އަލްފާޟިލާ ޙައްވާ ދާއޫދު
ފުސްފަރު ނ. ލަންދޫ

ޙައްވާ ދާއޫދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ލަންދޫ ރަށު އޮފީހުގައި، އާއިލާގެ އެހީތެރިޔާގެ ވަޒީފާގައި 7 މޭ 1980 ގައެވެ. ލަންދޫގެ ޞިއްޙީ ނިޒާމުގެ ބިންގާ އެޅިގެން އައި ދުވަހުން ފެށިގެން ޚިދުމަތުގައި ގުނަމުން މިދާ 43 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، ލަންދޫ ޞިއްޙީ މަރުކަޒުގެ ކުރިއެރުމާއި، ރައްޔިތުންގެ ޞިއްޙަތަށް އަގުނުކުރެވޭ އެތައް މަސައްކަތްތަކެއް، ޙައްވާ ދާއޫދު ވަނީ ކޮށްދެއްވައިފައެވެ. ޓެކްނޮލޮޖީއާއި ހިންގުމުގެ ނިޒާމަށް އަންނަމުންދިޔަ ކުރިއެރުންތަކާ އެކުގައި، އާއިލާގެ އެހީތެރިޔާގެ މަގާމު، ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމަށް ބަދަލުވުމާ ގުޅިގެން، ކިޔަވައިގެން ވަޒީފާގެ މާހައުލަށް ނުކުންނަ ޒުވާން ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޙައްވާ ދާއޫދު މިހާރު އަދާކުރައްވަމުން ގެންދަވާ ލަންދޫ ޞިއްޙީ މަރުކަޒުގެ އެޓެންޑެންޓެއްގެ މަގާމަށް 10 މާރިޗު 2014 ގައި ބަދަލުވެވަޑައިގެންފައި ވެއެވެ. އެ މަގާމުގައި ހުންނަވައިގެން، އޯ.ޕީ.ޑީ. ޑިޕާޓްމަންޓާއި، ލެބޯރެޓަރީ ސާފުކޮށް ބެލެހެއްޓެވުމާއި، ނަރުހުންގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ދެއްވައި، ތަނުގެ ސާފުތާހިރުކަމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި ޙައްވާ ދާއޫދު، ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ވަޒީފާ ބަދަލުވިނަމަވެސް، ޕަބްލިކް ހެލްތުން ހިންގަވާ ބައެއް ޕުރޮގުރާމުތަކުގައި ޙައްވާ ދާއޫދުގެ ޚިޔާލާއި ތަޖުރިބާ، މަރުކަޒަށް ވަރަށް ފުރިހަމައަށް ލިބެމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޙައްވާ ދާއޫދު ވަޒީފާ އަދާކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން، އެހެން މުވައްޒަފުންގެ މަސައްކަތުގައިވެސް އެއްބާރުލުން ދެއްވައެވެ. އަދި ޞިއްޙީ މަރުކަޒުގެ ގޯތިތެރެ ޒީނަތްތެރި ކުރުމަށް ހިންގޭ، މާއަޅާ ގަސް އިންދުމުގެ ހަރަކާތްތަކަށް ވަރަށް ބޮޑު އެއްބާރުލުމެއްވެސް ޙައްވާ ދާއޫދު ދެއްވައެވެ.

ރަށުއޮފީހުގައި ކުޑަގޮތަކަށް ފެށިގެން އައި ޞިއްޙީ ޚިދުމަތް ފުޅާވެގެން، ވަކި އިދާރާއެއްގެ ގޮތުގައި ލަންދޫ ޞިއްޙީ މަރުކަޒު ޤާއިމުކުރެވި، އައިސްފައިވާ ކުރިއެރުންތަކާ އެކުގައި، ޚިދުމަތް ދިނުމުގައި ޙައްވާ ދާއޫދުގެ ތަޖުރިބާއާއި އެހީތެރިކަން ލިބެމުންދާކަން ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ތަޢާރުފު ނުވާއިރު، ކުޑަކުދިން ހެދިބޮޑުވުމުގެ ރެކޯޑާއި، ދޭތެރެ ދުރުކުރާ އާލަތްތަކުގެ ސްޓޮކާއި، އެހެނިހެން ލިޔެކިޔުންތައް، ފޮތުގައި އަތުން ލިޔުއްވައިގެން ފަރުވާތެރިކަމާ އެކުގައި ބަލަހައްޓަވައިފައި ވެއެވެ.

ޙައްވާ ދާއޫދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ. މިގޮތުން، ލަންދޫ ޞިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓަށް، ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުންނަށް، ހިންގުމުގެ ތަޖުރިބާ ހިއްސާ ކުރެއްވުމާއި، ޢާންމު ޞިއްޙަތާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތައް ހިންގެވުމުގައި އެހީތެރިވެދެއްވައި، ތަޖުރިބާ ހިއްސާ ކުރައްވަމުން ގެންދަވައެވެ. އަދި ޚިދުމަތް ފެށްޓެވިއިރު، ފަނީބޭސް ދިނުމާއި، ބޭސް އެޅުމުގެ ޚިދުމަތް، އަމިއްލަފުޅު ގޭގައި ރައްޔިތުންނަށް ވަނީ ފޯރުކޮށްދެއްވައިފައެވެ.

ޙައްވާ ދާއޫދަކީ، އުފަލާ އެކުގައި ރައްޔިތުން ބަލައިގެންފައިވާ އިޚުލާޞްތެރި އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ. ހަމައެއާއެކު، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ "އަންހެނުންގެ ކޮމިޓީ"ގެ މެންބަރު ކަމާއި، އެ ކޮމިޓީގެ ރައީސާއެއްގެ ގޮތުގައިވެސް ޙައްވާ ދާއޫދު ވަނީ މަސައްކަތް ކުރައްވައިފައެވެ.