އަލްފާޟިލް ޢަލީ ޝަރީފް
ނިކަގަސްދޮށުގެ ސ. ހިތަދޫ

ޢަލީ ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އެއަރޕޯޓް އޮފީހުގެ މީޓިއޮރޮލޮޖިކަލް އޮބްޒާވަރ ކަމުގެ ވަޒީފާއެވެ. ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ އުފެއްދެވުމާ ގުޅިގެން، 1 ޖުލައި 1980 ން ފެށިގެން އެ ޑިޕާޓްމަންޓްގެ މީޓިއޮރޮލޮޖިކަލް އޮބްޒަރވަރ ކަމާއި، އެސިސްޓެންޓް ފޯކާސްޓަރ ކަމާއި، މީޓިއޮރޮލޮޖިކަލް ފޯކާސްޓަރ ކަމާއި އަދި ސީނިއަރ މީޓިއޮރޮލޮޖިކަލް ފޯކާސްޓަރ ކަމާއި، މީޓިއޮރޮލޮޖިސްޓް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ އަދި ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވައިފައި ވެއެވެ. އަދި މިހާރުވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، މީޓިއޮރޮލޮޖީގެ މަގާމުގައި ހުންނެވުމާއެކު، ޢަލީ ޝަރީފް ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 44 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ވޭތުވެދިޔަ 44 އަހަރަށްވުރެ ދިގު މުއްދަތުގައި، ޢަލީ ޝަރީފް ޚިދުމަތް ކުރައްވައިފައި ވަނީ މޫސުމާބެހޭ ދާއިރާގައެވެ.

ޢަލީ ޝަރީފް ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މޫސުން ބެއްލެވުމާއި، ވައިގެ ދަތުރުފަތުރަށް ބޭނުންވާ މެޓް ރިޕޯޓް ތައްޔާރުކުރެއްވުމާއި، ކަނޑާއި ވައިގެ ދަތުރުތަކަށާއި، ޤުދުރަތީ ކާރިސާތަކުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ މޫސުން ކުރިއަށް ލަފާކުރުމާއި، މޫސުމީ އިންޒާރު ދިނުމާއި، މޫސުމީ ރެކޯޑު ބެލެހެއްޓެވުމުގެ އިތުރުން، އޮފީހުގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނު ކުރެއްވުމާއި، މޫސުމީ އަރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުން ހިމެނެއެވެ.

ޢަލީ ޝަރީފް ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ މޫސުން، ކުރިއަށް އޮންނަ 24 ގަޑިއިރަށާއި، ކުރިއަށް އޮންނަ 3 ދުވަހަށާއި، 5 ދުވަހަށާއި، ނުވަތަ 7 ދުވަހަށް ލަފާކުރާ މޫސުމާބެހޭ ރިޕޯޓުތަކުގެ ޞައްޙަކަން ކަށަވަރު ކުރެއްވުމާއި، ރިޕޯޓުތަކުގެ ފެންވަރު މަތިކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، މުވައްޒަފުން ތަމްރީނު ކުރުމުގެ ފުރުޞަތުތައް ހޯއްދަވައި ދެއްވުން ހިމެނެއެވެ. އަދި މޫސުމީ ޞައްޙަ މައުލޫމާތާއި، ދުރާލައި ދޭ އިންޒާރު، ގިނަ ފަރާތްތަކަކަށް ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްލެޓްފޯމްތަކުން އެ މައުލޫމާތު އަވަހަށް އަދި ފަސޭހަކަމާ އެކުގައި ލިބޭނެ މަގު އަދި ފަސޭހަކަމާއެކު ފެންނާނެ މަގު ތަނަވަސްކޮށްދެއްވުމުގެ މަސައްކަތް ހިމެނެއެވެ. ހަމައެހެންމެ، ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް ފޯރުކޮށްދޭ މޫސުމާބެހޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، މެޓް އޮފީހަކީ އައި.އެސް.އޯ. ސަޓިފައިޑް އޮފީހަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތް ހިމެނެއެވެ.

