ޢާއިޝަތު ޝަހީމާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 22 މޭ 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ގަވަރންމަންޓް ހޮސްޕިޓަލްގެ ނަރސް އެއިޑްގެ ވަޒީފާއެވެ. 1 އެޕްރީލް 1982 ގައި، ސެންޓްރަލް ހޮސްޕިޓަލްގެ ނަރސްއެއިޑްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތުމަށްފަހު، ސެންޓްރަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރުސް ކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ އެކްސްރޭ އެސިސްޓެންޓް ކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ ރޭޑިއޯގްރަފީ އެސިސްޓެންޓްކަން ވަނީ އަދާކުރައްވައިފައެވެ. އަދި އެއަށްފަހު، 28 ނޮވެންބަރު 1994 ން ފެށިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ރޭޑިއޯގްރަފީ އެސިސްޓެންޓް ކަމާއި، ސީނިއަރ ރޭޑިއޯގްރަފީ އެސިސްޓެންޓްކަން ވަނީ އަދާކުރައްވައިފައެވެ. ޢާއިޝަތު ޝަހީމާ މިހާރު ހުންނެވި އައި.ޖީ.އެމް.އެޗް.ގެ ރޭޑިއޯގްރަފީ އެސިސްޓެންޓުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ 1 މޭ 2023ން ފެށިގެންނެވެ.
މި ވޭތުވެދިޔަ 43 އަހަރު ދުވަހުގެ ދިގު މުއްދަތުގެ ތެރޭގައި، ޢާއިޝަތު ޝަހީމާ ވަނީ، ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ލާމަސީލު ނަމޫނާއެއް ދައްކަވައިފައެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވޭ ޚިދުމަތެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި ޢުދުވާނީ ހަމަލާ ކަމުގައިވާ 3 ނޮވެންބަރު 1988ގެ ހަމަލާތަކުގައި ޒަޚަމްވެގެން ގެނެވުނު މީހުންނަށް ޚިދުމަތް ކުރުމުގައި ޝަހީމާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ކަމެވެ.
މީގެއިތުރުން، މިހާރުވެސް ދުވަހުން ދުވަހަށް ބަލިމީހުންނަށް ޚިދުމަތް ދެއްވުމުގައި، ޢާއިޝަތު ޝަހީމާ ގެންދަވަނީ ހީވާގިކަމާއި އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުންނެވެ. ޢާއިޝަތު ޝަހީމާއަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.