އަލްފާޟިލް މޫސާ ޙުސައިންފުޅު
ގުލްފާމްގެ ތ. ހިރިލަންދޫ

މޫސާ ޙުސައިންފުޅު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1958ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. ޚިދުމަތް ފެށްޓެވީ، ތ. ހިރިލަންދޫ ކަތީބު ކަމުންނެވެ. އޭގެކުރިން، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ރައްޔިތުންގެ މާލިއްޔާ ބަލަހައްޓަވައިފައި ވެއެވެ.

މޫސާ ޙުސައިންފުޅުގެ ޚިދުމަތުގެ ދިގު ތާރީޚުގައި އަދާކުރެއްވި އެންމެ ޝަރަފުވެރި މަގާމަކީ، ތ. އަތޮޅު އަތޮޅުވެރިޔާގެ މަގާމެވެ. މި މަގާމު ހޯއްދެވީ، އޭރު ހަމަޖެއްސެވި އުސޫލުގެ ދަށުން އަތޮޅު ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ރައްޔިތުންގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މޫސާ ޙުސައިންފުޅު ހިމެނިވަޑައިގަތީ، ތ. އަތޮޅުގައި ވޯޓު ލައިގެން އިންތިޚާބު ކުރެވުނު ފުރަތަމަ އަދި ހަމައެކަނި އަތޮޅުވެރިޔާ ކަމުގައެވެ. އަތޮޅުވެރިކަން ލިބިވަޑައިގަތީ، 25 އޮކްޓޫބަރު 1969 ގައެވެ. އެ މަގާމުން ވަކިވެވަޑައިގަތީ 17 މޭ 1973 ގައެވެ.

މޫސާ ޙުސައިންފުޅު ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި، ގިނަ އަހަރުތަކެއް ހޭދަކުރެއްވީ، ތ. ހިރިލަންދޫ ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރެއްވުމުގައެވެ. އެކި ދުވަސްވަރު އެކި މުއައްސަސާތަކުން ބަލަހައްޓާ މަގާމެއްގެ ގޮތުގައެވެ. އެގޮތުން، ހިރިލަންދޫ ކަތީބުކަން ފުރަތަމަ ކުރެއްވީ، ވުޒާރަތުއް ދާޚިލިއްޔާގެ މަގާމެއްގެ ގޮތުގައި ހުންނަވައިގެންނެވެ. ތ. އަތޮޅު އަތޮޅުވެރިޔާގެ މަގާމު އަދާކުރެއްވުމަށްފަހު، އެޓޮލްސް ޑިވިޜަންގެ ސަދަން ރީޖަނަލް އޮފީހުގައިވެސް މޫސާ ޙުސައިންފުޅު ޚިދުމަތް ކުރެއްވިއެވެ. އޭގެފަހުން، ހިރިލަންދޫ މުދިމު ކަމުގެ މަގާމާއި، ހިރިލަންދޫ ކަތީބު ކަމުގެ މަގާމާއި، ބޮޑުކަތީބު ކަމުގެ މަގާމު އަދާކުރެއްވިއެވެ.

މޫސާ ޙުސައިންފުޅު، ހިރިލަންދޫ ކަތީބު ކަމުގައި ހުންނެވި ދުވަސްވަރު، ކޮޅުމަޑުލު އަތޮޅު ކޮމިޓީގެ މެންބަރުކަން ކުރެއްވިއެވެ. އަދި އަތޮޅުގައި ހިންގާ ގިނަ މަޝްރޫޢުތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އޭގެތެރޭގައި، ޤައުމީ ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ރަށު ފެންވަރުގައި ހިންގި ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި ހިރިލަންދުއަށް އިޖުތިމާޢީ، އިޤްތިޞާދީ، އަދި ޢުމްރާނީ ތަރައްޤީ ގެނެސް ދެއްވުމުގައި، މޫސާ ޙުސައިންފުޅު މުހިންމު ދައުރެއް އަދާކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. ތ. އަތޮޅު ހެލްތު ސެންޓަރ ހުޅުވުނީވެސް މޫސާ ޙުސައިންފުޅުގެ އަތޮޅުވެރިކަމުގެ ދުވަސްވަރުއެވެ.

ހިރިލަންދޫގައި އަންހެނުން އިސްނަގައިގެން ހިންގި މަޝްރޫޢެއްގެ ގޮތުގައި އަދި ރައްޔިތުންގެ ބައިވެރިވުމާ އެކުގައި، 1983ވަނަ އަހަރު ރަށަށް ކަރަންޓުގެ ޚިދުމަތް ދެއްވަން ފެށްޓެވުމާއި، ރައްޔިތުންގެ ބައިވެރިވުމާ އެކުގައި އަލަށް އޮއިވާލި ކަނދުފަތިއެޅީވެސް މޫސާ ޙުސައިންފުޅުގެ އިސްނެންގެވުމުގެ މަތީންނެވެ.

މީގެއިތުރުން، ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން، ބިން ހިއްކުމާއި، ހެލްތު ޕޯސްޓެއް ގާއިމުކުރެވި، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރެއްވުމާއި، ރައްޔިތުންގެ މަދަރުސާގެ ނާޒިރުގެ ހައިސިއްޔަތުން މަދަރުސާ ހިންގަވައި ތަޢުލީމު އުނގަންނައިދެއްވުން ފަދަ ގިނަ ޚިދުމަތްތައް ދެއްވުމުގައި މޫސާ ޙުސައިންފުޅުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ކަތީބު ކަމުގެ މަގާމުގައި ހުންނެވިއިރު، މަދަރުސާ ކުދިން ނަމާދަށް އަހުލުވެރިކުރުވުމަށާއި، ދީނީގޮތުން ކޮންމެހެން އެނގެންޖެހޭ ކަންކަން އެ ކުދިންނަށް އޮޅުންފިލުއްވައި ދެއްވުމުގެ މަސައްކަތްވެސް މޫސާ ޙުސައިންފުޅު ކުރައްވައިފައި ވެއެވެ.

މޫސާ ޙުސައިންފުޅުގެ ޚިދުމަތުން ފާހަގަކުރެވޭ އަނެއްކަމަކީ، ރަށުގެ ވެރިޔަކަށް ހުންނެވި ދުވަސްވަރު، އަންހެނުންގެ ތަރައްޤީއަށް ކުރެއްވި މަސައްކަތެވެ. މި މަސައްކަތް ވަނީ ޤައުމީ ފެންވަރުގައިވެސް ފާހަގަކުރެވިފައެވެ. އަދި މި މަސައްކަތަށް އެކިފަހަރު މަތިން ރަށަށް 1 ވަނަ ލިބިފައި ވެއެވެ.

މޫސާ ޙުސައިންފުޅު 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.