އަލްފާޟިލް ޢަލީ މޫސާ
ރޭނިގެ ޅ. ނައިފަރު

ޢަލީ މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖޫން 1963 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޅ. އަތޮޅު އަތޮޅުއޮފީހުގެ ވަގުތީ 2 ނަންބަރު ކާތިބު ކަމެވެ. އޭގެފަހުން، ޅ.އަތޮޅު އަތޮޅުއޮފީހުގެ ވަގުތީ ކާތިބު ކަމާއި، 2 ނަންބަރު ކާތިބު ކަމުގެ މަގާމު އަދާކުރެއްވިއެވެ.

18 މާރިޗު 1979ން ފެށިގެން ޢަލީ މޫސާ އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި، ޅ. އަތޮޅު އަތޮޅުއޮފީހުގެ ސެކްރެޓެރީ ކަމާއި، ޅ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާކަން ހިމެނެއެވެ. ޢަލީ މޫސާ ވަނީ 1 ޑިސެންބަރު 1983 ން ފެށިގެން 7 އަހަރު ދުވަސް ވަންދެން ފާދިއްޕޮޅު އަތޮޅުވެރިޔާގެ މަގާމުވެސް ފުރުއްވައިފައެވެ. އަތޮޅުވެރިކަމުގެ މަގާމަށްފަހު، ޢަލީ މޫސާ އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި، ސެލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ މާފިލާފުށީ ޕްރޮޖެކްޓް ކޯޑިނޭޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މާފިލާފުށީ ޕްރޮޖެކްޓް ކޯޑިނޭޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ ކޯޑިނޭޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ސީނިއަރ ކޯޑިނޭޓަރ ކަމުގެ މަގާމާއި، އަދި ޅ. އަތޮޅު އަތޮޅުއޮފީހުގެ ރާއްޖެތެރޭގެ ވަކީލު ކަމުގެ މަގާމު ހިމެނެއެވެ.

ޢަލީ މޫސާ، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި އޮފީސްތަކަށް ފޮނުވާ ސިޓީފަދަ ލިޔުންތައް ލިޔުއްވުމާއި، ޗެކް ކުރެއްވުމާއި، އެފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، ޅ. އަތޮޅު އަތޮޅުއޮފީހުން އިސްނަންގަވައިގެން ރަށުގެ ތަރައްޤީއަށް ކޮށްފައިވާ ތަފާތު މަސައްކަތްތަކުގައި، ޢަލީ މޫސާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން، ރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، ނައިފަރާއި، އަތޮޅުގެ އެހެން ރަށްރަށުގެ ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކުގައި، ޢަލީ މޫސާ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އެގޮތުން، އަތޮޅުގެ ޞިއްޙީ ޚިދުމަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދިޔުމަށާއި، ތަޢުލީމީ ދާއިރާގެ ފަންނީ މަސައްކަތްތައް، އާ ހަރުފަތްތަކަކަށް ގެންދެވުމަށް ޢަލީ މޫސާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ކަމުގެ ފަންނީ މަސައްކަތްތެރިން ހޯއްދަވައިގެން، އަތޮޅުގެ ރަށްރަށުގެ މީހުންނަށް ތަމްރީނު ޕުރޮގުރާމުތައްވެސް ރާއްވަވައި ހިންގެވިއެވެ.

މީގެއިތުރުން، ނައިފަރުގައި ފުރަތަމަ ނެރުނު ނޫސް "ދަންމަރު" އަތުން ލިޔުއްވައި، ފޮޓޯ ހިމަނުއްވައި، އަތުން އަނބުރާ މެޝިނަކުން ޗާޕުކޮށް ނެރުމުގައި ޢަމަލީގޮތުން ޢަލީ މޫސާ މަސައްކަތް ކުރެއްވިއެވެ. ޅ. އަތޮޅު ފެލިވަރުގައި މަގުހެދުމާއި، ބަނދަރު ހެދުމާއި، ފަޅު ފުންކުރުމުގެ މަސައްކަތްތަކުގެ އިތުރަށް، މިހާރުވެސް މަސައްކަތް ހިންގަމުން ގެންދާ ފެލިވަރު ކާރުޚާނާގެ މަސައްކަތް ފެށުމުގައިވެސް މުހިންމު މަސައްކަތްތަކެއް ޢަލީ މޫސާ ވަނީ ކުރައްވައިފައެވެ.

ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ސިލްވަރ އަދި ގޯލްޑަން ޖުބިލީގެ މަސައްކަތްތަކާއި، ޅ. އަތޮޅު ހެލްތު ސެންޓަރުގެ ސިލްވަރ ޖުބިލީގެ ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގުނު ހަރަކާތްތަކުގައި، އެންމެ ކުރީ ސަފުގައި ހުންނަވައިގެން، ޢަލީ މޫސާ ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި މި ޙަފުލާތަކަށް ރަށަށް ވަޑައިގެންނެވި މެހްމާނުންގެ އިންތިޒާމުތައް ހަމަޖެއްސެވުމުގައިވެސް ޚާއްޞަ އިސްކަމެއް ދެއްވައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ.

ފަޅުރަށެއްގެ ގޮތުގައި އޮތް ޅ. އަތޮޅު މާފިލާފުށްޓަކީ، ސަރުކާރުން އަލަށް މީހުން އާބާދު ކުރަން އޭރު ފެށްޓެވި ފަޅުރަށެކެވެ. އެހެންކަމުން، އެ ރަށުގައި ވަޒަންވެރިވަމުން ގެންދިޔަ މީހުންނަށް ބޭނުންވި ހުރިހާ ވަސީލަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވައި، އުމްރާނީ ގޮތުން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ފަޅުފުންކުރުމާއި، ފާލަން އެޅުމާއި، މަގުތައް ހެދުމުގައްޔާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ވަރުބަލިކަމެއްނެތި ޙިކުމަތްތެރިކަމާ އެކުގައި ޢަލީ މޫސާ ކުރެއްވި މަސައްކަތް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ޢަލީ މޫސާ ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 1 މޭ 2008 ގައެވެ. ޢަލީ މޫސާ ދައުލަތަށް ޚިދުމަތް ކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރައްވައިފައި ވަނީ ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.