އަލްފާޟިލް ޙަސަންމަނިކު
ގ. ހުދުމުރަކަ

ޙަސަންމަނިކު، ނުވަތަ އާންމު ނަމުން ދަންނަވާނަމަ، ގުޅީ ޙަސަންމަނިކަކީ، 43 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚިދުމަތް ފެށްޓެވީ، 4 ޖަނަވަރީ 1964 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުއްދާޚިލިއްޔާގެ ޕިޔޯނު ކަމެވެ. އޭގެފަހުން، ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ޕިޔޯނު ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ގަލޮޅު ގްރީންގޭގެ ޕިޔޯނު ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނު ކަމާއި، ކަސްޓަމްސްގެ ޕިޔޯނު ކަމާއި، އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރުގެ ޕިޔޯނު ކަމާއި، ވަޒީރުލްއަޢުޡަމްގެ ރަސްމީ ގެކޮޅުގެ ބާޒާރުކުރާ ކަމާއި، ކަސްޓަމްސްގެ އިންސްޕެކްޓަރުކަން ކުރައްވައިފައި ވެއެވެ.

23 ޖުލައި 1975 ން ފެށިގެން 1 މޭ 2008 ގައި ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޙަސަންމަނިކު ޚިދުމަތް ކުރައްވަމުން ގެންދެވީ މުލީއާގޭގައެވެ. މުލީއާގޭ ޕިޔޯނު ކަމާއި، 1 ނަންބަރު ޕިޔޯނު ކަމާއި، ސަރުދާރު ކަމާއި، 1 ނަންބަރު ސަރުދާރު ކަމާއި، ރިޔާސީ ގަނޑުވަރުގެ ވެލްފެއަރ އޮފިސަރ ގްރޭޑް 2 ކަމާއި، ވެލްފެއަރ ސަރވިސަސް ސުޕަވައިޒަރ ކަމާއި، ވެލްފެއަރ ސަރވިސަސް ސުޕަވައިޒަރ ގްރޭޑް 1ގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޙަސަންމަނިކު، ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގެން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ވަޒީފާ އަދާކުރެއްވި އޮފީސް އޮފީހުން އެކި އޮފީސްތަކަށާއި، ވަކިވަކި މީހުންނަށް ފޮނުވަންޖެހޭ ސިޓީ ހަވާލުކުރެއްވުމާއި، އެކިއެކި ކަންކަމާ ގުޅިގެން އޮފީހަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރުވުމަށް ދެންނެވުން ފަދަ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

ޙަސަންމަނިކު، ރިޔާސީ ގަނޑުވަރުގެ ވެލްފެއަރ އޮފިސަރެއްގެ މަގާމު އަދާކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެހީގެ ދަށުން ބޭސްފަރުވާ ކުރަންޖެހޭ މީހުންނާ ބެހޭ ކަންތައްތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ. އެގޮތުން، ބަލިމީހުން ހޮސްޕިޓަލަށް ފޮނުއްވުމާއި، ޑޮކްޓަރަށް ދެއްކެވުމާއި، ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް އެހީތެރިވެދެއްވުމާއި، ބޭސް ނަންގަވައި ދެއްވުން ފަދަ ކަންކަން ކުރައްވައިފައި ވެއެވެ.

ޙަސަންމަނިކަކީ، އިޚުލާޞްތެރިކަމާއި، ކެތްތެރިކަމާއި، ފަރުވާތެރިކަމާ އެކުގައި، ކަމަށް ކަމޭހިއްތަވައިގެން، މުވައްޒަފުންނާ ގާތުން، ހުރިހާ މުވައްޒަފުންނާވެސް ގުޅިގެން ޚިދުމަތް ކުރެއްވި ނަމޫނާ ޚިދުމަތްތެރިއެކެވެ.