ކަނޑާއި، އެއްގަމާއި، ޖައްވުގެ މޫސުމީ މައުލޫމާތު އެއްކުރުމަށް، 2011 އިން 2012 އަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ފަންނީ މާހިރުން ބައިވެރިވެގެން، ދެކުނު އޭޝިޔާގެ ސަރަހައްދުގައި ހިންގުނު އެންމެބޮޑު ދިރާސާ މަސައްކަތް "ޑައިނަމޯ" ރިސަރޗް ޕްރޮޖެކްޓް، ރާއްޖޭގައި ހިންގުމުގެ އިސް ދައުރު އަދާކުރެއްވީ، ޢަލީ ޝަރީފްކަން ފާހަގަކޮށްލަން ޖެހެއެވެ. 2004 ޑިސެންބަރު 26 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ކާރިސާއާ ގުޅިގެން، ދިވެހިރާއްޖެ ފަދަ ކުދި އަދި ވަސީލަތްތައް މަދު ޤައުމުތަކުގެ ރައްކާތެރިކަމާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް، ދުނިޔޭގެ ފެންވަރުގެ ޖަމުޢިއްޔާއެއް އުފެއްދުމުގެ ވިސްނުމުގައި، ސަރަހައްދީ ބައެއް ޤައުމުތަކާ މަޝްވަރާ ކުރެވި، ޔޫ.އެން.އެސްކޭޕް ޓްރަސްޓް ފަންޑުގެ މާލީ އެހީތެރިކަމުގައި "ރީޖަނަލް އިންޓަރގްރޭޓެޑް މަލްޓިހެޒާޑް އަރލީ ވޯނިންގ ސިސްޓަމް ފޮރ އޭޝިޔާ އެންޑް އެފްރިކާ" (ރައިމްސް)އޭ ކިޔުނު އިންޓަރ ގަވަރންމެންޓަލް އޯގަނައިޒޭޝަނެއް، 2009 އެޕްރީލް 30ވަނަ ދުވަހު ހުޅުލޭގައި ވުޖޫދު ކުރެވުނުއިރު، މި ޖަމުޢިއްޔާ އުފެއްދެވުމަށް އެންމެ ގިނަ މަސައްކަތް ކުރައްވައިފައި ވަނީ ޢަލީ ޝަރީފެވެ. ރައިމްސް ސެކްރެޓޭރިއެޓުގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ކުރި މަސައްކަތުން މިދިޔަ 15 އަހަރުގެ ތެރޭގައި، އޭޝިޔާއާއި އެފްރިކާ އަދި ޕެސިފިކްގެ 22 ޤައުމެއް މި ޖަމުޢިއްޔާއާ ގުޅިފައި ވެއެވެ.

1991 މޭ މަހުގެ 30ވަނަ ދުވަހު، އައްޑުއަތޮޅު މަތިން ހުރަސްކުރި ތޫފާނުގެ އިންޒާރު ދުރާލައި ދެއްވުމާއި، ވަށައިގެން މާސިންގާ ކަނޑު އޮންނަ އަދި ކަނޑުދަތުރަށް ބަރޯސާވާ، ރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޞައްޙަ ފޯކާސްޓްތަކެއް ފޯރުކޮށްދެވިފައިވާ ކަމަށް ގަބޫލުކުރެވިގެން، 1999ވަނަ އަހަރު، ޑަބްލިޔު.އެމް.އޯ. ޕެނަލް އޮން ޓްރޮޕިކަލް ސައިކްލޯންސް (ޕީ.ޓީ.ސީ.) އިން ވަނީ ރާއްޖޭގެ މޫސުމާބެހޭ އިދާރާއަށް "ސްމިތު ތުމްސަރޯކް ފައުންޑޭޝަން އެވޯޑް" ދީފައެވެ. އޭރު ޢަލީ ޝަރީފަކީ، ފޯކާސްޓިންގގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މުވައްޒަފެވެ.

މޫސުމާބެހޭ އިދާރާގައި މެދުނުކެނޑި 19 އަހަރަށްވުރެ ގިނަ ދުވަހު ލާމަސީލު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ، 1999ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ޢަލީ ޝަރީފަށް ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، އޮފީހަށް 30 އަހަރަށްވުރެ ގިނަ ދުވަހު އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި، 2015ވަނަ އަހަރު، އޭރުގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ދެއްވި ހަނދާނީ ލިޔުމާއި ޓްރޮފީވެސް ޢަލީ ޝަރީފަށް ލިބިވަޑައިގެންފައި ވެއެވެ.