އަލްފާޟިލާ ނާޝިދާ މުޙައްމަދު
ވައިޖެހޭގެ ކ. ތުލުސްދޫ

ނާޝިދާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 ޖަނަވަރީ 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ތުލުސްދޫގައި އާއިލާގެ އެހީތެރިއެއްގެ ވަޒީފާއެވެ. އެ ވަޒީފާގައި 8 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، 23 ޖުލައި 1989 ގައި މާލެއަތޮޅު އަތޮޅުއޮފީހުގެ ކާތިބެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ.

ނާޝިދާ މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 44 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، މާލެއަތޮޅު އަތޮޅުއޮފީހުގެ ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. އަދި މިހާރު ނާޝިދާ މުޙައްމަދު އަދާކުރައްވަމުން ގެންދަވަނީ، މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަގާމެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ނާޝިދާ މުޙައްމަދު ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، ޢާއިލާގެ އެހީތެރިޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާއި، އަތޮޅުއޮފީހުގެ އިދާރީ ހުރިހާ މަސައްކަތެކެވެ. މީގެއިތުރުން، އަތޮޅުއޮފީހުން ތަޙުޤީޤު ކުރާ މައްސަލަތަކުގެ ތަޙުޤީޤު ބަޔާންތަކާއި، ޔައުމިއްޔާއާއި، ޚާއްޞަ ޔައުމިއްޔާ ލިޔުއްވުމާއި، އޮފީހަށް ލިބޭ ލިޔުންތަކާއި ތަކެތި ބަލައިގަނެ، ސެކްޝަންތަކާ ހަވާލުކުރުން ފަދަ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައެވެ. އަދި އަތޮޅު ކައުންސިލްގެ ބިއުރޯގެ މަސައްކަތްވެސް ނާޝިދާ މުޙައްމަދު ވަރަށް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވައެވެ. މިގޮތުން، ކައުންސިލްގެ މެންބަރުންގެ އެންމެހައި ކަންކަމާއި، ކައުންސިލުން ފާސްކުރާ ޤަރާރުތަކާ ބެހޭގޮތުން ކުރަންޖެހޭ ކަންކަމުގައްޔާއި، ކަންކަން ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. 2019ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑުގެ ހާލަތުގައި، ތުލުސްދޫގައި އެކުލަވައިލެވުނު ޓާސްކްފޯހުގެ މެންބަރެއްގެ ގޮތުގައި ނާޝިދާ މުޙައްމަދު ހިމެނިވަޑައިގެން ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ.

ނާޝިދާ މުޙައްމަދު މި މަސައްކަތްތައް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި އެއްވެސް ބާވަތެއްގެ މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ހަމަ އެއާއެކުގައި، ނާޝިދާ މުޙައްމަދަކީ، ގަޑިއަށް ފަރުވާތެރި މުވައްޒަފެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ނާޝިދާއަކީ ވަޒީފާ އަދާކުރެއްވުމުގައި، ވަރަށް ފަރުވާތެރިކަމާ އެކުގައި، މަސައްކަތަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ މުވައްޒަފެކެވެ. ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށްހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާ މުވައްޒަފެކެވެ. ނާޝިދާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ދިމާވާ ކަންކަމުގައި އެހީތެރިވެދެއްވައި، ކުރީގެ ލިޔެކިޔުންތަކާއި، ދުވަސްވީ މީހުންނާބެހޭ މައުލޫމާތު ހޯއްދަވައި ދެއްވުމުގައި އެހީތެރިވެދެއްވަމުން ގެންދަވައެވެ.

ނާޝިދާ މުޙައްމަދަކީ، ތުލުސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އޭރު ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ، ތުލުސްދޫގައި ޕްރީސްކޫލެއް ނެތުމާއެކު، ޕްރީސްކޫލެއް އެޅުމުގެ މަސައްކަތެވެ. އެހެންކަމުން، ރަށު އޮފީހުގައި ދަންނަވައިގެން މިކަމަށް ބިމެއް ހޯއްދަވައި، ޕްރީސްކޫލް އެޅުމުގެ މަސައްކަތުގައްޔާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެ ސްކޫލް ހިންގެވުމުގައި ޢަމަލީގޮތުން ނާޝިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކޮށްލަން ޖެހެއެވެ.