އަލްފާޟިލް މުޙައްމަދު އިބްރާހީމް
ބޮޑުގަސްދޮށުގެ ޅ. ކުރެންދޫ

މުޙައްމަދު އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 13 ފެބުރުވަރީ 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކޯޓު ނަންބަރު 7ގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއެވެ. 5 މާރިޗު 1980 ގައި ޅ. ހިންނަވަރު ޕްރައިމަރީ ސްކޫލްގެ ޕްރައިމަރީ ޓީޗަރުގެ ވަޒީފާއަށް ބަދަލުވެވަޑައިގެން، 3 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު،
ޅ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. އަދި މުޙައްމަދު އިބްރާހީމް، ޅ. އަތޮޅު މަދަރުސާގެ އެސިސްޓެންޓް ހެޑްމާސްޓަރުގެ މަގާމުގައްޔާއި، ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައްޔާއި، ޑެޕިއުޓީ ޕްރިންސިޕަލް، އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ޚިދުމަތް ކުރެއްވިއެވެ. 15 އެޕްރީލް 2024 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، އެޑްމިނިސްޓްރޭޓަރުގެ މަގާމުގައެވެ.

މި މުއްދަތުގެ ތެރޭގައި، މުޙައްމަދު އިބްރާހީމް، ކޯޓު ނަންބަރު 7 ގައި ވަޒީފާ އަދާކުރެއްވިއިރު، ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އަދި ފައިސާއާބެހޭ ލިޔެކިޔުންތައް ތައްޔާރުކުރައްވައި ބެލެހެއްޓެވުމުގެ މަސައްކަތް ހީވާގިކަމާ އެކުގައި ކުރެއްވިއެވެ.

މުޙައްމަދު އިބްރާހީމް، ޅ. ހިންނަވަރު ޕްރައިމަރީ ސްކޫލްގެ ޕްރައިމަރީ ޓީޗަރުގެ ވަޒީފާގައި ހުންނަވައިގެން ކިޔަވައިދެއްވުމުގެ އިތުރުން، މަދަރުސާގެ އިދާރީ ކަންތައްތައް ބެލެހެއްޓެވުމުގެ އިސްވެރިއެއްގެ ގޮތުން، ފަރުވާތެރިކަމާ އެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

މުޙައްމަދު އިބްރާހީމް، ޅ. އަތޮޅު މަދަރުސާގައި ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި ހުންނަވައިގެން، ޕްރައިމަރީ ކުލާސްތަކާއި، ޚާއްޞަ ކުލާސްތަކުގެ ދަރިވަރުންނަށް ކިޔަވައިދެއްވިއެވެ. އަދި ޅ. އަތޮޅު މަދަރުސާގެ އެސިސްޓެންޓް ހެޑްމާސްޓަރުގެ މަގާމަށް ބަދަލުވެވަޑައިގެން، ދެ ދަންފަޅިއަށް ކިޔަވައިދެއްވުމުގެ އިތުރުން، މަދަރުސާގެ އިދާރީ ކަންކަން، ހީވާގިކަމާއެކުގައި ހިންގަވައި ބަލަހައްޓަވައިފައި ވެއެވެ. އަދި މަދަރުސާގެ އިސް ވެރިއެއްގެ ގޮތުން، މަދަރުސާ ހިންގުމުގެ އެންމެހައި ކަންތައްތައް، މުޙައްމަދު އިބްރާހީމް، ފަރުވާތެރިކަމާއެކުގައި ފަސް އަހަރު ދުވަހު ކޮށްދެއްވައިފައި ވެއެވެ.

މުޙައްމަދު އިބްރާހީމް، ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ބަދަލުވެވަޑައިގަތުމަށްފަހު، މެންދުރުފަހު ދަންފަޅީގެ އިސްވެރިއެއްގެ ގޮތުން، ކިޔަވައިދިނުމުގެ އެންމެހައި ކަންކަން މޮނިޓަރ ކުރައްވައި، ބެލެހެއްޓެވުމުގެ އިތުރުން، މުދައްރިސުންގެ ފިލާވަޅުތައް އޮބްޒަރވް ކުރައްވައި، ފީޑްބެކް ދެއްވައިފައި ވެއެވެ. އަދި ކޯޑިނޭޝަން މީޓިންގތައް ރާއްވަވައި ހިންގަވައި، ކިޔަވައިދިނުމުގެ ކަންކަން ހަރުދަނާ ކުރުމުގެ އިތުރުން، ޤުރްއާން ކިޔެވުމުގެ މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކުރެއްވުމާއި، މަދަރުސާއިން ހިންގޭ އިތުރު ހަރަކާތްތައް ރާއްވަވައި ހިންގެވުމުގެ މަސައްކަތް މުރާލިކަމާ އެކުގައި ކުރައްވައިފައި ވެއެވެ. އަދި ޅ. އަތޮޅު މަދަރުސާ، ސެކަންޑަރީ ސްކޫލަކަށް ބަދަލުކުރުމުގައި، މުޙައްމަދު އިބްރާހީމް އިސް ދައުރެއް އަދާކުރެއްވިއެވެ. ޅ. އަތޮޅު މަދަރުސާގެ އެޑްމިނިސްޓްރޭޓަރގެ މަގާމަށް ބަދަލުވެވަޑައިގަތުމަށްފަހު، މަދަރުސާގެ ޒިންމާދާރު އިސްވެރިޔާގެ ހައިސިއްޔަތުން ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓެވުމާއި، އިދާރީ އެންމެހައި ކަންކަން ފަރުވާތެރިކަމާ އެކުގައި ބަލަހައްޓަވައިފައި ވެއެވެ.

މުޙައްމަދު އިބްރާހީމް މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައިނުވާ ކަމާއި، އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ހަމަ އެއާއެކު، މަދަރުސާގެ މުވައްޒަފުންނާއި، އެކި ކަންކަމުގައި އޮފީހަށް އަންނަ ފަރާތްތަކަށްވެސް، އެކަންކަމުގައި ޢަމަލުކުރެވެން އޮންނަ ގޮތް އޮޅުންފިލުއްވައި ދެއްވައި، ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ދެއްވައިފައި ވެއެވެ.

މުޙައްމަދު އިބްރާހީމަކީ، ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވަމުން ގެންދެވި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި އެހެން މުވައްޒަފުންނަށް އޯގާތެރި، ހިތްހެޔޮ، ރީތި މިސާލު ދެއްކެވި ނަމޫނާ ޚިދުމަތްތެރިއެކެވެ.