އަލްފާޟިލް އަޙްމަދު ޙުސައިން
ދަފްތަރު. ނަންބަރު ރސ 8881، މާލެ

އަޙްމަދު ޙުސައިން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 26 ފެބުރުވަރީ 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕިޔޯނު ކަމުގެ ވަޒީފާއެވެ. އޭރު މައިގަނޑު ގޮތެއްގައި ކުރެއްވީ، އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެއްޗާއި، ސަރުކާރުގެ އޮފީސްތަކަށާއި، އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތަކާއި އެންގުންތައް، އެ ފަރާތްތަކަށް ރައްދުކުރުމާއި، އޭރު އޮންނަ ސެންސަރު ބޯޑުގެ މެންބަރުންނަށް، ބައްދަލުވުންތަކަށް ދެންނެވުމުގެ މަސައްކަތެވެ.

އޭގެފަހުން، 3 ނޮވެންބަރު 1980 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އިންސްޕެކްޓަރުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. އެ ވަޒީފާގައި ހުންނަވައިގެން ކުރެއްވި އެއް މަސައްކަތަކީ، މާލޭގެ އެކި ގޭގެއިން މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތައް ބައްލަވައި، އެ ޝަކުވާތަކުގެ ތަފުސީލު މިނިސްޓްރީން ކަމާބެހޭ މުވައްޒަފުންނަށް ހުށަހެޅުއްވުމާއި، މާފުށީގައި ހުންނަ ކުޑަކުދިންގެ އިޞްލާޙިއްޔާއާ ގުޅޭގޮތުން ނަގަންޖެހޭ ރިޕޯޓުތައް ނެންގެވުމުގެ މަސައްކަތެވެ.

އަޙްމަދު ޙުސައިން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތީ 10 ޖަނަވަރީ 1984 ގައެވެ. އެ ވަޒީފާގައި ހުންނަވައިގެން، މައިގަނޑު ގޮތެއްގައި ކުރެއްވީ، ބަޖެޓާ ބެހޭ އެންމެހައި މަސައްކަތްތަކެވެ. ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރެއްވުމާއި، ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ހުއްދަ ދެއްވާ ފޮތް ބެލެހެއްޓެވުމާއި، މުވައްޒަފުންނަށް މުސާރަ ދެއްވުމާއި، އެކި ތަންތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކޭޝިއަރަކަށް އަޙްމަދު ޙުސައިން ބަދަލުކުރެއްވިއެވެ. އެ މަގާމުގައި ހުންނަވައިގެން ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފިލްމު ސެންސަރު ބޯޑުން ހުއްދަ ދެއްވާ ކޮޕީ ފިލްމުތަކަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމާއި، ގަލޮޅު ރަސްމީ ބޯޅަދަނޑުން ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއާއި، ބޯޅަދަނޑުގެ ފިހާރަތަކުން ލިބެންޖެހޭ ކުލީގެ ފައިސާއާބެހޭ ކަންތައްތައް ބަލަހައްޓަވައި، ބޯޅަދަނޑު ހެދުމަށް ނަގާފައިވާ ލޯނު އެކައުންޓާ ބެހޭ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ.

އަޙްމަދު ޙުސައިން އަދާކުރައްވައިފައިވާ އެހެން ވަޒީފާތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނސްޓްރޭޓިވް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކޮންސްޓްރަކްޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ.

މި މަގާމުތަކުގައި ހުންނަވައިގެން، އަޙްމަދު ޙުސައިން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓްރީގެ ފަރާތުން އަތޮޅުތެރޭގައި ހިންގަމުން ގެންދާ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯއްދެވުމާއި، މަސައްކަތް ހިނގަމުންދާ ރަށްރަށަށް އެ ތަކެތި ފޮނުއްވުމާއި، އެ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ފޮނުއްވާ ތަކެތި ހަމަޔަށް ލިބިފައިވޭތޯ ބެއްލެވުމުގެ މަސައްކަތް ހިމެނެއެވެ.

2004ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ގެދޮރު ހަލާކުވި ރަށްރަށުގެ މީހުންނަށް ވަގުތީހިޔާތައް ހެދުމަށްޓަކައި ހޯދަންޖެހުނު ތަކެތި ހޯއްދަވައި، އެ ތަކެތި އެ ރަށްރަށަށް ފޮނުއްވުމާއި، ބޭނުންވާ ވަރަށްވުރެ ގިނައިން ތަކެތި ފޮނުވިފައި ހުރި ރަށްރަށުން އެ ތަކެތި ނަންގަވައި، އެ ތަކެތި ބޭނުންވާ އެހެން ރަށްރަށަށް ފޮނުއްވުމުގެ މަސައްކަތްވެސް އަޙްމަދު ޙުސައިން ކުރެއްވިއެވެ. މީގެއިތުރުން، މިނިސްޓްރީގެ ވެހިކަލްތަކާއި، އުޅަނދުފަހަރު ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.

އަޙްމަދު ޙުސައިން، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 44 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޚިދުމަތުގައި މިހާހިސާބަށް މި ވަޑައިގެންނެވުނީ، އަޙްމަދު ޙުސައިންގެ މައްޗަށް ތިއްބެވި ވެރިން ދެއްވި އިރުޝާދާއި، އެ ބޭފުޅުން ދެއްވި ނަސޭހަތުގައި ހިއްޕަވައިގެންނެވެ. ޚާއްޞަ ގޮތެއްގައި، އޭރުގެ މިނިސްޓަރ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ނަންފުޅު، އަޙްމަދު ޙުސައިން ފާހަގަކުރައްވައެވެ. އެކި ކަންކަން ކުރެއްވުމުގައި، އެ މަނިކުފާނު ދެއްވި އިރުޝާދާއި، އަދި އެ މަސައްކަތްތަކުގެ ވައްޓަފާޅި ދަސްކުރެއްވީ، އެ މަނިކުފާނުގެ އަރިހުންނެވެ.