައި، މުވައްޒަފުންގެ ހާޒިރީއާ ބެހޭ ކަންކަން ބެލެހެއްޓެވުމާއި، އޮފީހުގެ އިންވެންޓްރީ ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ.

ޢައްބާސް އިބްރާހީމް، ދަނގެތީ ރަށުއޮފީހުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދަނގެތީ އޮފީހުގެ ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަންވެސް ކުރައްވައިފައި ވެއެވެ. މިހާރު އަދާކުރައްވަމުން ގެންދަވާ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމަށް ބަދަލުކުރައްވައިފައި ވަނީ 1 ޖޫން 2021 ގައެވެ.

ޢައްބާސް އިބްރާހީމަކީ، އަސާސީ ތަޢުލީމު އުނގަންނައިދިނުމަށް ރަށުގައި ހިންގި ޕުރޮގުރާމުގެ ދަށުން ކިޔަވައިދެއްވައި، އަދި މުޅި ރަށުން ލިޔަންކިޔަން ނުދަތުން ފޮހެލުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރަށްވެސް، އޭރު ރަށުގައި ކުރާ މަސައްކަތްތަކާއި، ރާއްޖޭގައި ކުރެވޭ ތަރައްޤީގެ މަސައްކަތްތައް އާންމުންނަށް އޮޅުންފިލުވައި ދިނުމުގެ މަގުސަދުގައި ސަރުކާރުން ނެރުއްވި "ފާރުނޫސް" އަށް ބޭނުންވާ މައުލޫމާތު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވަމުން ގެންދާ ވަގުތުގައި އެ މައުލޫމާތު އެއްކުރެއްވުމަށްފަހު، އަދި ރަށުގެ މުހިންމު ކަމެއް ކުރެވިފައިވާނަމަ، އެކަމަކާ ބެހޭ މައުލޫމާތުވެސް ހިމަނުއްވައިގެން، މުޅި ނޫސް އެއްކޮށް ލިޔުއްވައިގެން، ހަފުތާއަކު އެއް ދުވަހު ނެރެ، ފާރުގައި ތަތްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.

ވަޒީފާގެ ހައިސިއްޔަތުން ނޫނަސް، ދަނގެތީގައި ހިންގުނު މުހިންމު ބޮޑު ކޮންމެ މަސައްކަތެއްގައި ޢައްބާސް އިބްރާހީމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، ރަށުގައި އަލަށް މަދަރުސާއެއް އެޅުމަށް ބިން ސާފުކުރުމާއި، މަދަރުސާގެ ވަށާފާރު ރޭނުމުގެ މަސައްކަތުގައްޔާއި، ރައްޔިތުންގެ ޚަރަދުގައި ބިނާކުރި މަދަރުސާ ބިނާކުރެއްވުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރަށް، ރަށު އޮފީހުގައްޔާއި، ދެ މިސްކިތުގައްޔާއި، މަދަރުސާގެ ގޯތިތެރޭގައި ވާރޭފެން އަޅާ ސިމެންތި ތާނގީތައް ހެދުމުގެ މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ރަށުގެ މަދަރުސާގައި މުދައްރިސަކު ނެތިދާ ދުވަސްވަރު، ކުދިންނަށް ކިޔަވައި ދެއްވައިފައިވެސް ވެއެވެ.

2000ވަނަ އަހަރު އަތޮޅު ފެންވަރުގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ރަށުގެ ހުރިހާ ގެއެއްގެ ވަށާފާރު އުސްކޮށް ރޭނުމާއި، ކުޅިވަރު ކޯޓުތައް ތަރައްޤީ ކުރުމާއި، އަދި 2010ވަނަ އަހަރުގެ މިނިވަން ދުވަސް، ކުލަގަދަކޮށް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ހިންގުނު ހުރިހާ ހަރަކާތެއްގެ ގުރޫޕް ލީޑަރެއްގެ ގޮތުގައި ޢައްބާސް އިބްރާހީމް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި 2008ވަނަ އަހަރު ދަނގެތީގައި ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ހިންގުނު ހަރަކާތްތަކުގައްޔާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ދަނގެތީގައި ހިންގި ހުރިހާ ހަރަކާތްތަކެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ކޯވިޑް19-އާ ގުޅިގެން މުޅި ރާއްޖެ ފުރަބަންދަކަށް ދިޔުމާ ގުޅިގެން، ދަނގެތީގައި އެކުލަވައިލެވުނު ޓާސްކްފޯސްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، ރަށުގެ ބަނދަރާއި، ރަށުތެރެ ބެލެހެއްޓެވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް ޢައްބާސް އިބްރާހީމް އަދާކުރައްވައިފައި ވެއެވެ.

ޢައްބާސް އިބްރާހީމް، އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން، މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ދަނގެތީ ކައުންސިލް އިދާރާގެ މުނިސިޕަލް ސެކްޝަން ހިންގަވާ އިސް ބޭފުޅެއްގެ ގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. މި މަސައްކަތްތަކުގެ އިތުރުން، ރަށުގެ މަގުތައް ބެލެހެއްޓެވުމާއި، އޮޑިދޯނިފަހަރު އެހެލާ ސަރަޙައްދު ބެލެހެއްޓެވުމާއި، ބަނދަރާއި ފާލަން ބެލެހެއްޓެވުމާއި، އިޖުތިމާޢީ ސަރަޙައްދުތަކުގެ ދިއްލުންތަކާ ގުޅޭ މަސައްކަތްތަކާއި، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވައެވެ. އަދި އޮޑިދޯނިފަހަރުގެ ސަލާމަތީ ސެޓުފިކެޓު ހެއްދުމާ ގުޅޭ އެންމެހައި ކަންކަމުގެ އިތުރުން، ގޯތިގެދޮރާއި ބިމާ ގުޅޭ އެންމެހައި މަސައްކަތްތަކާއި، ރަށުގައި ހުރި ދެ މިސްކިތަށާއި، ކައިރި ރިޒޯޓުތަކަށް ހުކުރު ކުރުމަށް އިމާމުން ހަމަޖެއްސުމާއި، މިސްކިތްތަކުގެ މަރާމާތު މަސައްކަތްތައް ހިންގަވައި ބެލެހެއްޓެވުންވެސް ޢައްބާސް އިބްރާހީމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައްޔާއި، އަތޮޅު ފެންވަރުގައި ހިންގާ ކުޅިވަރު ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން ޢައްބާސް އިބްރާހީމް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.