އަލްފާޟިލް އަބޫބަކުރު މުޙައްމަދު
ހުޅުމާލެ. ފްލެޓް ނަންބަރު 04-3-3

އުމުރުން އެންމެ 23 އަހަރުގައި އަބޫބަކުރު މުޙައްމަދު، ޞިއްޙީ ދާއިރާގެ ޚިދުމަތަށް ވެންނެވި ގޮތަށް އެއީ، ދިރިއުޅުމުގެ އެންމެ މުހިންމު މަސައްކަތަށް ހެއްދެވިއެވެ. މި ޚިދުމަތް ފެށިގެން އައީ 7 ޖަނަވަރީ 1964ގައި، ހެލްތު އެސިސްޓެންޓެއްގެ ވަޒީފާ ލިބިވަޑައިގެންނެވި ހިސާބުންނެވެ. އޭގެ 43 އަހަރު ފަހުން ސަރުކާރުގެ ވަޒީފާއިން މުސްކުޅި ކުރެއްވުމާ ހަމަޔަށް އަބޫބަކުރު މުޙައްމަދަކީ، ޞިއްޙީ ދާއިރާއިން ފެނުނު ޤައުމީ ޚިދުމަތްތެރިއެކެވެ.

އެއީ، ޒަމާނީ ޞިއްޙީ ޚިދުމަތުގެ ފުރަތަމަ ކުލަވަރު ރާއްޖެއަށް ފޭދެން ފެށި ދުވަސްވަރެވެ. ޑޮކްޓަރީ ބޭސްވެރިކަމުގެ ފައިދާ، ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވުމުގެ ދޮރުތައް މަޑުމަޑުން ހުޅުވެން ފެށީ އެ ދުވަސްވަރުއެވެ. އަބޫބަކުރު މުޙައްމަދަކީ، ދުނިޔޭގެ ޞިއްޙަތާ ބެހޭ މައި ޖަމުޢިއްޔާ، ޑަބްލިޔު.އެޗް.އޯ. އިން ރާއްޖޭގައި ހިންގި ޞިއްޙީ އެހީތެރިން ތަމްރީނު ކުރުމުގެ ފުރަތަމަ ކޯހުގެ ބައިވެރިއެކެވެ. އަމިއްލަ ރަށް، ހއ. ދިއްދުއަށް ހެލްތު އެސިސްޓެންޓުގެ ވަޒީފާގައި 1979ވަނަ އަހަރު ބަދަލުވެވަޑައިގަތުމާ ހަމަޔަށް މަސައްކަތް ކުރެއްވީ މާލޭގައެވެ. ޚިދުމަތުގެ ދިގު މުއްދަތުގައި، އަބޫބަކުރު މުޙައްމަދު ވަޒީފާ އަދާކުރައްވައިފައިވާ އިދާރާތަކުގެ ތެރޭގައި، ވުޒާރަތުއްޞިއްޙާ އާއި، ޕަބްލިކް ހެލްތު ޑިވިޜަނާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު އަދި ފަހުން ހއ. އަތޮޅު ހޮސްޕިޓަލް ހިމެނެއެވެ.

އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ހެލްތު އެސިސްޓެންޓް ކަމާއި، ސީނިއަރ ހެލްތު އެސިސްޓެންޓް ކަމާއި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާ ކަމާއި، ސުޕަވައިޒަރު ކަމާއި އަދި ރީޖަނަލް ހެލްތު އޮފިސަރުކަން ހިމެނެއެވެ.

ހއ. އަތޮޅު ރައްޔިތުންގެ މެދުގައި ''ސެންޓަރު ބަކުރު"ގެ ނަމުން އަބޫބަކުރު މުޙައްމަދު މަޝްހޫރުވީ، ދިއްދޫގައި އޭރު ހުރި ކުޑަކުޑަ އިމާރާތެއްގައި ފެށްޓެވި ޚިދުމަތާ އެކުގައެވެ. އެއީ، އެއްގޮތަކުން ބަލާނަމަ، ހއ. އަތޮޅަށް ޒަމާނީ ޞިއްޙީ ޚިދުމަތުގެ ފުރަތަމަ ސަފުހާ ހުޅުވައިލަދެއްވި ޚިދުމަތްތެރިޔާއެވެ. ދިއްދޫގައި ހަމައެކަނި ހުންނެވީއެއް ނޫނެވެ. އަތޮޅުގެ އެހެން ރަށްރަށަށް ވަޑައިގެން، އެތައް ބަޔަކަށް ފަރުވާ ދެއްވިއެވެ. ސަރުކާރުން އެދިވަޑައިގަންނަވާ ގޮތަކަށް، އެދިވަޑައިގެންނެވި ތަނަކަށް ވަޑައިގަންނަވައެވެ.

