އަލްފާޟިލް މުޙައްމަދު އަޙްމަދު
މއ. ހައްސަ

މުޙައްމަދު އަޙްމަދަކީ، ޞިއްޙީގޮތުން ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުވުމަށާއި، ޑޮކްޓަރީ ބޭސްވެރިކަން ރާއްޖޭގެ އަތޮޅުތަކަށް ތަޢާރުފުކޮށްދީ، ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ މަގުސަދުގައި، 1960ވަނަ އަހަރު ސަރުކާރުން ތަމްރީނު ކުރައްވަން ފެށްޓެވި ހެލްތު އެސިސްޓެންޓުން ތަމްރީނު ކުރުމުގެ ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވެވަޑައިގެން، ކޯސް ފުރިހަމަކުރެއްވި ޞިއްޙީ ޚިދުމަތްތެރިއެކެވެ.

ޞިއްޙީ ޚިދުމަތްތެރިން ތަމްރީނު ކުރުމުގެ ކޯހުގައި މުޙައްމަދު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއިރު، އެއްގޮތަކަށްވެސް އިނގިރޭސިބަސް އެނގިވަޑައެއްނުގަންނަވައެވެ. އެހެން ނަމަވެސް، ކޯސް ފެށުނުތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފާއިތުވެދިޔައިރު، ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދެވި ގިނަ ވަގުތުތަކުގައްޔާއި، ކުލާހުގައި ޑޮކްޓަރު ފިލާވަޅު ނަންގަވައި ދެއްވަމުން ގެންދެވި ގިނަ ވަގުތުތަކުގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވީ، މުޙައްމަދު އަޙްމަދެވެ. ހެލްތު އެސިސްޓެންޓުން ތަމްރީނު ކުރުމުގެ ކޯހުގައި ކިޔަވައިދެއްވަމުން ގެންދެވީ، ޢަމަލީ މަސައްކަތްތަކާވެސް އެކުގައެވެ. އެހެންކަމުން، އެ ދުވަސްވަރު ސަރުކާރުން ކުރިއަށް ގެންދެވި މެލޭރިއާއާއި، ފައިލޭރިއާ ޕުރޮގުރާމުގެ މަސައްކަތްތަކުގައި، މުޙައްމަދު އަޙްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެއިތުރުން، ވިލިނގިލިވަރާއި ބިޔާދޫގައި އޭރުތިބި ލެޕްރަސީ ބަލިމީހުންނަށް ފަރުވާ ދެއްވުމަށް ޑޮކްޓަރުން އެ ރަށްރަށަށް ކުރެއްވި ގިނަ ދަތުރުތަކުގައިވެސް މުޙައްމަދު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ހެލްތު އެސިސްޓެންޓުން ތަމްރީނު ކުރުމުގެ ކޯހުގެ ފުރަތަމަ ބުރު ފުރިހަމަކުރެއްވުމަށްފަހު، މުޙައްމަދު އަޙްމަދަށް ދައުލަތުގެ ވަޒީފާ ލިބިވަޑައިގަތީ، 7 ޖަނަވަރީ 1964 ގައެވެ. އޭރު ދެއްވީ، ޞިއްޙަތުގެ ހެލްތު އެސިސްޓެންޓެއްގެ ވަޒީފާއެވެ. މުޙައްމަދު އަޙްމަދަށް ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ، ގޭގޭގައި ތިބޭ ބަލިމީހުން ބައްލަވައި ފަރުވާ ދެއްވުމަށް ޑޮކްޓަރު ވަޑައިގަންނަވާއިރު، ތަރުޖަމާނެއްގެ ގޮތުން ޑޮކްޓަރުގެ އަރިހުގައި ގޭގެއަށް ޒިޔާރަތް ކުރެއްވުމެވެ. އޭގެ ދުވަސްކޮޅެއް ފަހުން މުޙައްމަދު އަޙްމަދު މަސައްކަތް ކުރެއްވީ، ވިލިނގިލިވަރާއި ބިޔާދޫގައި ތިބި ބަލިމީހުންނަށް ފަރުވާދެއްވުމަށްޓަކައި ކ. ގުރައިދޫގައެވެ. އެ ރަށުގައި ހުންނެވި ދުވަސްވަރު ކޮންމެ ދުވަހަކު ދޯންޏެއްގައި، ފަލިޖަހާފައި، އެ ދެ ރަށަށް ދަތުރުކުރެއްވިއެވެ. ދޮޅު މަހެއްހާ ދުވަހު ގުރައިދޫގައި ޚިދުމަތް ކުރެއްވުމަށްފަހު، ވަޒީފާ ބަދަލުކުރެއްވީ، ޑަބްލިޔޫ.އެޗު.އޯ. އިން ރާއްޖޭގައި ކުރިއަށް ގެންދިޔަ، މެލޭރިއާ ޕުރޮޖެކުޓުގެ މަސައްކަތަށެވެ. އެ މަސައްކަތާ އެކުގައި މާލޭގައި ކުރިއަށް ގެންދިޔަ، ކުޑަކުދިންނަށް ބީ.ސީ.ޖީ. ވެކްސިން ދިނުމުގެ މަސައްކަތަކީވެސް އޭރު މުޙައްމަދު އަޙްމަދުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް މެއެވެ.

އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބުމުގެ މަސައްކަތްތައް ހިނގަމުންދިޔަ ދުވަސްވަރު ގަމުގައި ހުރި ހޮސްޕިޓަލާ ހަވާލުވުމަށް ސަރުކާރުން ފޮނުއްވުމާ ގުޅިގެން، ހޮސްޕިޓަލާ ހަވާލުވެވަޑައިގެން އެތާނގެ މަސައްކަތްތައް މުޙައްމަދު އަޙްމަދު ބެލެހެއްޓެވިއެވެ. އޭގެފަހުން ހިތަދޫގައި ހުޅުވި ހެލްތު ސެންޓަރުގައި ފުރަތަމަ ޚިދުމަތް ކުރެއްވީވެސް މުޙައްމަދު އަޙްމަދެވެ. އައްޑުއަތޮޅުގައި ދޮޅު އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، މާލޭގެ ވަޒީފާއަށް އަލުން ބަދަލުކުރެއްވިއެވެ. އޭރު ހަވާލުވެވަޑައިގެން ކުރެއްވީ، މާލޭގައި ހިންގާ ހޮޓާ، ކެފޭފަދަ ތަންތަނާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓެވުމުގެ މަސައްކަތެވެ. އޭގެއިތުރުން، އިމަރޖެންސީ އެކިއެކި ހާލަތާ ގުޅިގެން ދިމާވާ ޞިއްޙީ މައްސަލަތަކާއި، ބަލިހާލު ބޮޑުވެގެން މާލެ ގެންނަންޖެހޭ މީހުންގެ ކަންތައްތައް ހަމަޖައްސަވައި ބެލެހެއްޓެވިއެވެ. އެގޮތުން، އަތޮޅުތަކުގައި ހާލުބޮޑުވާ ބަލިމީހުންނާ ބެހޭގޮތުން އަތޮޅުތަކުގައި ތިއްބަވާ ޑޮކްޓަރުން ދެއްވާ މައުލޫމާތު، މާލޭގައި ތިއްބަވާ ޑޮކްޓަރުންނަށް ފޯރުކޮށްދެއްވައި، މާލޭގައި ތިއްބަވާ ޑޮކްޓަރުން ދެއްވާ ލަފަޔާއި އިރުޝާދު، އަތޮޅުތަކުގައި ތިއްބަވާ ޞިއްޙީ އެހީތެރިންނަށް ފޯރުކޮށްދެއްވައި، މާލެއަށާއި ރާއްޖޭގެ އެހެން ބައެއް ޞިއްޙީ މަރުކަޒުތަކަށް ގެނެސް، ގެންދަންޖެހޭ ބަލިމީހުންގެ ކަންތައްތައް ރާއްވަވައި ހަމަޖައްސަވައި ދެއްވަމުން ގެންދެވީވެސް މުޙައްމަދު އަޙްމަދެވެ.

ބޭރަށް ހިންގުން ފަދަ ބަލިމަޑުކަމެއް ރަށެއްގައި ފެށިއްޖެނަމަ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރާއްވަވައި ހިންގަވަމުން ގެންދެވުމަކީ، އެ ދުވަސްވަރު މުޙައްމަދު އަޙްމަދު ކުރައްވަމުން ގެންދެވި އެއް މަސައްކަތެވެ. މިގޮތުން، ކޮލެރާއާއި ޝިގެއްލާ ރޯގާ ރާއްޖޭގައި ފެށިގެން އައި ދުވަސްވަރު، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވައި، އެ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމާއި، ބަލިމީހުންނަށް ފަރުވާ ދެއްވުން ފަދަ ގިނަ މަސައްކަތްތަކެއް މުޙައްމަދު އަޙްމަދު ކުރެއްވިކަން ފާހަގަކޮށްލަންޖެހެއެވެ.

މުޙައްމަދު އަޙްމަދަކީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގައި އޭރު ހިންގަމުން ގެންދިޔަ ޕުރޮގުރާމުތައް ރޭއްވެވުމުގައިވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މުޙައްމަދު އަޙްމަދު ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކަކީ، ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. ޞިއްޙީ ދާއިރާގެ ތަފާތު މަގާމުތަކުގައި ހުންނަވައިގެން، އެ ވަގުތަކު ސަރުކާރުން ހަވާލުކުރެއްވި ކޮންމެ ކަމެއް ކުރައްވައިފައި ވަނީ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައެވެ.

މުޙައްމަދު އަޙްމަދު އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ޕަބްލިކް ހެލްތު ޑިވިޜަންގެ ސީނިއަރ ހެލްތު އެސިސްޓެންޓް ކަމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ސީނިއަރ ހެލްތު އެސިސްޓެންޓް ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ މެލޭރިއާ އޮފިސަރ ކަމާއި، ޕުރޮޖެކްޓް އޮފިސަރ ކަމާއި، ޕުރޮގުރާމް ކޯޑިނޭޓަރުކަން ހިމެނެއެވެ. އަދި އެ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު އަޙްމަދަށް ވަނީ މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.