އަލްފާޟިލް އިބްރާހީމް ޙުސައިން
ގ. ނިލަ

އިބްރާހީމް ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 މޭ 1969 ގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑެޓްސް ޑިވިޜަންގެ ކާތިބު ކަމުގެ މަގާމުންނެވެ. އެތާނގައި، މައިގަނޑު ގޮތެއްގައި ކުރެއްވީ، އެ ޑިވިޜަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ އަޑުއަހައިގެން ރިޕޯޓު ތައްޔާރުކުރެއްވުމާއި، ބަޖެޓާ ގުޅޭ އެންމެހައި މަސައްކަތްތަކެވެ. 9 ސެޕްޓެންބަރު 1972 ގައި ޕްރައިމް މިނިސްޓަރުގެ އޮފީހަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީހުގައި އިދާރީ މަސައްކަތްތައް ކުރެއްވިއެވެ. އަދި ޕްރައިމް މިނިސްޓަރުގެ ރަސްމީ ގެކޮޅުގެ ބަޖެޓް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

އެއަށްފަހު، 22 އެޕްރީލް 1975 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރައްވަން ފެށްޓެވި ގޮތަށް، 8 ނޮވެންބަރު 2013 ގައި ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ޚިދުމަތް ކުރެއްވީ، އެ އޮފީހުގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކެބިނެޓް އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ. އިބްރާހީމް ޙުސައިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެއް ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ޗީފް ޕަރސަނަލް އޮފިސަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، އިބްރާހީމް ޙުސައިން އެންމެ ފުރަތަމަ ކުރައްވައިފައި ވަނީ، އަމިއްލަ މީހުން، ސިޓީ މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، ޖަވާބު ދެއްވުމުގެ މަސައްކަތެވެ. އެންމެ ދިގު މުއްދަތަކަށް ކުރައްވައިފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ނޯޕާރ" އާއި، ޕަބްލިކް ސަރވިސް ޑިވިޜަނުގައި، ސަރުކާރުގެ ބައެއް އޮފީސްތަކުގެ ވަޒީފާއަށް މީހުން ހަމަޖެއްސެވުމުގެ މަސައްކަތެވެ. އޭގެތެރޭގައި ހިމެނެނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި، އެ މިނިސްޓްރީގެ ދަށުން ހިންގަވާ އެކިއެކި އޮފީސްތަކުގެ މަގާމުތަކަށް ވަޒީފާ ދިނުމާއި، އެއްވަޒީފާއިން އަނެއް ވަޒީފާއަށް މީހުން ބަދަލުކުރެއްވުމުގެ މަސައްކަތެވެ. އަދި އަތޮޅުތަކުގެ އެކި މަގާމުތަކުގެ ވަޒީފާތަކަށް ހަމަޖައްސަވާ ބޭފުޅުންނާ ބެހޭގޮތުން އެކި ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބައްލަވައި ޖަވާބު ދެއްވުމާއި، އަތޮވެރިން ހަމަޖެއްސެވުމަށްޓަކައި އެކި ބޭފުޅުންނާ ބެހޭގޮތުން އެއްކުރެވޭ މައުލޫމާތު ބެލެހެއްޓެވުމާއި، އަތޮޅުވެރިކަން ދެއްވާ ބޭފުޅުންގެ މައުލޫމާތާއި ރެކޯޑުތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ.

ސިފައިންގެ ވަޒީފާއަށް ވަންނަ މީހުން ހުވައިކުރުވުމާއި، ހުވައި ކުރައްވައިގެން މަގާމާ ހަވާލުވެވަޑައިގަންނަވާ އެހެން ބޭފުޅުން ހުވައި ކުރެއްވުމުގެ އެންމެހައި އިންތިޒާމުތަކާއި، އެ ބޭފުޅުންނަށް ދެއްވާ ފަތްކޮޅު ތައްޔާރުކުރުވުމާއި، ފަތްކޮޅަކުން މަގާމު ދެއްވައިފައިވާ ބޭފުޅަކު މަގާމުން ވަކިކުރައްވަން ނިންމަވައިފިނަމަ، އެކަމާބެހޭ ޤާނޫނީ ލިޔުން ތައްޔާރުކުރުވުމާއި، މަގާމުން ވަކިކުރައްވާ ބޭފުޅެއްގެ ފަތްކޮޅު އަނބުރާ ގެނައުމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވައިފައި ވެއެވެ.

ސަރުކާރުގެ އޮފީސްތަކާއި ވަޒީފާއާ ގުޅޭ ކަންކަން ހަރުދަނާކޮށް ހިންގެވުމަށްޓަކައި އުފެއްދެވި، ނޭޝަނަލް އޮފީސް އޮފް ޕަރސަނެލް އެންޑް އެޑްމިނިސްޓްރޭޝަން ރިފޯމް "ނޯޕާރ" އުފެއްދެވީއްސުރެ އެތާނގެ މަސައްކަތުގައި އިބްރާހީމް ޙުސައިން ޝާމިލުވެވަޑައިގެންފައި ވެއެވެ. އަދި އޮފީހެއް އުފައްދަވަން ނިންމަވައިފިނަމަ ނުވަތަ އޮފީހެއްގެ ނަން ބަދަލުކުރައްވަން ނިންމަވައިފިނަމަ، އެ އޮފީހެއްގެ މުވައްޒަފުންގެ ރަޖިސްޓަރީ ތައްޔާރުކުރެއްވުމާއި، ގެންނަވާ ބަދަލާ ގުޅޭގޮތަށް އެ އޮފީސްތަކުގެ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

އިބްރާހީމް ޙުސައިން ކުރެއްވި ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި "ވަޒީފާގެ ކަންތައްތައް ހިންގުމުގެ ގަވާއިދު" އެކުލަވައިލެއްވުމުގެ މަސައްކަތާއި، ސިވިލް ސަރވިސްގެ ޤާނޫނު، 2008ވަނަ އަހަރު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ސިވިލް ސަރވިސް ކޮމިޝަން އުފެއްދުމުގެ މަސައްކަތްތަކާއި، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރަށްރަށުގައި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލުތައް އުފެއްދުމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އިބްރާހީމް ޙުސައިން ބައިވެރިވެވަޑައިގެންނެވި ޚާއްޞަ އެހެން މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް އަކިރި ހަދިޔާކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އަކިރި ހަދިޔާކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.

އިބްރާހީމް ޙުސައިން، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، ފާހަގަކުރެވިފައިވަނީ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް، އޮފީހުން ހަވާލުކުރާ މަސައްކަތްތައް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މަސައްކަތުގެ މާޙައުލުގައި ރީތި ނަމޫނާ ދެއްކެވި، ގަޑިއަށް ފަރުވާ ބެހެއްޓެވި، ހީވާގި ބޭފުޅެއްގެ ގޮތުގައެވެ. އަދި، ކުއްލިއަކަށް ދިމާވާ މުހިންމު ކަންކަމާ ގުޅިގެން ވަގުތުން އޮފީހަށް ހާޒިރުވެވަޑައިގެން، ޚާއްޞަ މަސައްކަތްތައް ކުރެއްވުމުގައި ގިނަވަގުތު އޮފީހުގައި ހޭދަކުރައްވައިފައިވާ، އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މެދުކެނޑުމެއްނެތި 37 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އިބްރާހީމް ޙުސައިނަށް ވަނީ، އެކަމުގެ ހަނދާނީ ފިލާ 2022ވަނަ އަހަރު އަރުވައިފައެވެ.