އަލްފާޟިލް މޫސާ މުޙައްމަދު
އިރުމަތީގެ ށ. ބިލެތްފަހި

މޫސާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ށ. ބިލެތްފަހީ ކޯޓުގެ މަސައްކަތު މީހެއްގެ މަގާމުގައި 6 ސެޕްޓެންބަރު 1979 ގައެވެ. ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި މޫސާ މުޙައްމަދު މިހާރު ހުންނެވީ، ބިލެތްފަހީ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރގެ މަގާމުގައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، މޫސާ މުޙައްމަދު އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާ ކަމާއި، ބިލެތްފަހީ ޞިއްޙީ މަރުކަޒުގެ ޢާއިލާގެ އެހީތެރިޔާ ކަމާއި، ފެމިލީ ހެލްތު އޮފިސަރ ކަމާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ފެމިލީ ހެލްތު އޮފިސަރ ކަމާއި، ބިލެތްފަހީ ކައުންސިލްގެ އިދާރާގެ ފެމިލީ ހެލްތު އޮފިސަރ ކަމާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފެމިލީ ހެލްތު އޮފިސަރުކަން ހިމެނެއެވެ.

މޫސާ މުޙައްމަދު، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ށ. ބިލެތްފަހީ ކޯޓަށް މީހުން ހާޒިރުވުމަށް އެންގެވުމާއި، ފޮޅައި ސާފުކުރުމުގެ މަސައްކަތާއި، މަސް ރިޕޯޓް ނެންގެވުމާއި، މެސެޖް ލިޔުއްވައި ފޮނުއްވުމާއި، އެކި ރަށްރަށަށް އަންގަވަންޖެހޭ އެންގެވުންތައް، ވޯކީޓޯކީގެ ޒަރީއާއިން އެންގެވުމާއި، ވެކްސިން ދެއްވުމާއި، މާބަނޑު މީހުންނާ ގުޅުންހުރި މަސައްކަތްތަކާއި، ކުޑަކުދިންގެ ބަރުދަން ބެއްލެވުމާއި، އާންމު ޞިއްޙަތުގެ އެންމެހައި މަސައްކަތްތައް ހިމެނެއެވެ.

މޫސާ މުޙައްމަދު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ޝިގެއްލާއާއި ކޮލެރާ ރޯގާ ކޮންޓްރޯލް ކުރެއްވުމުގެ މަސައްކަތާއި، އެކިއެކި އަތޮޅުތަކުގައި މޯބައިލް ޓީމުތަކާއެކު ވެކްސިން ދިނުމުގެ ޕުރޮގުރާމު ހިންގެވުމާއި، ވީ.އެސް.އޯ.އާ ގުޅިގެން ޢާއިލާ ރޭވުމުގެ ޕުރޮގުރާމުގެ މަސައްކަތްތަކާއި، މެލޭރިއާއާއި ފައިލޭރިއާއަށް މީހުން ޓެސްޓް ކުރުމާއި، ޓީ.ބީ. ބައްޔަށް ޝައްކުވާ މީހުންގެ ސާމްޕަލް ނަންގަވައި ފޮނުއްވުން ފަދަ މަސައްކަތްތައް ހިމެނެއެވެ. ޢާއިލާ ރޭވުމުގެ މަސައްކަތުގެ ތެރެއިން އާބާދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި، ޢާއިލާގެ އެހީތެރިއެއްގެ ގޮތުން ކުރެއްވި ބުރަ މަސައްކަތްޕުޅުން އާބާދީ ކޮންޓްރޯލް ކުރުމުގެ ނަމޫނާ ފެހިފަތް، ބިލެތްފައްސަށް ލިބިގެންދިޔުމުގައި، މޫސާ މުޙައްމަދު އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މީގެއިތުރުން، ޞިއްޙީ ގޮތުން ފާހަގަކުރެވޭ އެންމެހައި ދުވަސްތައް ރަށު ފެންވަރުގައި ފާހަގަކުރެއްވުމުގައްޔާއި، ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ މުނާސަބަތުތަކުގައި އިސްނަންގަވައިގެން މޫސާ މުޙައްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ވީ.އެސް.އޯ. އާއި، އެޗް.އެސް.ޓީ.ސީ. އަދި ޑީ.ޕީ.އެޗް.ގެ ފަރާތުން ހިންގި ޢާއިލާގެ އެހީތެރިންގެ ފެންވަރު މަތިކުރުމުގެ ކޯހުގެ ހަނދާނީ ލިޔުމާއި، ކުޅުދުއްފުށީގައި ބޭއްވުނު ތެލަސީމިޔާއާ ބެހޭ މަސައްކަތު ބައްދަލުވުމުގެ ހަނދާނީ ލިޔުމާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާ ގުޅިގެން ބޭއްވެވި، އުފަންވެނި ޞިއްޙަތުގެ ހަނދާނީ ލިޔުމާއި، އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފަރާތުން ބޭއްވެވި އޮއްޓަރު ހުރި ކާނާއާބެހޭ މަސައްކަތު ބައްދަލުވުމުގެ ހަނދާނީ ލިޔުން، މޫސާ މުޙައްމަދު ވަނީ ހާސިލު ކުރައްވައިފައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މޫސާ މުޙައްމަދު ވަނީ ޞިއްޙީ އެކިއެކި ތަމްރީނު ޕުރޮގުރާމުތަކުގައްޔާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތަކުގައްޔާއި، މަސައްކަތު ބައްދަލުވުން ފަދަ ކަންކަމުގައި ބައިވެރިވެވަޑައިގެން ތަޖުރިބާ ހޯއްދަވައިފައެވެ.