އަލްފާޟިލް އިބްރާހީމް މޫސާ
ހުސްނުހީނާގެ ނ. މަނަދޫ

 އިބްރާހީމް މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 13 ޖަނަވަރީ 1964 ގައި ނ. އަތޮޅު އަތޮޅުއޮފީހުގެ ބަނޑޭރި ކަމުގެ މަގާމުންނެވެ. އިބްރާހީމް މޫސާ، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ނ. އަތޮޅު އަތޮޅުއޮފީހުގެ ބަނޑޭރި ކަމާއި، ސަރުދާރުކަން ވަނީ ކުރައްވައިފައެވެ. 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، އިބްރާހީމް މޫސާ ރިޓަޔަރ ކުރެއްވީ، އުމުރުން 65 އަހަރު ވުމުން، ވަޒީފާއިން ރިޓަޔަރ ކުރައްވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން، 1 މޭ 2008 ގައެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން، އިބްރާހީމް މޫސާ ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުގޭގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމާއި، އަތޮޅުވެރިންނާއި، އަތޮޅުގޭގައި ތިއްބަވާ އެހެން ބޭފުޅުންގެ ކަންތައްތަކާއި، އެ ބޭފުޅުންނަށް ފަރީއްކޮޅު އެރުވުމާބެހޭ އެންމެހައި ކަންތައްތަކާއި، އަތޮޅުގެއަށް ޒިޔާރަތް ކުރައްވާ މެހްމާނުންގެ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ. އަދި އަތޮޅުގެއާއި، އަތޮޅުއޮފީހުގެ ގޯތިތެރެއާއި، މަގުމަތި ސާފުކުރެއްވުމާއި، އަތޮޅުގެއާއި އަތޮޅުއޮފީހަށް ހޯދަންޖެހޭ އެންމެހައި ތަކެތި ހޯއްދަވައި ދެއްވުމާއި، އަތޮޅުއޮފީހާއި އަތޮޅުގެއާ ގުޅުންހުރި ހުރިހާ ކަމެއް ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، އަތޮޅުއޮފީހާއި އަތޮޅުގެއިން އިންތިޒާމު ކުރައްވައިގެން ބާއްވާ ހުރިހާ ކަމެއްގައިވެސް އިބްރާހީމް މޫސާ އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.

ވަރަށްދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވި ނަމަވެސް، ދިގު މުއްދަތެއްގައި ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަންކުރެއްވިކަން އެއީ، އިބްރާހީމް މޫސާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.