އަލްފާޟިލާ ޝަހީބާ މުޙައްމަދު
ގ. ގްރޭވިޔު

ޝަހީބާ މުޙައްމަދު، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 17 ޖޫން 1962 ގައި ޕޯސްޓް އޮފީސް (ށ)ގެ ވަގުތީ ކާތިބާއެއްގެ ވަޒީފާއިންނެވެ. 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގަތީ، 27 ޑިސެންބަރު 2009 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދައުލަތުގެ ތަފާތު ދާއިރާތަކުގައި ޝަހީބާ މުޙައްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ފުރަތަމަ އަދާކުރައްވަމުން ގެންދެވި ޕޯސްޓް އޮފީހުގެ ވަޒީފާއިން ޝަހީބާ ބަދަލުވެވަޑައިގަތީ، މަޙްކަމަތުއްޝަރްޢިއްޔާ (ރ)ގެ 2 ނަންބަރު ކާތިބާ ކަމަށެވެ. އޭގެފަހުން، އިލެކްޓްރިކް ޑިޕާޓްމަންޓުގެ 2 ނަންބަރު ކާތިބާ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ 2 ނަންބަރު ކާތިބާ ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ.

15 ނޮވެންބަރު 1979 ގައި ޝަހީބާ މުޙައްމަދު ބަދަލުވެވަޑައިގަތީ، ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލީހުގައި 9 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، މަޖިލީހުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އޮފީސް އެސިސްޓެންޓް ކަމުގެ މަގާމު އަދާކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ޝަހީބާ ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަޖިލީހުގެ ޖަލްސާތައް ނިމުމުން، މަޖިލީހުން ނިންމަވާ މައްސަލަތަކުގެ ރިޕޯޓް ލިޔުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވުން ހިމެނެއެވެ. އަދި މަޖިލީހަށް ހުށަހެޅޭ ބިލުތަކުގެ މައުލޫމާތު، މަޖިލީހުގެ މެންބަރުންނަށް ދެންނެވުމާއި، މަޖިލީހުގެ ޖަލްސާ ބާއްވާނަމަ، މެންބަރުންނަށް ދަންނަވާ ފޮތުގައި ލިޔެ، ޖަލްސާއަށް ދެންނެވުމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އޮންނަ ރޭރޭ، ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ހާޒިރީ ބެލެހެއްޓެވުމާއި، ޖަލްސާގައި މެންބަރުން ދައްކަވާ ވާހަކަފުޅުތައް ނޯޓު ކުރެއްވުމާއި، އެ ޖަލްސާއެއް ނިމުމުން، މަޖިލީހުގެ ސެކްރެޓެރީއަށް އެ ރިޕޯޓް ފޮނުއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. ޒަމާނީ ވަސީލަތްތައް ނެތް ދުވަސްވަރެއްގައި، މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަފުޅުތައް ނޯޓު ކުރައްވައި އަދި މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ބަހުސް ކުރައްވައި ނިންމަވާއިރު، އެ ބިލަކަށް ގެންނަވާ ބަދަލުތައް ބަރާބަރަށް ނޯޓު ކުރައްވައި، ރެކޯޑުތައް ބެލެހެއްޓެވި ބެލެހެއްޓެވުމަކީ، މިއަދު އަޅުގަނޑުމެންގެ ހިތްތަކަށްވެސް ގެންނަން ދަތި، އުނދަގޫ ކަންތައްތަކެކެވެ.

ޝަހީބާ މުޙައްމަދު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ، ސައިންސް އެޑިޔުކޭޝަން ސެންޓަރުގައެވެ. 13 މޭ 1989 ގައި އެ ސެންޓަރުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބަދަލުވެވަޑައިގަތުމަށްފަހު، 27 ޑިސެންބަރު 2009 ގައި ވަކިވެވަޑައިގަތީ، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ސެންޓަރަށް ޚިދުމަތް ކުރެއްވުމަށްފަހުގައެވެ. އެ ސެންޓަރުގެ އެޑްމިނިސްޓްރޭޓަރގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓަރގެ މަގާމާއި، ހެޑް، އެޑްމިނިސްޓްރޭޝަންގެ މަގާމު ފުރުއްވިއެވެ.

ޝަހީބާ މުޙައްމަދު، ސައިންސް އެޑިޔުކޭޝަން ސެންޓަރުގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފައިސާ ބަލައިގަތުމާއި، ސްޓޮކް ބެލެހެއްޓެވުމާއި، ޔައުމިއްޔާ ލިޔުއްވުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ހިމެނެއެވެ. އަދި އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް އިދާރީ މަސައްކަތްތައް ކުރާނެގޮތުގެ މައުލޫމާތާއި އިރުޝާދު ދެއްވައި، އެ މުވައްޒަފުން މަސައްކަތަށް އަހުލުވެރި ކުރެއްވުމުގެ މަސައްކަތްވެސް ހިމެނެއެވެ. ހަމަ އެއާއެކު، ދަރިވަރުން އެކި ކަންކަމަށް އެދުމުން، އޯގާތެރިކަމާއެކުގައި ދަރިވަރުންނާ މުޚާޠަބު ކުރުމަށް މުވައްޒަފުންނަށް ދަސްކޮށްދެއްވިއެވެ. މީގެއިތުރުން، އެ ސެންޓަރުގައި ކިޔަވާ ކުދިންނަށް ސަރުކާރުން އޭރު ދެއްވި ޕޮކެޓްމަނީގެ ކަންކަން ބެލެހެއްޓެވުމަކީވެސް ޝަހީބާގެ މަސައްކަތުގެ ތެރޭގައި ހިމެނިގެންދިޔަ ވަރަށް ޒިންމާދާރު މަސައްކަތެއްވެސް މެއެވެ.

ޝަހީބާ މުޙައްމަދު ކޮންމެ ދާއިރާއެއްގައިވެސް ޚިދުމަތް ކުރައްވައިފައި ވަނީ، ތެދުވެރިކަމާއި ވަފާތެރިކަމާ އެކުގައެވެ. އަދި ކޮންމެ ކަމެއްވެސް ކުރައްވައިފައި ވަނީ، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ކަމެއް ކުރެއްވެން އޮތް އެންމެ ރަނގަޅަކަށް އިޚުލާޞްތެރިކަމާ އެކުގައެވެ.

ޝަހީބާ މުޙައްމަދަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިތާ 14 އަހަރު ފަހުންވިޔަސް، ޝަހީބާ ކޮށްދެއްވި ޚިދުމަތް، މިއަދުގެ ސަރުކާރުން ވަޒަންކުރެއްވި ކަމެވެ. އަދި މިއީ ޝަހީބާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެއްވެސް މެއެވެ.