އޭރު، ދޭތެރެ ދޭތެރެއިން ރާއްޖޭގައި ފެތުރޭ ބޭރަށް ހިންގުމުގެ ރޯގާތަކުގައި، އަބޫބަކުރު މުޙައްމަދު ފެނުނީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދެއްވުމުގެ ޢަމަލީ މަސައްކަތުގައި ބިރެއް ނެތި އުޅުއްވި ތަނެވެ. ކޮލެރާއާއި ޝިގެއްލާ ފަދަ ނުރައްކާތެރި ބޭރަށް ހިންގުމުގައި އެތައް ބަޔަކު ރާއްޖޭގައި މަރުވިއެވެ. އެގޮތުން، 1978 ގައި މުޅި ރާއްޖޭގައި ފެތުރުނު ކޮލެރާގައި، ބ. އަތޮޅަށް ސަރުކާރުން ފޮނުއްވި ޓީމުގައި އަބޫބަކުރު މުޙައްމަދު ހިމެނިވަޑައިގަތެވެ. އޭރުވެސް އެތައް ބަޔަކު މަރުވެއްޖެއެވެ. ނަމަވެސް، އެކަމަށް ބޭނުންވާ ޒަމާނީ ފަރުވާއާއި ތަޖުރިބާގެ ބޭނުންކުރައްވައިގެން ފެށްޓެވި ފަރުވާގައި، އޭގެ ފަހުން، މީހެއްގެ ފުރާނަ ނުގޮސް ބަލިން ރައްކާތެރިވެވުނެވެ.

އޭގެފަހުން، 1982 ގައި ރާއްޖެއާ ކުރިމަތިލާން ޖެހުނީ ޝިގެއްލާ ބޭރަށް ހިންގުމެވެ. މުޅި ރާއްޖޭގައި ރޯގާ ފެތުރުނުއިރު، ހއ. ދިއްދޫގައި މާތްﷲ ގެ ރަޙްމަތްފުޅާއެކު، މީހެއްގެ ފުރާނަ ގެއްލުނަނުދީ ހިފެހެއްޓުނީ، ރަށުގެ މީހުން ބުނާގޮތުގައި، "ސެންޓަރު ބަކުރު"ގެ ހީވާގިކަމުންނެވެ.

ޤައުމީ މި ޚިދުމަތުގެ ގާތްގަނޑަކަށް 30 އަހަރު އަބޫބަކުރު މުޙައްމަދު ހޭދަކުރެއްވީ، ހއ. ދިއްދޫގައެވެ. އަތޮޅުގެ ވެރިރަށަށް ވުމުން އެހެން ރަށްރަށުގެ ގިނަ ބަޔަކުވެސް އޭރު ޞިއްޙީ ޚިދުމަތް ހޯދަން ދަނީ އަބޫބަކުރު މުޙައްމަދުގެ އަރިހަށެވެ. އަތޮޅު ޞިއްޙީ މަރުކަޒު ބޮޑުވެ، ޑޮކްޓަރުންނާއި ނަރުހުންގެ ޒަމާން އައިއިރުވެސް ޚިދުމަތުގައި ދެމިހުންނެވިއެވެ.

ރީޖަނަލް ހެލްތު އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް، 1 މޭ 2008 ގައި ސަރުކާރުގެ ވަޒީފާއިން މުސްކުޅި ކުރެއްވުމާ ހަމައަށް އުފުއްލެވި ޒިންމާތަކަކީ، އަބޫބަކުރު މުޙައްމަދުގެ މުޅި ޙަޔާތުގެވެސް އެންމެ އަގުހުރި މަސައްކަތެވެ. އެ އޯގާތެރިކަމާއި އަޅައިލުމުގެ މަތިން ހަނދާން ނުނެތޭނެ އެތައް ސަތޭކަ ބަޔަކު މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެއީ، އޭގެ ބަދަލުގައި އެހެން ފައިދާއެއް ނެންގެވުމުގެ މަގުސަދެއްވެސް ނެތް، ސާފު ހިތަކާ އެކުގައި ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކެވެ.