އަލްފާޟިލް ޢަބްދުއްލަޠީފް މުޙައްމަދު
ގ. ފެހިނިރު

ޢަބްދުއްލަޠީފް މުޙައްމަދު، ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 26 މޭ 1969 ގައި، ޕްރިންޓިންގ ޑިވިޜަނުގެ އެއް ނަންބަރު ކާތިބުގެ ވަޒީފާއިންނެވެ. އޭރު ކުރެއްވީ "ވިޔަފާރި މިއަދު" ނޫސް ޗާޕުކުރުމަށް ސްޓެންސިލް ލިޔުއްވުމުގެ މަސައްކަތެވެ. ޕްރިންޓިންގ ޑިވިޜަން އުވާލެއްވުމާ ގުޅިގެން، އެތަނުން ކުރެއްވި މަސައްކަތްތައް ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ އަށް ބަދަލުކުރެއްވުމުން، މަސައްކަތް ކުރައްވަމުން ގެންދެވީ، އެ ޑިޕާޓްމަންޓުގައެވެ. ނޫސް ނެރުއްވުން ހުއްޓަވައިލެއްވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސްގެ އެއް ނަންބަރު ކާތިބުގެ ވަޒީފާއަށް ބަދަލުކުރެއްވުމުން، އެ މިނިސްޓްރީގައި އިދާރީ ބައެއް މަސައްކަތްތައް ކުރެއްވިއެވެ. އަދި 23 މާރިޗު 1972 ގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިންގެވި، ނީލަން ފިހާރައިގެ ދެ ނަންބަރު ކާތިބުގެ ވަޒީފާއަށް ބަދަލުކުރެއްވުމަށްފަހު، 31 ޖަނަވަރީ 1973 ގައި، ޕްރައިމް މިނިސްޓަރުގެ އޮފީހުގެ އެއް ނަންބަރު ކާތިބުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ.

ޕްރައިމް މިނިސްޓަރުގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް ޢަބްދުއްލަޠީފް މުޙައްމަދު ބަދަލުކުރެއްވީ 22 އެޕްރީލް 1975 ގައެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ލީގަލް އެފެއާޒް އޮފީހުގެ ޑިރެކްޓަރުގެ މަގާމުގައެވެ. ޢަބްދުއްލަޠީފް މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، އެ އޮފީހުގެ އެކި ސެކްޝަންތަކާއި އޮފީސްތަކުގައި ތަފާތު ވަޒީފާތައް އަދާކުރައްވައިފައި ވެއެވެ. އެގޮތުން، އެ އޮފީހުގެ އެއް ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގަތުމަށްފަހު، ޢަބްދުއްލަޠީފް މުޙައްމަދު ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އޮފީސް އޮފީހުންނާއި، އަމިއްލަ މީސްމީހުން ފޮނުވާ ސިޓީތަކާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތު ހޯއްދެވުމާއި، ސިޓީތަކަށް ދޭ ޖަވާބު ތައްޔާރުކުރެއްވުމާއި، ޕްރެޒިޑެންޝަލް އެޑްރެސް، އޮޓޯކިޔުއަށް ލިޔެ ތައްޔާރުކުރުވުމާއި، ޕްރެޒިޑެންޝަލް އެޑްރެސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އެޕޮއިންޓްމަންޓުތަކަށް ވަޑައިގަންނަވާ ބޭފުޅުން ގެންނަވާ މައްސަލަތަކާ ގުޅިގެން އޮޅުންފިލުވަންޖެހޭ ކަންކަން އޮޅުންފިލުއްވުމާއި، ކުލަބް، ޖަމުޢިއްޔާ، ޕާޓީ ފަދަ ތަންތަނާއި، ނޫސް މަޖައްލާ ފަދަ ތަކެތި ރަޖިސްޓަރީ ކުރުމާބެހޭ ކަންކަން ބެލެހެއްޓެވުމާއި، ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ ބައެއް މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ސަރުކާރުން ހަދާ ގަވާއިދުތައް އެކުލަވައިލުމާ ބެހޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން، ޔުނިފޯމު އަޅަންޖެހޭ މުއައްސަސާތަކުގެ މުވައްޒަފުންގެ ޔުނިފޯމު އެކަށައަޅައި ފާސްކުރުމާ ގުޅޭ މަސައްކަތްތަކާއި، ޤައުމީ ކުޅިވަރު މުބާރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ވާދައިގެ ތަށްޓާއި، ފައިސާގެ އިނާމު ދިނުމާބެހޭ މަސައްކަތްތައްވެސް ޢަބްދުއްލަޠީފް މުޙައްމަދު ކުރައްވައިފައި ވެއެވެ.

ލީގަލް އެފެއާޒް އޮފީހުގައި މަސައްކަތް ކުރެއްވިއިރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤާނޫނީ ބިލުތަކާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، އެ ބިލުތައް ތަޞްދީޤު ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރަންޖެހޭ ކަންތައްތައް ކުރައްވައިފައި ވެއެވެ. އަދި، ޤާނޫނު ނަންބަރު 2/2010 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަޢާފު ދެއްވާ ނުވަތަ އަދަބު ލުއިކޮށްދެއްވާ މީހުންނާ ބެހޭގޮތުން ހޯދަންޖެހޭ އެންމެހައި މައުލޫމާތުތައް، ކަމާބެހޭ ފަރާތްތަކުން ހޯއްދެވުމުގެ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ޢަބްދުއްލަޠީފް މުޙައްމަދު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް އަކިރި ހަދިޔާ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އަކިރި ހަދިޔާ ކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.

ޢަބްދުއްލަޠީފް މުޙައްމަދު، 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، ފާހަގަކުރެވިފައި ވަނީ މަޑުމައިތިރިކަމާއި، މުރާލިކަމާއެކުގައި، ހަވާލުކުރައްވާ މަސައްކަތްތައް އެ ގަޑިއަކަށް ނިންމަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި އޮފީހުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓަވައި، މަސައްކަތުގެ އަޚުލާޤު ހިފެހެއްޓެވި، އެހެން މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މެދުކެނޑުމެއްނެތި 38 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޢަބްދުއްލަޠީފް މުޙައްމަދަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022ވަނަ އަހަރު އަރުވައިފައެވެ.